ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން އެކްޓިވް ކޭހުގެ އަދަދު 500 ވުރެ ދަށައް ހިނގައްޖެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 13،537 އަށް އަރާފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 499 މީހުންނެވެ. މިހާތަނަށް 12،983 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 39 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ.
ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. މާލެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލޭގައި އެކި ވަގުތު ކާފިއު ހިންގަން ފެށިއެވެ. ނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ލުއިދޭން ފެށިއެވެ. އަލުން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. އެހެން ކަމުން ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތައް މިހާރު ވަނީ އުވާލާފައެވެ.