ލައިފްސްޓައިލް

2020: ދިރިއުޅުމަށް އަވަސް ކަޅިއެއް!

ވިހިވިއްސަކީ އާދަޔާ ހިލާފް އަހަރެކެވެ. ދިވެހިންގެ އުޅުމާއި ގުޅުންތަކަށް ބޮޑު ބަދަލެއް އައި އަހަރެކެވެ. އަހަރުގެ ޖެނުއަރީ އިން ފެށިގެން މިހާ ހިސާބަށް އައި އިރުމިއީ ހީނުކުރާހާ ގޮތަކަށް ދިޔަ އަހަރެކެވެ. ބޭރު ދުނިޔެއަށް ބަލާއިރު އޮސްޓްރޭލިއާ ދިޔައީ އަނދަމުންނެވެ. އެމެރިކާ އިން ދެންމެ ދެންމެ ތިންވަނަ ބޮޑު ހަނގުރާމަ އިއުލާން ކޮށްފާނެ އޭ ކިޔަ ކިޔަ ތިއްބާ މުޅި ދުނިޔެ މަޑުޖައްސާލީ ޗައިނާގެ ވޫހާންގައި ފެތުރެމުން ދިޔަ ކޮވިޑް-19 އޭ ކިޔާ ގޮތްނޭގެ ވައިރަހަކާއި އެކުއެވެ.

ރާއްޖޭ މާލެއަށް އަހަރު ފެށިގެން ދިޔައީ ކާނިވަލް ސްޓޭޖްގައި ދިވެހި މިއުޒީޝަނުންނާއި ފަންނާނުން އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އޮތް މިއުޒިކް ޝޯއަކުންނެވެ.

ޖެނުއަރީ އާއި ފެބްރުއަރީ ދިޔައީ އާދައިގެ ގޮތަކަށެވެ. ސްކޫލްތައް ހުޅުވި ކުދިން އާ ޔުނިފޯމް ލައިގެން ރަކި ހިނިތުންވުމަކާއި އެކީ ސުކޫލް ގޭޓުން ވަދެގެން ދިޔައީ އާ ރަހުމަތްތެރިން ހޯދާ ލައްކާ އާ ކަންތައްތަކެއް ދަސްކުރުމަށެވެ.

ހިންދު މާ ކަނޑުގެ މެދުގައި މުތްތަކެއް ފަދައިން އޮތް ރާއްޖެގެ ގޮނޑުދޮށަށް ބީއްސާލި ރާޅެއް ފަދައިން ވައިރަސް އެތެރެވެއްޖެއެވެ. އުއްމީދާއި އެކު ސްކޫލަށް ކިޔަވަން ކުދިންނަށް މިޑްސެމިސްޓާއަށް ސްކޫލް ބަންދަށް ފޮތް ދަބަހާއި ޔުނީފޯމް ބޭލި ގޮތަށް އެކަތެކެތި ބަހައްޓަން ޖެހުނީއެވެ. މަލޭއިން ވައިރަސް ފެނުން މިއީ އަހަރުގެ ޖަރީމާގެ ފެށުމެވެެ. އެއާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރެއްވިއެވެ.

އެއީ ލޮކްޑައުންގެ ފެށުމެވެ. އާއްމު ދިރިއުޅުން އެއްކޮށް ހުއްޓުނީއެވެ. އޮފީސްތައް ބަންދުވީއެވެ. މިއިން ޒަމާނަކު ހީވެސް ނުކުރާ ގޮތަކަށް ދިރިއުޅުން ބަދަލުކޮށްލަން ޖެހުނީއެވެ.

ވައިރަހުން ރައްކާތެރިވުމަށް ދަހަނާ އެޅުން

2020 ގެ ފަހުދުވަސް އަދިވެސް މި ދަހާނާ ބާލާކަށް ނުވޭ!

އެހެން އަހަރުތަކާއި ބަލާ 2020 ގައި އެންމެ ތަފާތު ކަމަކަށް ފެންނަނީ މާސްކްއެވެ. އަހަރުގެ ކުރީ ކޮޅު ޑިސްޕޯޒަބަލް މާސްކާއި ސެނިޓައިޒާ ފުޅި ގަތުމަށް ފިހާރަތަކުގައި ކިޔު ހެދިއެވެ. މީގެ އިތުރުން އެންމެ އާދައިގެ ހޭންޑްވޮޝް ފުޅިއެއްވެސް ފިހާރަތަކުގެ ރެކުގައި ނެތެވެ.

މީގެ ކުރިން މާސްކް އެޅުމަކީ ބީރައްޓެހި ގޮތް ކަމުގައިވީ ނަމަވެސް 2020 ގައި ކޮންމެވެސް އެއްޒާތެއްގެ މާސްކެއް މޫނަށް ހެޔޮވަރުކޮށްލަން މަޖްބޫރުވިއެވެ. ބައެއް މީހުންނަށް މިއީ ފެޝަން ސްޓޭޓްމަންޓްއެކެވެ. ގަދަ ކުލަކުލައިން އަދި ޑިޒައިންފޮތިން އެކި ސްޓައިލަށް މާސްކް ފަހައިގެން އެޅިއެވެ.

ސިއްހީ މާހިރުން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް ހުންނަ މާސްކެއް ނަމަ ބަރާބަރެވެ. ފޯބްސް މަަޖައްލާގައި ލިޔެފައިވާ ލިޔުމެއްގައި މާސްކް އެޅުން ސިފަކޮށްފައިވަނީ އެއީ އެކަކު އަނެކާއަށް ކުރާ އިހްތިރާމެއްގެ ގޮތުގަ އެވެ. 2020 ނިމުމަކަށް އައީއެވެ. އެކަމް އަދިވެސް މާސްކް ބާލަކަށް ނުވެއެވެ.

އެއްމެން ބެލީ ޕްރެސް

ކަނުލާ ދުވާލު ހަތަރު ދަމު އެކި އެކި ޗެނަލްތަކުންނާއި އޮންލައިންކޮށް ހަބަރު ބަލާ ކިޔުން އިތުރުވިއެވެ. ދުވަހަކު ޓީވީ ނުބަލާ މީހާވެސް ހަބަރު އޮޅުންފިލުވާ ވާނުވާ ދިޔައީ ބަލަމުންނެވެ. އެއް ސަބަބާއި ހެދިއެވެ. ސޯޝަލް މީޑިއާ ހަމައެކަނި ހަބަރު ހޯދުމަށް ބަރޯސާވެވެން ނެތީއެވެ. ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ވާހަަކައަކީ ތެދެއް ނޫން ކަން އަަހަރުމެން ރަނގަޅަށް ބުނެދިނީ 2020އެވެ.

މިފަހުން އެންމެ ގިނަ ބަޔަކު ޓީވީއިން އަދި އޮންލައިން ނޫސްތަކުން އެންއީއޯސީގެ ބެލި އަދި ކީ ހަބަރުތަކަކީ އެންއީއޯސީ ޕްރެސް ރިލީޒްތައް ކަމުގައި ވާނެއެވެ. ރޭގަނޑު ޕްރެސް އޮންނަ ގަޑިއަށް އިންތިޒާރު ކުރެއެވެ. އެންއީއޯސީގެ ފަރާތުން ރައީސްއޮފީހުގެ އަންޑަރސެކްރެޓަރީ މަބްރޫކް އަޒީޒް އަކީ ދަންނަ ގާތް އެކުވެރިއެއް ހާ ދެކެ ފަރިތަ މޫނަަކަށްވެއްޖެއެވެ. ސުވާލު ކުރާ ނޫސްވެރިންތަކަކީ ގާތް ބަޔަކަށް ވެއްޖެކަމުގެ އިހްސާސް ކުރެވެން ފެށުނެވެ. އެޗްޕީއޭގެ ފަރާތުން މައިމޫނާ އަބޫބަކުރު އެންގުވުމާއި ނިންމުންތައް ބަލާ އެއަށް އަމަލުކުރުން ނޫން ގޮތެެއް ރައްޔިތުންއަކަށް ނެތެވެ.

އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅި އެލާމް

ހަށިގަނޑަށް ފައިދާ ހުރި އޮޅުއަލަ އާއި ކައްޓަލައާ ބަނބުކެޔޮ އެއީ މައިގަނޑު ކާނާގެ ގޮތުގައި އޮތް ދުވަސްތަކަކީ ދިވެހިންގެ ފެހި މާޒީ އެކެވެ. އިމްޕޯޓަށް ބަރޯސާވެ ހެއްދޭނެ މޭވާ އާއި ތަރުކާރީތައް ދޫކޮށްލުމުން ކޮށި ދަނޑުތައް ފަޅުވީ އެވެ. އަމިއްލައަށް އުފައްްދާ އެއްޗެއް ކައިބޮއި އުޅުނު ހަނދާނެއް ވެސް މަދު ބަޔަކު ނޫނީ ނެތެވެ.

އަދި އިމްޕޯޓް ކުރި ކާޑު ހުސްވެދާނެ ކަމުގެ ބިރާއި އެކު އެއްބަޔަކު ދިޔައީ ގަނޑުކޮށް ކާބޯތަކެތި ގަންނަމުންނެވެ. އަނެއްބަޔަކަށް ކާޑުވެސް ގަންނަން ނުކުރެފައި ތިބީ ދެންވާނެ ގޮތެއް ނޭގޭތީއެވެ. ނަމަަވެސް އެސްޓީއޯ އިން ތަކުރާރުކޮށް ބުނަމުން ދިޔަގޮތަށް ކާޑު ހުހެއް ނުވެއެވެ. އެކަމަަކު ވަޒީފާ ގެއްލި އެތަށް ބަޔަކު ގޮތް ހުސްވިއެވެ.

އަހަރުމެން ތިބީ ބަނޑުހައިކަން ފިލުވުމުގައި ވެސް އެހެން ގައުމުތަކަށް ބަރޯސާ ވެގެނެވެ. ކާނެ، ބޯނެ އަދި ލާނެ އެއްޗެއް ވެސް ލިބެނީ ބޭރު ގައުމަކުން ގެނެވުނިއްޔާ އެވެ. އަމިއްލަ ފައި މައްޗަށް ތެދުވު ފުޑްސެކިއުރިޓީ ހޯދުމަށް 2020 ގައި އެލާމް އެޅީ އަޑު ހަރުކޮށެވެ.

އަމިއްލަ އުފެއްދުން އިތުރުކުރުންވެއްޖެ ކަން ބުނެދީ އެލާމް އެޅީ 2020ގައި

ލޮކްޑައުންގެ ހާސްކަން

ދެން އައީ ލޮކްޑައުންގެ ހާސްކަމާއި އުދަނގުލެވެ. ކުޑަ ކުޑަ ތަންކޮޅު ތަކެއްގައި ބަންދުވެގެން އެތަށް ބަޔަކު އުޅެން ޖެހުނީއެވެ. މާލޭގައި އެޕާޓްމަންޓްތައް ހުންނަގޮތުން ދުވަސް ދައުރުވާ ގޮތް ނުވާ ފަދަ ތަންކޮޅުތަކުގައި ބަންދުވެގެން އުޅުމަކީ ހިތްދަތި ދިރިއުޅުމެކެވެ. މިކަންވެސް 2020 ގައި ތަޖުރިބާ ކުރަން ޖެހުނެއެވެ.
ނަތިޖާއެއްގެ ގޮތުން ގެވެށިއަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާ އިންތިހާ އަށް އިތުރުވެގެން ދިޔައީއެވެ. ލޮކްޑައުންގެ ހާސްކަމުން އަރައިގަތުމަށް ހީވެސް ނުކުރާހާ އަދަދަކަށް ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން އެހީތެރިކަން ހޯދަން ޖެހުނެވެ.

އަވަސްގެ ފަރާތުން ތިބާ ސައިކޮލޮޖީގެ ސައިކޮލޮޖިސްޓް ނަދާ ޝަރީފްގެ އިރުޝާދުތައް ކިޔުންތެރިންނަށް ލުއެއް ލިބޭތޯ ގެނެސްދިނެވެ.

ތިބާ ސައިކޮލޮޖީގެ ފަރާތުން ނަދާ ޝަރީފްގެ އިރުޝާދު

ހާލުގައި ޖެހުން މީހުންނަށް އެހީތެރިކަން

ލޮކްޑައުންގެ ފިޔަވަޅަކީ މާލެ ތެރޭގައި ހާލުގައި އުޅޭ ބިދޭސީންނަށް ލިބުނު އިތުރު ނިކަމެތި ކަމަކަށް ވިއެވެ. ގޮތް ހުސްވެ ކާނެ އެއްޗެއް ހޯދަން މަގުމައްޗަށް ނުކުންނަށް ވަރަށް ގިނަ ބިދޭސީންނަށް މަޖުބޫރުވި އެވެ. އެތައް ބަޔަކަށް މި މަންޒަރު ފެނުނެވެ. އަދި އެމީހުންނާއި ދިމާވި ކަންކަމާއި ކުރެވުނު ތަޖުރިބާތަކުގެ ވާހަކަތައް ސޯޝަލް މީޑިއާއަށް ގެންދިޔަ އެވެ. މީގެ ކުރިން އެހެންނާ މާލޭގެ މަގުމަތިން ހާލުގައި ޖެހިފައިވާ މީހަކު ފެނުމަކީ ވަރަށް ނުވާނެ ނާދިރު ކަމެކެވެ.

ހާލުގައި ޖެހި މީހުން އެހީއަކަށް އެދޭ ކޮންމެ ފަހަރަކު ދިވެހިން ނަމޫނާގެ މިސާލު ވެސް ދައްކަ އެވެ. އެފަދަ ކިތަންމެ ބަޔަކު މި އަަހަރު ފެނިގެންދިޔައެވެ. ބޮޑެތި ވިޔަފާރިތަކުން ފެށިގެން އާއްމު ރައްޔިތުން އައީ ވީވަރެއް ކުރަމުންނެވެ.

ދިރިއުޅުން އޮންލައިންވުން

ކޮވިޑް-19 ގެ ބަލާއާފާތުން ދިވެހިން އިޖްތިމާއީ ގުޅުންތަކަށް ހީވެސް ނުކުރާ ބޮޑު ބަދަލެއް ގެނުވައިފި އެވެ. ކޮވިޑް-19 ފެތުރުނު ނުދޭން މީހުން އެއްވެ އުޅުން މަނާ ކުރީ އެވެ. އެކެއް އަނެކަކާއި ގައިދުރު ކުރަން ޖެހުނީ އެވެ. އަތާއި އަތްޖޯޑުކޮށް ސަލާން ކުރުމާ ދުރުވީ އެވެ. ޖަމާއަތު ނަމާދެއް ނެތެވެ. އެންމެ ފަހުން މި ގެނައި ލޮކްޑައުނަކާ ހަމައިން އެއްކޮށް ގެއިން ބޭރަށް ފިޔަވަޅެއް އަޅައި ލެވެން ވެސް ނެތީ އެވެ. ޖަނާޒާ، ކައިވެނި، ވިޔަފާރި ކުރުން އަދި ޑޮކްޓަރަށް ދެއްކުމާއި ކިޔެވުން ދިޔައީ އޮންލައިންކޮށެވެ.

އޮންލައިން ދިރިއުޅުން ބައެއް ކަންކަން ފަސޭހަވިއިރު ހިތްދަތިކަންވެސް އިތުރުވި!

ސްކޫލްް ބަންދު ދިގުލައި ކުދިންނަށް ގެއްލުން

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކައުންސެލިން އަދި ޑިވެލޮޕްމަންޓް ސައިކޮލޮޖީ ލެކްޗަރާ، އާމިނަތު ޒުބޭރު ވިދާޅުވި ގޮތުގައި "ސްކޫލްތަކުގެ ކަރިކިއުލަމް ބައްޓަންކޮށްފައި އޮންނަނީ ކުއްޖާގެ ޖިސްމާނީ ތަރައްގީ، އިޖްތިމާއީ ތަރައްގީ އަދި އިމޯޝަންސް ނުވަތަ އިހްސާސްތަކާއި ވިސްނުން ތަރައްގީ ކުރުމަށް. މި ހަތަރު އޭރިއާ ކުދިން ތަރައްގީ ކުރުމަށް ސްކޫލު ކަރިކިއުލަމް ހަދާފައި މި އޮންނަނީ. ޔަގީނުން ވެސް ސްކޫލް ބަންދު ދިގުލައިގެން ގޮސް ހަ މަސް ވެފައިވާ އިރު ލާނިން [އުނގެނުން] ލިމިޓް ވާނެ." އެވެ. މިއީ މިއަހަރު އެންމެ ގިނަ ބެލެނިވެރިން ތަޖުރިބާ ކުރަން ޖެހުނު އެއް ކަމެވެ.

ސްކޫލް ބަންދު ދިގުލައިގެން ގޮސް އޭގެން ކުދިންނަށް ކުރާ ނޭދެވޭ އަސަރު!

ރޯދަމަހެއް އަދި އީދުވެސް ނިމުނީ އެގޮތަށް

ރޯދަމަހު ޖަމާއަތުގައި ނަމާދު ކުރުމާއި އެހެން ސުއްނަތް ކަމުގައިވާ ތަރާވީހް ނަމާދު އަދި ދަމު ނަމާގު އެއްކޮށް ކުރަން ޖެހުނީ ގޭގައެވެ. އަޅުކަމުގެ އިތުރުން ރޯދަމަހާއި ގުޅިފައިވާ އެތަށް ކަމެއް މަޑު ޖެހުނީ 2020 ގައެވެ. އަދި ރޯދައަށް ފަހު ފޯރިގަދަކޮށް ފާހަގަކުރާ އީދު ރޫހު ނުގެއްލޭ ގޮތަށް ގޭގައި ފާހަަގަކުރީ މިއަހަރުއެވެ.

ރޯދަމަސް ނިމިގެން ދިޔަ ގޮތްވެސް ނޭގޭ!

ތަފާތު އަހަރެއް

ސޯޝަލް މީޑިއާއިން ވެސް ވަރަށް ގިނަ އާދަޔާ ހިލާފް ކަންކަން ފާހަގަވީ އަހަރަކަށް 2020 ވާނެއެވެ. މިއީ ގިނަބަޔަކަށް ދިރިއުޅުމާއި މެދު ފުންކޮށް ވިސްނާލާން މަޑުޖެހެން ލިބުނު ފުރުސަތެކެވެ. އެންމެނަށް ވެސް ދައްޗާއި ތުރާލާއި އުނދަގޫތައް ދިމާވެފައި ވެއެވެ. ގޭގައި އެންމެން ވެސް ތިބީ ފިކުރުގަ އެވެ. ޒުވާނަކު ސޯޝަލް މީޑިއާގައި ހާމަކުރި މިވާހަކައިން އެތަށް ކަމެއް ބުނެދިނެވެ.
2020 ގައި ކުދި ކުދި ނިއުމަތްތަކުން އަހަރުމެން މަހުރޫމުވިޔަސް ގުރުއާން ހަތިމެއްކޮށްލަން ލިބުމަކީ ބޮޑު ނިއުމަތެކެވެ. ކީރިތި ގުރުއާނަކީ މާތްﷲ ބަސްފުޅެވެ. އެކަލާންގެ އަހަރުމެންނަށް ލެއްވި ޝިފާއެއް އަދި ޝަފާއަތެކެވެ. ކީރިތި ގުރުއާނުގެ މާތް ކަމާއި މަތިވެރިކަމާއެކު އެފޮތް ފަށައިގެން ނިމެންދެން ކިޔާލުމަކީ އަހަރުމެންނަށް ލިބޭނެ ބޮޑު ނިއުމަތެކެވެ. އެއީ މި ހަޔާތުގައި ލިބޭނެ ބޮޑު އީދެކެވެ. އާހިރަތު ދަރުމަ އާއި ސަވާބު އަދި ކޮބައި ހެއްޔެވެ؟

2020 ގައި އަލަށް ގުރުއާން ހަތިމް ކުރި ޒުވާނެއްގެ ވާހަކަ!

ފްރަންޓްލައިން ދެއްކި ހިތްވަރު!

ކޮވިޑް-19 އާއި އެކު އަހަރުމެންނަށް ވަރަށް ބޮޑަށް އެކި މީހުންގެ ފަރާތުން އަހަރުމެންނަށް ލިބޭ އެކި އެކި ހިދުމަތްތައް ހިތުގެ އެންމެ ފުންމިނުން ބަލައިގަނެ އެކަންކަން ފުރިހަމައަށް އަގުވަޒަން ކުރުމަށް ފުރުސަތު ލިބި މިކަން ކުރުމަށް އަހަރުމެންނަށް ދަސްވެއްޖެއެވެ. ހިއްވަރާއި އެކު ކުރީ ސަފަށް ފްރަންޓްލައިންއަށް ނިކުން އެެއްމެހާ ފަރާތްތަކަަށް އަހަރެންނެކޭ އެއްގޮތަށް އެއްމެންގެ އިހްތިރާމާއި ލޯބި ލިބޭނެ ކަަމަށް އުއްމީދު ކުރަމެވެ. އަދިވެސް އެއްފަހަރު ތިޔަ ހީރޯއިންނަށް ސެލިއުޓް ކުރަމެެވެ. މިއީ 2020 ގައި ދަސްވީ އެންމެ މުހިއްމު ފިލާވަޅު ކަމުގައިވުން އެކަށީގެންވެއެވެ.

ފްރަންޓްލައިން އަށް އޮތީ ޝުކުރުވެރި ހިތެއް..އަހަރެންގެ ބެލްކަނިން ފެނުނީ ހީރޯއިން!

ޑޮކްޓަރެއްގެ ވޭނީ ތަޖުރިބާ

ސިއްހީ މާހިރުން ފްރަންޓްލައިންގައި ކުރާ މަސައްކަތް އަދި އެމީހުންގެ ތަޖުރިބާ ކިޔުންތެރިންނަށް ގެނެސްދިނުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ތަޖުރިބާ ގެެނެސްދީފައިވަނެއެވެ. ޑރ. ސިޔާދާ ސައީދުގެ މި ތަޖުރިބާއަކީވެސް އަސަރުން ފުރިގެންވާ ވާހަކަތަކެކެވެ.

ޑރ. ސިޔާދާގެ ތަޖުރިބާ

ލޮކްޑައުންއަށްފަހު އާ ހިއްވަރަކާއެކު

ލޮކްޑައުން ނިމުމާއި އެކު ހާސްކަމާއި އައިސޮލޭޝަންގެ ބަންދުކަމުން ނުކުމެ ހަށިފުރާ ނޭވާއެއް ލާން ބޭނުންވެފައި ތިބި އެތައް ބަޔަކު ދުވާ ބޫޓު ނަގައިގެން ހިރަފުސް ފޮޅާލައިފި އެެވެ. އާ އަޒުމަކާއި އާ ހިތްވަރަކާއެކު ކަސްރަތު ކުރަން ފަށައިގަތެވެ.

އާއްމުކޮށް މީހުން ދާ ގަޑިއަކީ ފަތިހާއި ހަވީރު ކަމުގައިވިޔަސް ރޭގަނޑު 8:00 އިން ފަށައި 10:00 ޖެހުމާ ދެެމެދު އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑީއެއް އޮތެވެ. އެދުވަސްކޮޅު ދުވާ މީހުން އާއި ހިނގާ މީހުނަށް އޮންނަނީ އީދެއް އައިސްފަ އެވެ. ވަށައިގެން އޮންނަ މަގުގައި ހަމަ އެހެމެންހެން ދުވަނީ އެވެ. އެތެރޭގެ މަގުތަކުގައި އާއިލާތައް ހިނގަނީ އެވެ. މިއީ ތޮއްޖެހިފައިވާ މި މާލޭގައި ހަރަކާތްތެރިކޮށް އުޅެން ބޭނުން މީހުންނަށް ވަރަށް ސަޅިކަމެކެވެ. ކަސްރަތަށް ދިވެހިން ލޯބިކުރާ މިންވަރު ފެނުނެވެ.

ހަރާކާތްތެރިވެ އުޅުމަށާއި ކަސްރަތަށް ދިވެހިން ލޯބިކުރާ ވަރު ފެނެނު!

2020 ގައި ބައެއް ވިޔަފާރިތައް

ލޮކްޑައުންގައި ފައްކާ ކުރި ކެއްކުމުގެ ހުނަރުން އެކި އެކި ކާބޯތަކެތި ތައްޔާރުކޮށް އުފައްދާ ޕޭޖްތަކަށް ލުމަކީ 2020 ގައި އެންމެ ފަސޭހައިން އާމްދަނީއެއް ހޯދޭނެ ވެސް އެއްގޮތެވެ. އެއީ އިންސްޓަގްރާމް މި އޮތީ މިހުރިހާ ކާބޯތަކެތި ފަސޭހައިން މާކެޓް ކޮށްދޭށެވެ. މި އެކައުންޓްތަކުން ވިއްކާ ތަކެތީގެ ފޮޓޯ ބަލައިލާ އިރަށް ކުޅުދިޔާ ކޮށްލާނެ އެވެ. ވަޒީފާ ގެއްލުނު ޝެފުންގެ އިތުރުން އެތަށް ބަަޔަކު މިކަންކޮށް ވިޔަފާރީގެ ނަފާ ހޯދިއެވެ.

ލޯބީގެ ރީތި މިސާލެއް

އޯގަސްޓް 31، 2020 ގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އޮންނަވައިގެން ރައީސް މައުމޫން ފޮޓޯއެއް ނެންގެވި އެވެ. ވަރަށް ހާއްސަ ފޮޓޯއެކެވެ. މެޑަމް ނަސްރީނާއަށް ވީޑިއޯ ކޯލެއް ކުރައްވައިގެނެވެ. ރެއެއްގެ އިރާކޮޅު ރައީސް މައުމޫން އާންމުންނަށް ދޫކޮށްލެއްވި އެ ފޮޓޯވީ ކޮންމެ މީހެއްގެ ވެސް ހަނދާންތަކެއް ތެދުވެ ފަހަތުން ހިނގައިގަތް ފޮޓޯއަކަށެވެ.

ދިރިއުޅުމަކުން މީހަކަށް ލޯބީގެ މިސާލެއް ދައްކާނަމަ ރައީސް މައުމޫން އާއި އަނބިކަނބަލުން މެޑަމް ނަސްރީނާ އަކީ ރީތި ނަމޫނާއެކެވެ. ހަޔާތުގެ ގިނަ ކަންކަން އެކުއެކީގައި ތަޖުރިބާ ކުރައްވާފައިވާ އިރު ބަދަލެއް ނައިސް އޮތް އެއްޗަކީ މި ދެ ބޭފުޅުންމެ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހަދިޔާ ކުރައްވާފައިވާ ލޯތްބާއި ކުލުނެވެ. އަޅާލުމައި އެހީތެރި ކަމެވެ. ހަގީގީ ލޯބި މަރުނުވެ އަބަދަށް ދިރި ދިރި އޮވެ އެވެ.

މާލެ ޑްރީމުން ހޭލެވި ރަށަށް!

ހަތްދިހަ އާއި އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުން ފެށިގެން އަދި އެންމެ ފަހުން 2004 ގެ ސުނާމީއަށް ފަހުވެސް ޓްރެންޑް ހުރީ އަބަދުވެސް ހަމަ ރަށުން މާލެ ބަދަލުވުމަށެވެ. މާލެއަށް ތޮއްޖެހި، ބައިބޯވެ، މައްސަލަތައް ބޮޑުވަމުން ގޮސް އަތްލާން ނުކެރޭ ވަރަށް މާލެ ހާލުކޮށްލި އިރު މާލެއަކީ މީހުން ގިނަވެ ފެހިކަން ގެއްލިފައިވާ އަދި އެންމެން ސިފަ ކުރާ ގޮތަށް "ކޮންކްރީޓް ޖަންގައްޔެ" ކެވެ.

ކޮވިޑްރާޅުގެ ހޮޅިތެރޭގައި އަނބުރަމުންދާއިރު މިހާރު ހިތަށް އަރާނީ ކިތަންމެ ބޭނުމަސް "މާލޭ ޑްރީމް" ހަގީގަތަކަށް ހަދަން ދެން މިތާކު ތިބެވޭކަށް ނެތޭ އެވެ. ވަޒީފާގަނޑު ގެއްލުނީ އެވެ. ދުވާލުގެ ބޮޑުބައި ގުދާރު ބިނދެ، ގުލާނު ކޮށްގެން ހޯދާ ފައިސާކޮޅު ކުއްޔާ ހަވާލު ކޮށްގެން "މާލޭ ޑްރީމް" ގައި ކުލަޖައްސަން އުޅުމުގެ ބޭނުމެއް ނެތްކަން ވިސްނޭން ފަށައިފި އެވެ.

ވަރަށް ގިނަ ބަޔަކު ދެވޭން އޮތް ގޮތަކަށް އަވަހަށް ފުރާ ބޯޓަކުން މިހާރު ބަދަލުވަނީ ރަށަށެވެ.

2020 ގައި ޓްރެންޑް ބަދަލުވީ ރަށަށް ދިއުމަށް!

އާއްމު ދިރުއުޅުމަަކަށް: އަންވެއިލިން ވިޝަންސް!

އޮކްޓޯބަރުގެ މަަހު މޯލްޑިއަން އާޓިސްޓް ކޮމިއުނިޓީ އިން ބާއްވާ "އަންވެއިލިން ވިޝަންސް 2020" އެއްކޮޅުން އަނެއްކޮޅަށް ބަލައިލެވުނެވެ. މިއީ ރާއްޖޭގައި ބާއްވާ އެގްޒިބިޝަންތަކުގެ ތެރެއިން ވަރަށް ގިނަ އާދަޔާ ހިލާފު ހުނަރު އެއް ތަނަަކުން ބަލާލެވޭނެ އެގްޒިބިޝަނެކެވެ. މި އަހަރުގެ "އަންވެއިލިންގް ވިޝަންސް" ގައި 52 އާޓިސްޓުން ބައިވެރުވެފައި ވެއެވެ. އެމީހުންގެ އެކި އާޓިސްޓުން ހުނަރު ދައްކާފައި ވަނީ އެކި ގޮތަށެވެ. އަލަށް ނުކުތް އާޓިސްޓުންނާއި ތަޖުރިބާހުރި އާޓިސްޓުންގެ ފަރާތުން ވެސް ފެނިފައި ވަނީ ވަރަށް ބުރަ ބޮޑު އެކަމަކު ފުރިހަމަ މަސައްކަތެކެވެ.

2020 ގައި ކަރަންޓީނާއި އެކު ބޮޑު ޗުއްޓީވެސް ހަރާބު!

މުޅި އަހަރުގައި ވެސް ބޮޑު ޗުއްޓީއަކީ ވަރަށް އުއްމީދު ކުރާ ދުވަސްތަަކެކެވެ. ވިހިވިހީ ގައި ދުނިޔެ ލައްވާލި ރޯގާ އާއި އެއްކޮށް މި ހުރިހާ ޕްލޭނެއް ވެސް ހަރާބެވެ. ރާއްޖެއިން ބޭރަށް ދާން ގަތް ޓިކެޓާއި ރީފަންޑް ކުރަން ޖެހުނީ އެވެ.

ރަށް ރަށަށްދާން މިދުވަސްވަރު އެެއްމެން ހިފާލައިގެން މި ތިބީ ގޭގެ ހަތަރު ފާރުން ބޭރުވެ ހަށިފުރާ ނޭވާލާ ހަމަޖެހިލާށެވެ. އެހެނަސް ރަށަށް ގޮސްވެސް އަނެއްކާ ކަރަންޓީނުގައި ތިބެން ޖެހުމުން މިކަން ކުރަން މިއޮތީ ދަތިވެފައެވެ. ހާސްބޮޑުކޮށް ދިޔަ އަހަރެއްގައި އެތަށް ބަޔަކަށް ޗުއްޓީއަކަށް ނުދެވި އަހަރު މި ނިމުނީއެވެ.

ރެދަނުގެ ޖާދޫގައި ޖެހި 2020 ނިމުމަކަށް!

މި މާލޭގައި އެއްގޮތަކަށް އެއް ކަމެއް ކޮށްލަ ކޮށްލައި ޗުއްޓީއަކަށް ވެސް ނުދެވި ފާޑެއްގެ ހައްޔަރެއްވެފައި ތިބި މީހުންނަށް އެންމެ އާދަޔާ ހިލާފު ކަމަކަށް މިހާރު ދިމާވެގެން އުޅެނީ ހުޅުމާލޭގެ ގޮނޑުދޮށުގައި ރެދަންލާފައިވާ ޖާދުވީ އަޖައިބެވެ.

މީގެ ކުރީ އެންމެން އެކުއެކީ ބައި ހަދާފައި ހުޅުމާލެއަށް ދިޔައީ ދަނބު މޫސުން އައިސްގެނެވެ. މިހާރު މިއޮތީ މުލަަ ނަކަތް ނިމޭ ހިސާބާއި ފުރަހަޅަ ފަށާއި ހިސާބުގައި ލައްވާލާފައިވާ ރެދަނެވެ. އެންމެން ވެސް މިހާރު ދަނީ ރެދަން ބަލާށެވެ. މިދިއަ ހައެއްކަ ރޭ ވެސް އޮތީ މި ކަމެކެވެ. އާދަޔާހިލާފު ރީތި ވައިބްރަންޓް ނޫކުލައިގެ ރެދަނުން ގޮނޑުދޮށް ދިއްލާލާފައިވާތަން ބަލައިލުމެވެ. އާއްމުކޮށް ގިނަ މީހުންނަށް މިއީ ހަޔާތުގައި މަދުފަހަރަކު ކުރެވިފައިވާ ތަޖުރިބާއެކެވެ. ނޫނީ އަދި ނުކުރެވޭ ތަޖުރިބާއެކެވެ. މި ޖާދޫއާއި އެކު 2020ވެސް ނިމުނީއެވެ.

އާ އަހަރެެއް އަލިވިލޭއިރު 2020 ސިފަކުރެވެނީ އުދަނގޫ އެއް އަހަރުގެ ބަދަލުގައި މިއީ އުދަނގޫ އެތަށް އަހަރެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއަހަރު އަހަރުމެންނަށް އެތަށް ކަމެއް ދަސްވެއްޖެއެވެ. މަޑުޖެހިލާ ވިސްނާލުމަށް ފުރުސަތު ލިބިއްޖެއެވެ. އަހަރުމެންނަށް މުހިއމުވާންވީ ކޮން ކަމެއްކަން ބުނެދީފިއެވެ. މިއަހަރު މި ނޫން ގޮތަކަށް ދިޔަ ނަމަ ނޭގެނެ އަދި އަގުވަޒަންކުރަން ދަސްނުވާނެ އެތަށް ކަމެއް އަހަރުމެން ކުރިމަތިލާންޖެހިއްޖެއެވެ. 2020 އަހަރުމެންނަށް ރަނގަޅު ފިލާވަޅުތަކެއް ނަގައިދީފިއެވެ. ހިތްތިރިކުރުމާއި، އިހްތިރާމާއި، ކެތްތެރިކަމާއި އޯގާތެރިކަމެވެ. އަބަދު ހުރިހާކަމެއް އެއްގޮތަކަށް ނުދާނެކަމެވެ. ކުދި ކަންކަމުން ފެށިގެން ބޮޑެތި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދީފިއެވެ. މި ހުރިހާ ކަމަކާއި އެކު އެދެނީ އުފާވެރި 2021 އަށެވެ. ގުޑްބައި 2020!