ފޮރިން މިނިސްޓްރީ

ހާރިޖިއްޔާއިން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ތައްޔާރީތަކުގައި ޝާހިދު

ފޮރިން މިނިސްޓްރީން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ނިންމައި ތައްޔާރީތައް ފަށައިފި އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަކީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަސް އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ނުރައްކާތެރި އަދި ހިތްދަތި ވަގުތު ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމާއި ގުޅުވައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހެނދުނު ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމާ އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ. މި އިވެންޓް އޮންނާނީ ފޮރިން މިނިސްޓްރީ މިހާރު ހިންގާ އިމާރާތުގެ ބޭރުން ޖަޕާން ސަރުކާރުން ހަދާފައިވާ ހާއްސަ މޮނިއުމަންޓް ހުރި ތަނުގައެވެ. އެ މޮނިއުމަންޓަކީ މާލެ ވަށައި މާލޭގެ ރައްކަލަށް ލާފައިވާ ތޮށި ލުމުގެ މަސައްކަތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ޖަޕާން ސަރުކާރުން ހަދާފައިވާ ހަނދާނީ މޮނިއުމަންޓެކެވެ. މާލެ ވަށާ ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމުގައި ލާފައިވާ ތޮށީގެ ސަބަބުން މާލެއަށް ބޮޑު ރައްކާތެރިކަމެއް ލިބިފައިވެއެވެ. ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުން ކުޑަވުމުގެ އެއް ސަބަބަކީވެސް އެއީއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ފޮރިން މިނިސްޓްރީން ބާއްވާ އިވެންޓްގައި ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ އިވެންޓް އޮންނާނީ ހޮނިހިރު ދުވަހުގެހެނދުނު 9:20 ގައެވެ. އެއީ ސުނާމީގެ ރާޅުތައް ރާއްޖެއަށް އަރަން ފެށި ވަގުތެވެ.

މި އިވެންޓްގައި މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވާނެއެވެ. ފޮރިން މިނިސްޓްރީން ބުނީ އިވެންޓްގެ ތައްޔާރީތައް ކުރިއަށްދާއިރު އެ މަސައްކަތުގައި މިނިސްޓަރު ޝާހިދު އަދި މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވަމުންދާ ކަމަށެވެ.

އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓަރު މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތައް 14 ގައުމަށް އަރާ 230،000 މީހުންގެ ފުރާނަ ގެއްލިގެންދިޔައެވެ. އެ ހާދިސާގެ އަސަރު ރާއްޖޭގެ ގިނަ ރަށްތަކަކަށްވެސް ކުރިއެވެ. ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީވެސް ދިވެހިރާއްޖެއެވެ. އެ ހާދިސާގައި 82 މީހުން ރާއްޖެއިން މަރުވިއެވެ. އަދި 26 މީހަކު ގެއްލުނެވެ.

ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ ދުނިޔޭގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބުނެވެ.