މުހައްމަދު އިބްތިހާލް

އިބްތިހާލްގެ ވީޑިއޯ ކޮޅެއް!

ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމް 2013 ވަނަ އަހަރު ވ. ކެޔޮދޫއަށް ކުރި ދަތުރެއްގައި ނަގާފައިވާ އިބްތިހާލްގެ ވީޑިއޯކޮޅެއް ބޭނުންކޮށްގެން އުފައްދާފައިވާ ވީޑިއޯ ރިޕޯޓް -- އާއިމް ޒަމީރު | އަވަސް

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް ރަހުމް ކުޑަކޮށް، އަނިޔާވެރި ގޮތަކަށް މަރާލި ހަބަރު އައީ ޖަނަވަރީ 28، 2015 އިގަ އެވެ. އެ ހަބަރުން މުޅި ރާއްޖެ ސިހުނެވެ. މުޅި ގައުމު އެއް ފަހަރާ ކަރުނަ އަޅާ ރޮއިގަތެވެ. އަދި އަނިޔާވެރި އެ މަރުގެ ފަހަތުގައި ވަނީ އިބްތިހާލްގެ މަންމަ، އާފިޔާ މުހައްމަދު މަނިކުކަން އެނގުމުން ލިބުނު ބޮޑު ހައިރާންކަން މާ ބޮޑުވި އެވެ. އެކަމާ ހެދި ދިވެހިރާއްޖެ އެކަށް ރަކިވެ ލަދުގަންނާން ޖެހުނެވެ. އެ އަންހެން މީހާ ހައްޔަރުކޮށް ތަހުގީގެއް ހިނގައި ގަތުމާ ހަމައަށް ބައެއް ދިމަ ދިމާއިން ރުޅި ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިޔައެވެ. އޭގެ ފަހުން އާފިޔާ ހައްޔަރުކޮށް އަވަސް އަވަހާ ތަހުގީގެއް ވެސް ހިނގައި ޝަރީއަތާ ހަމައަށް ދިއުމުން އިބްތިހާލަށް ކުރި އަނިޔާގެ ހުރިހާ ވާހަކަތައް ވަރަށް ތަފްސީލްކޮށް ކިޔައިދިނެވެ. އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް އެ އަނިޔާވެރި އަމަލުގެ ވާހަކަތަކުން ލިބުނީ އިތުރު ހިތްދަތި ކަމެވެ. އިތުރަށް ދެރަވެ ލޭ އަވަސް ވުން ނޫން ކަމެއް ހިނގާފައެއް ނުވެ އެވެ.

އިބްތިހާލު މަރާލި މައްސަލާގައި އާފިޔާ ހައްޔަރުކުރީ މަރަށް ދެ ދުވަސްފަހުން ޖަނަވަރީ 30، 2015 ގައެވެ. ތަހުގީގު ކުރިއަށް ގެންގޮސް އާފިޔާއަށް ގަސްދުގައި ދަރިފުޅު މަރާލި ކަމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލި އެވެ. ތަހުގީގުގައި އާފިޔާ ވަނީ އޭނާ އުފަން ދަރިފުޅަށް އޭނާ ކުރި އަނިޔާގެ ތަފްސީލު ދީފަ އެވެ. އޭގެ އަސަރު ހުރި، ވޭންގަދަ ބައެއް ވާހަކަތައް ފުލުހުން ވަނީ އާންމުވެސް ކޮށްފަ އެވެ.

އާފިޔާ ބުނެފައިވާ ގޮތުގައި އޭނާ އިބްތިހާލު މަރާލަން ތަޅައި އަނިޔާ ކުރީ ގޭގެ ތަޅުން މަތީގައި ބޯ ދަށަށް ބާލީހެއް ލައިގެން ނިދާފައި އޮއްވަ އެވެ. ދަރިފުޅުގެ ކޮނޑުގައި ހިފާ ކުޑަކަކޫ މައްޗަށް ޖަހާ، އިބްތިހާލުގެ ކަރުގައި ހިފައި ނޭވާ ހާސްކުރި އެވެ. އަދި ވަރަށް ބާރަށް ކަރުގައި ހިފާ ފިއްތާފައިވެ އެވެ. އާފިޔާ ބުނާ ގޮތުން ކަރުގައި ހިފިލެއް ބާރުކަމުން ދަރިފުޅު، އިބްތިހާލުގެ އަނގައިން ލޭ އައެވެ.

"އެވަގުތު އިބްތިހާލު ވަރަށް މަޑުމަޑުން މަންމާއޭ ކިޔާ ގޮވައިވެސްލި،" އަމިއްލަ އިއުތިރާފެއް ދެމުން، އާފިޔާ އޭނާގެ ރަހުމެއް ނެތް އެ އަމަލުތައް މި މޭރުމުން ކިޔައިދީފައި ވެއެވެ.

މިވެސް އާފިޔާގެ ތަހުގީގުގައި އައި ވާހަކަ އެވެ؛ އޭގެ ފަހުން ފައި ކުރުކޮށްފައި އިބްތިހާލުގެ މޭ މަތީގައި ބާރަށް ތިން ފަހަރު ކޮޅުފައިން ޖެހުމާއެކު ދަށްދޮޅީގައި ވެސް ވަރަށް ބާރަށް ޖެހި އެވެ. ދަރިފުޅާމެދު އަނިޔާގެ އިންތިހާއަށް ދިއުމަށް ފަހު އާފިޔާ ގެއިން ނުކުމެ ހަަމަޖެހިލައި ހިނގައިގަތީ އެވެ. އޭނާ ގޮސް އިނީ އެހެން ގެއެއްގައި ޓީވީ ބަލާށެވެ. ކަމެއްކޮށްފައި އައި މީހެއްހެން ހީވެސް ނުވާ ފަދައެވެ. އާފިޔާ ޓީވީ ބަލަން އިން ގޭގެ މީހުން އިބްތިހާލު ކޮބައިތޯ ދެތިން ފަހަރަކު ސުވާލުވެސް ކޮށްލިއެވެ. ރުޅިވެރިކަމާއެކު، އޭނާ ނިދާފައި އެބައޮތޭ ބުނެލިއެވެ. އޭރު ގޭ ތަޅުމަތީގައި އިބްތިހާލު އެ ކުޑަކުޑަ ހަށިގަނޑުގައި އަޅަމުންދިޔަ ގަދަފަދަ ވޭނާއެކު ރޮއި ގިސްލާ މަރާ ހަނގުރާމަ ކުރަމުން ދިޔައެވެ. އާފިޔާ އެނބުރި ގެއަށް އައިރު އިބްތިހާލު އޮތީ ހޭނެތިފަ އެވެ.

ފަހުން ޝަރީއަތުގައި ވެސް އާފިޔާ ވަނީ އެ ހުރިހާ ކަމަކަށް އިންކާރެއް ނެތި އިއުތިރާފެއް ދީފަ އެވެ. ލާ އިންސާނީ އަނިޔާކޮށް އިބްތިހާލު މަރާލި ކަމަށް އޭނާ އެ އިއުތިރާފު ދިނީ އޮގަސްޓް 17، 2015 އިގައެވެ. އާފިޔާ ބުނާ ގޮތުން އިބްތިހާލު މަރާލި ދުވަހު ވަރަށް ބޮޑަށް އަނިޔާ ކުރި އެވެ. އޭނާ އިބްތިހާލު ފެނުނަސް ގަދަ ރުޅި އާދެ އެވެ. ވާހަކަދައްކަން ވެސް ބޭނުމެއް ނުވެއެވެ. އޭނާ ބުނެފައިވާ ގޮތުން މައުސޫމް އިބްތިހާލަށް އެނާ އަބަދާ އަބަދު އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް" ކުއްޖަކަށްވާތީ އެވެ. އަދި އޭގެ ސަބަބުން ރަށުގައި މީހުންގެ ނަފްރަތާއި ފުރައްސާރަ އޭނާއަށް ލިބޭތީ އެވެ.

މަރާލި އިބްތިހާލުގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުގެ ރިޕޯޓެއް ވެސް ޝަރީއަތަށް ގެންދެވުނެވެ. އެ ރިޕޯޓްގައި ވާގޮތުން އިބްތިހާލުގެ ހަށިގަނޑުގެ އެތައް ތަނެއްގައި ދުވަސްވީ ޒަހަމާއި ތާޒާކޮށް ހުރި ޒަހަމްތައް ހުއްޓެވެ. އަދި އިބްތިހާލްގެ ބަނޑަށް ލޭ އެޅި، މޭކަށިގަނޑު ބިނދިފައިވެ އެވެ. ކަރުގައި ނިޔަފަތީގެ ނިޝާންތަކާއި ޒަހަމް ހުއްޓެވެ. ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުން އިބްތިހާލު މަރުވީ ނޭވާ ހާސްކޮށްލުމާއި އަނިޔާގެ ބޮޑެތިހާ ޒަހަމްތަކުން ބަނޑަށް ލޭ އެޅިގެނެވެ.

ޝަރީއަތާ ހަމައިން ތިލަވި އާ ވާހަކަތައް

އިބްތިހާލްގެ މަރަށް އަވަހަށް އިންސާފު ހޯދައިދޭން ދިވެހި ރައްުޔިތުން ތިބީ ވަރަށް ބޭނުންވެފަ އެވެ. އެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދިޔަ ވަރަކަށް މައްސަލައިގެ ތެރެއިން އާ ވާހަކަތައް ވެސް އުފަންވި އެވެ. އެއް ކަމަކަށް އިބްތިހާލްގެ މަންމަގެ ދޮންބައްޕަ، އިސްމާއީލް ރައޫފް އިބްތިހާލަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާކުރި އެވެ. އެ ތުހުމަތާއެކު އެމީހާ ވެސް ހައްޔަރުކުރި އެވެ. އެއީ ޑިސެންބަރު 1، 2015 އެވެ. ފަހުން އޭނާއަށް ދައުވާ ކުރި އެވެ. އެއީ އިތުބާރުހުރި މަގާމެއްގައި ހުރެ އިބްތިހާލަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އެވެ. އެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށެވެ.

އެ އިސްމާއީލް ރައޫފްގެ ފަރާތުން އާފިޔާއަށް ވެސް ވަނީ ޖިންސީ ގޯނާއާ ފުރައްސާ ކުރިމަތިވެފައި ވެއެވެ. ސިލްސިލާ ގޮތެއްގައި އެކި ދުވަސްމަތިން އާފިޔާއަށް އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާ ކޮށްފައި ވެއެވެ. އޭގެ ސަބަބުން އާފިޔާއަކީ ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއްގެ ތެރޭގައި އިން އަންހެނަކަށް ވެފައި ވެއެވެ. އެ ވާހަކަތައް ޝަރީއަތުގައި އާފިޔާ ކިޔައި ދިނެވެ. އަދި އެއީ އާފިޔާގެ މަންމައަށް ވެސް އެނގިގެން ހިނގާފައިވާ ކަންކަމެވެ. އާފިޔާގެ މަންމަ އެދިފައި އޮތީ އެ ވާހަކަތައް ސިއްރު ކުރާށެވެ. އަދި ފަހުން އޭނާގެ މަންމައާއި ބައްޕަ މަޖުބޫރު ކުރުވީ އާފިޔާ ލައްވާ ހަށިވިއްކުވާށެވެ. އޭގެ ފަހުން އެތައް ބައެއްގެ ޖިންސީ ޝިކާރައަކަށް އާފިޔާ ވިއެވެ.

އިއުތިރާފު ގެންގޮސް އިންކާރު ކުރަން ފެށުން

ނުފޮރުވައި ޝަރީއަތަށް މުޅި މައްސަލައިގެ ހުރިހާ ތަނެއް ދައްކައި ތަފުސީލްކޮށް ދިނުމަށް ފަހު 2018 ވަނަ އަހަރުގެ ތެރޭ އާފިޔާ މުޅީން އެހެން މީހަކަށް ބަދަލުވި އެވެ. އޭނާގެ ވާހަކަ ވެސް ބަދަލުވި އެވެ. އިއުތިރާފު ގެންދިއުމާއެކު ބުނާން ފެށީ "އަހަރެން އިބްތިހާލަށް އަނިޔާ ނުކުރަ" މެވެ. އިހަށް ޝަރީއަތުގައި ދެއްކި ވާހަކަތަކާއި އޭގެ އިހަށް ފުލުހުންގެ ބަޔާނުގައި ހުރި ވާހަކަތަކަކީ ވެސް ހުސް ބުހުތާނު ދޮގެވެ.

އޭނާ ބުނި ގޮތުން އެއީ އޭނާއަށް ބިރު ދައްކައި މަޖުބޫރުން ނެރެފައިވާ ވާހަކަތަކެކެވެ. ބިރު ދައްކައި އެއްބަސް ކުރުވީ ފުލުހުންނާއި ޖަލު އޮފިސަރުން ބައިވެރިވެގެނެވެ. ޝަރީއަތުގައި އާފިޔާ އެ ގޮތަށް ފުރަތަމަ ވާހަކަ ދެއްކީ އޮގަސްޓް 8، 2018 އިގަ އެވެ. އެހާ ހިސާބުން އޭނާ މުޅީން ބަދަލުވީ އެވެ.

އާފިޔާގެ ރާގު ބަދަލުކޮށްލީ މަރުގެ އެ މައްސަލާގައި ރަކީދޫ މީހުންގެ ހެކިބަސް ނެގި ދުވަހު އެވެ. އެ ދުވަހު ހެކިބަސް ދިން ބައެއް މީހުން ބުނި ގޮތުން "[އިބްތިހާލްގައި] ތަޅާ ތަޅާ މަރާލަންވީއޭ، އޭރަށް މީހުން ކިޔާނެ އެއްޗެއް ނޯންނާނެއޭ! އާފިޔާ ބުނެ" އެވެ. އަދި އެކި ދުވަސްމަތީން އެ ކުއްޖާއަށް ވޭންދެނެވި ގިނަ ބައިވަރު އަނިޔާތައް ދެމުންދިޔަ މަންޒަރު ދެކެމު އެވެ. އޭގެތެރޭގައި ތުއްތު އެ ކުއްޖާގެ ކުރިމަތީ ފަރާތަށް ބޮޑެތި އަނިޔާތައް ދީފައި ހުއްޓާ ފެނިފައި ވެއެވެ. އަދި އިބްތިހާލާ ބެހޭ ގޮތުން މީހަކު ސުވާލެއް ކުރިޔަސް އެ ކުއްޖާއަށް ނިސްބަތް ދެރަ ބަހެއް އެހެންނާ ހުތުރު ބަހެއް ނޫނީ އާފިޔާގެ އަނގައި ބޭރެއް ނުކުރެ އެވެ.

"ވިޓްނަސް ބޮކްސް" ގައި ހެކިންގެ ވާހަކަތައް އާއިރު އާފިޔާ ގެންދިޔައީ ހަރަކާތުން އެ ވާހަކަތަކަށް ދެކޮޅު ހަދަމުންނެވެ. އަދި ބައެއް ފަހަރު އަނގައާ މޫނު މަތީގައި އަތްއަޅާ ހެކީންގެ ވާހަކަތަކާއި ދެކޮޅު ހެދި އެވެ. އެ މަޖިލީސް ރޫޅައިލުމުގެ ކުރީން އާފިޔާއަށް ފުރުސަތެއް ލިބުމުން ފުރަތަަމަވެސް ބުނީ "އެ މީހުން އެދީ ހުސް ދޮގެ" އެވެ. އަދި ވާހަކަ އަނެއްކޮޅަށް އަނބުރާލައި ބުނި ގޮތުން "[އޭނާގެ] އިބްތިހާލު މަރާލަން ރަށު މީހުން ގޮވާ ހަދަ" އެވެ.

ނޫސްވެރިޔާ ހަމީދަށް ނެގިފައިވާ އިބްތިހާލުގެ ވީޑިއޯކޮޅެއް
އިބްތިހާލުގެ މަރުގެ ހަބަރާއެކު އެ މައުސޫމް ކުއްޖާގެ އަސަރުން ފުރިފައިވާ ބާރުގަދަ ފޮޓޯއެއް އާންމުވިއެވެ. އައްސަދު ކިޔާ ފޮޓޯގްރާފަރަކު ނަގާފައިވާ އެ ފޮޓޯއަކީ އަޖައިބެއްހާ މޮޅު ފޮޓޯއެކެވެ. އެއީ އިބްތިހާލު މަރާލުމުގެ ހަފުތާއެއްހާ ދުވަސްކުރިން ނަގާފައިވާ ފޮޓޯއެކެވެ. އިބްތިހާލުގެ ދޮއްބައްޕައާއެކު ވ. އަތޮޅުފެރީގައި ކުރި ދަތުރެއްގެ މަތީގައި ނަގާފައިވާ ފޮޓޯއެކެވެ. އިބްތިހާލުގެ ދޮންބައްޕައަކީ ފެރީ ކެޕްޓަނެވެ. އެ ފޮޓޯއިން އިބްތިހާލުގެ މަރާއި އޭގެ ކުރީގެ ހިތްދަތި ދިރިއުޅުން ނުފޮރުވޭ ވަރަށް ބުނެދިނެވެ.

އަވަސްގެ ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމާ ވެސް އިބްތިހާލާ ވަނީ ވަރަށް ގާތުން ބައްދަލުވެފަ އެވެ. ނަމަވެސް އެކަން ހަމީދަށް އެނގުނީ އިބްތިހާލު މަރާލިތާ އަހަރު ދުވަސް ފަހުންނެވެ. އޭރު ހަމީދު މަސައްކަތް ކުރަމުން އައީ ވީޓީވީގަ އެވެ. އިބްތިހާލާ ބައްދަލުވެވުނުކަން ހަމީދަށް އެނގުނީ އޭނާގެ ކޮމްޕިއުޓަރުގައި އުކާލާން ޖެހޭ ކަމަށް ފެންނަ ވީޑިއޯތަކެއް އުކައިލުމުގެ ކުރީން ބައި ވީޑިއޯކޮޅުތައް ބަލައިލަން ހަވާވަމުން ގޮސް ހުޅުވައިލި ވ. ކެޔޮދުން އޭނާއަށް ނެގި ވީޑިއޯކޮޅަކުންނެވެ. އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޕެއިން ދުވަސްވަރު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކެޔޮދޫއަށް ކުރެއްވި ދަތުރުފުޅުގައި ކެޔޮދޫން ނަގާފައިވާ ވީޑިއޯކޮޅެކެވެ. ގާސިމް ކެޔޮދޫއަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ހުރިހާ ގޭގެއަކަށް ވެންނެވި އެވެ.

ގާސިމާއެކު ހަމީދު އެގެއަށް ވަން އިރު އިބްތިހާލު ހުރީ މާމައާއި ދޮން ކާފައާއެކު ކެޔުދޫގަ އެވެ. ވަރަށް އާދައިގެ ގެއެއްގެ ތެރޭގަ އެވެ. އޭރު އެ ގޭގެ ބޮޑުއަށީގައި އޭނާގެ ދޮންކާފައާއެކު އިބްތިހާލު ވެސް އިށީންދެލައިގެން އިނެވެ. އުނދޯއްޔެއްގައި އިބްތިހާލުގެ މާމައާއި އެހެން ކުއްޖަކު ވެސް އިނެވެ. ވީޑިއޯކޮޅުން ފެންނަ ގޮތުގައި ވެސް އެގެއަށް ވަދެ ވަޑައިގެން ގާސިމް އިށީނދެވަޑައިގެންނެވީ އިބްތިހާލުގެ ކައިރީގަ އެވެ. އޭރުވެސް އެ ކުޑަކުއްޖާގެ ހާލަތު ރަނގަޅުހެނެއް ހީއެއް ނުވެއެވެ. މޫނުމަތިން ބައެއް ފާރުވެފައިވާ ކަމުގެ ނިޝާންތަކެއް ހުއްޓެވެ. ބައިބޯކޮށް ގޭތެރެ އޮތަސް އޭނާގެ ނަޒަރު އެއިން އެއްވެސް ކަމަކަށް ނުގެންދެ އެވެ. އެންމެންގެ ތެރޭ އޭނާ އިނީ ހިމޭން ދުނިޔެއެއްގަ އެވެ. އޭނާގެ ހުރިހާ ހަރަކާތަކުން ފާޅުވަނީ ހިތްދަތި ކަމެވެ. ވީޑިއޯ ކޮޅުގައި އިބްތިހާލުގެ ދޮންކާފަ ދޭތެރެ ދޭތެރެއިން އޭނާގެ ބޮލުގައި ފިރުމާލަ އެވެ. ތުއްތު އެ ކުއްޖާ އެފަދަ ހާލަތެއްގައި ފެނުމުން ކެމެރާ ގިނަ ވަގުތު އަމާޒު ކުރެވެނީ އޭނާގެ މޫނަށެވެ. އެއީ އެ މައުސޫމް މޫނުން އެތައް ވާހަކަތަކެއް ބުނެދޭ ކަމަށް އިހުސާސް ކުރެވިގެނެވެ.

ޝަރީއަތަށް ހައަހަރު: އާފިޔާ 20 އަހަރަށް ޖަލަށް

އާފިޔާ "އުފުރާލި" ތާ ހަ އަހަރު ފަހުން އޭނާގެ މައްޗަށް ކުށް ސާބކިތުކޮށް އިއްޔެ ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ޝަރީއަތަށް އޭނާ "ދެ އަނގައިން" ވާހަކަ ދެއްކި ނަމަަވެސް އޭނާގެ އިއުތިރާފުގެ އިތުރުން، އިބްތިހާލް މަރުވެފައިވަނީ އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ބާރު ލިބޭ ހެކިތަކާއި ޑޮކްޓަރުންގެ ރިޕޯޓުތަކާއި ހުރި ގަރީނާތަކުގެ މައްޗަށް ބަލައި، ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އާފިޔާގެ މައްޗަށް ސާބިތުވީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ އެވެ.

މި މައްސަލާގައި އިސްލާމީ ޝަރީއަތުގައި އޮންނަ ގިސޯސް ނުވަތަ މަރަށް މަރު ހިފޭނެ ޝަރުތުތައް ފުރިހަމައެއް ނުވެއެވެ. މަރަށް މަރު ހިފެން ނެތް ކަމަށް ގާޒީ ވެސް ވިދާޅުވިއެވެ. ސަބަބަކީ އުފަން ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސޯސް ނުހިފޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާތީ އެވެ. އަދި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލު ކުރާތީ އެވެ.

ހަތް އަހަރު ވާންދާން މައްސަލައަށް ނިމުން ގެންނަވަމުން ގާޒީ ވަނީ މުޅި މައްސަލައާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ގާޒީ ވިދާޅުވި ގޮތުގައި އާފިޔާއަށް ވެސް އަދި އޭނާ މަރާލި އޭނާގެ ދަރިފުޅު އިބްތިހާލަށް ވެސް އިންސާފު ލިބެން ޖެހެ އެވެ. އާފިޔާއަށް އެތައް ބައެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބި އިންސާފު ނުލިބިވެ އެވެ. އާފިޔާގެ ފަރާތުން އިބްތިހާލަށް އަނިޔާ ލިބެމުންދިޔަކަން އެރަށުގެ ރައްޔިތުންނަށް ފެނިފައިވިޔަސް ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އާފިޔާއަށް ޖިންސީ ގޯނާއާ ޖިންސީ އަނިޔާ ލިބިފައިވުމަކީ އޭނާގެ ދަރިއަކު މަރާލަން ޖެހޭ ސަބަބެއް ނޫނެވެ. އަދި "ބައްޕަ ނެތް ކުއްޖަކު" ލިބުމަކީ ވެސް އެ ކުއްޖާ މަރާލަން އޮތް ސަބަބެއް ނޫނެވެ. ހުކުމްގައި އެފަދަ އެތައް ވާހަކަތަކެއް ގާޒީ ފާހަގަކޮށް ދެއްވާފައި ވެއެވެ.

ހަ އަހަރަށް ފަހު އިބްތިހާލުގެ މަރާއި ގުޅިގެން އޭނާ މަންމަގެ މައްޗަށް ކުށް ސާބިތުވެ 20 އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަަވެސް މައްސަލައާއި އެކި ގޮތްގޮތުން ގުޅިފައިވާ އެތަށް ކަމެއް ބިމަށް ގެނބިފައި ހުރީ އެވެ. ބަލައި ތަހުގީގު ހިންގާ ޝަރީއަތް ކުރަންޖެހޭ މައްސަލަތައް ގިނައެވެ. އިބްތިހާލުގެ މަރާއެކު ފެންމަތިވި ހުރިހާ މައްސަލަތަކަށް ވެސް އިންސާފު ލިބެން ޖެހެ އެވެ. އެއީ "ދެވަނަ އަފިޔާ" އެއް އުފަންވުމުގެ ފުރުސަތު ނުދޭށެވެ.