އާޝާ ޓެކްސްޓައިލް ހަސަން ހަލީމް ނަމުގައި މަޝްހޫރު ވެފައިވާ އައްޑު އަތޮޅު ހިތަދޫއަށް އުފަން ހަސަން ހަލީމަކީ ރާއްޖޭގެ ވިޔަފާރީގައި ވަރަށް ހަރުދަނާ އަދި ވަރަށް ގިނަ ބައެއްގެ ލޯބި އޮތް ނަމެކެއް އަދު ދިވެހި ވިޔަފާރީގައި ވަރަށް ބޮޑު ހިދުމަތްތެރިއެކެވެ. ޗާންދަނީ މަގުގައި އޮތް އޭނާގެ ވިޔަފާރީއަކީ އިހުއްސުރެ މައްސަލައެއް ނެތި ރީތިކޮށް ހިނގަމުން އައި ރަނގަޅު ވިޔަފާރި އެކެވެ. "އާޝާ ޓެކްސްޓައިލް" އަކީ ދިވެހިންގެ ބްރޭންޑެކެވެ.
އާޝާ ޓެކްސްޓައިލްގެ ފަށައި ބިޔަކޮށް ބޮޑު ކުރުމުގައި 1982 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރުގެ ނިޔަލަށް ސިންގަޕޫރުގެ "ހެން ތައި ހެން" ކިޔާ ކުންފުންޏަކާއެކު ހަސަން ހަލީމް ވަނީ ވިޔަފާރި ކުރައްވާފަ އެވެ. އެ މުއްދަތުގެ ތެރޭގައި ހަ މިލިއަން ސިންގަޕޫރު ޑޮލަރުގެ މުއާމަލާތް އެ ކުންފުންޏާއެކު އޭނާ ކުރެއްވި އެވެ. އެ މުއާމަލާތުގައި 1982 ފެށިގެން 1996 ނުވަ ވަނަ އަހަރާ ހަމައަށް އިންޓްރެސްޓެއް ނެތި އެ ކުންފުނިން އާޝާ ޓެކްސްޓައިލަށް މުދާ ފޮނުވައި ދިނެވެ.
އެ ކުންފުނިން އައްޑު އަތޮޅުގެ އެހެން ވިޔަފާރިވެރިއަކަށް ފޮނުވި މުދާތަކެއް އޭގެ ވެރިފަރާތުން ހަވާލު ނުވުމުން ސިންގަޕޫރުގެ ވިޔަފާރިވެރިޔާ އެދުނީ އެ މުދާތައް އޭނާ ނަގައިދޭށެވެ. އާދޭސްކޮށް ހަލީމްގެ ނަމަަށް ބީއެލް ބަދަލު ކުރުމަށް ފަހު މުދާތައް ނެގީ އެހެން ޝިޕްމެންޓްތަކަކާއެކު އިންޓްރެސްޓާ ނުލައި ފައިސާ ދައްކަމުން ގޮސް ހަލާސް ކުރާ ގޮތަށެވެ. އެހެން ހެދުމުން 154 ހާސް ޑޮލަރުގެ ދަރަންޏެއް އުފެދުނެވެ. އެކަމަކު އޯނަރު ކުންފުނީގެ ސެކްރެޓަރީއަށް އަންގާފައި އޮންނަނީ އިންޓްރެސްޓް ނުލައި ހަލީމް ގެންދާ ފައިސާ 150 ހާސް ޑޮލަރުން ކަނޑަމުން ގޮސް ހަލާސް ކުރާ ގޮތަށް ބާއްވާށެވެ. އެއީ އެ ޑެބިޓަކީ އޭނާގެ އެދުމާއި އާދޭހަށް ހަލީމް ނެގި މުދާތަކުގެ ސަބަބުން އުފެދިފައިވާ ދަރަންޏަކަށް ވާތީ އެވެ.
އެހެން އޮއްވާ ކުންފުނި ހިންގުން ކުންފުނީގެ ވެރިޔާގެ އަންހެނުންނާ ހަވާލުވުމާއެކު 150 ހާސް ޑޮލަރުގެ ޑެބިޓް، ސްޓޭޓްމަންޓްތައް ހަދާއިރު ތަފުސީލު ބައިގައި ޖަހައި އިންޓްރެސްޓެއް ހިމެނި އެވެ. އެއީ އާޝާ ޓެކްސްޓައިލާ ސިންގަޕޫރު ކުންފުނީގެ އޯނަރާ ދެމެދު އޮތް އެއްބަސްވުމާއި ވިޔަފާރީގެ ގާތްކަމާ ހިިލާފަށް ޖަހާފައިވާ އިންޓަރެސްޓެވެ. އެހެން އެ މައްސަލަ އުފެދުނީ ވިޔަފާރިވެރިޔާގެ އަންހެނުން ވިޔަފާރި ހިންގުމާ ހަވާލުވެ، އެ ފައިސާއަކީ އިންޓްރެސްޓްގެ ގޮތުގައި ޖަހައިގެނެވެ.
އޭގެ ފަހުން މެޓްރާނާ ނަމުގައި އަލުން މުދާތަކެއް ހެއްދުމަށް އޯޑަރު ކުރިއެވެ. އަދި އެ މުދަލަށް ދައްކަން ޖެހޭ 50 ހާސް ޑޮލަރު ހަލީމް ވަނީ ދައްކާފަ އެވެ. ނަމަވެސް އެ މުދާތައް ޑެބިޓްކޮށް ހަލީމް ދެއްކި 50 ހާސް ޑޮލަރު ތަފްސީލް ބައިގައި ހިމަނާ ސްޓޭޓްމަންޓެއް ދިނެވެ. ނަމަވެސް އެ ފައިސާ ތަފްސީލްގައި ހިމެނީ ކީއްވެތޯ ސުވާލުކޮށް އެކަމާއި ޝަކުވާ ކުރުމުން އެ ފައިސާ ކްރެޑިޓް ބައިގައި ވަނީ ހިމަނާފަ އެވެ. އޭގެ ދުވަސްތަކެއް ފަހުން ކުރިން ޑެބިޓްގައި ހިމެނުނު 150 ހާސް ޑޮލަރާއި ހަލީމް ފަހުން ދެއްކި 50 ހާސް ޑޮލަރު އެއްކޮށް އެއީ އޯލްޑް ބެލެންސް ކަމަށް ބުނެ އެ ފައިސާ ޑެބިޓް ކުރީ އެވެ. ނަމަވެސް އޭރު ކުރިން ޑެބިޓްގެ ގޮތުގައި ހިމެނި 150 ހާސް ޑޮލަރުގެ ބޮޑު އަދަދެއް ވަނީ ދައްކާ ހަލާސް ކޮށްފައެވެ. އެކަން ރިޕޯޓްތަކުން ވެސް ފެންނަން ހުއްޓެވެ.
އެކަން އެ ވިޔަފާރީގެ އިސް މީހެއްގެ ގޮތުގައި ހުރި ފިރިހެން މީހާ ރާއްޖެ އައި ދަތުރެއްގައި ހަލީމް އޭނާގެ ސަމާލު ކަމަށް ގެންދިޔަ އެވެ. އަދި އެގޮތަށް ސްޓޭޓްމަންޓްތަކުގައި ހިމަނާފައިވާތީ ޝަކުވާ ވެސް ކުރިއެވެ. އެ ވިޔަފާރިވެރިޔާ ވަނީ ހަލީމަށް ފެންނަ އެއްޗެއް ދިނުމަށާއި މި މައްސަލައާ ގުޅިގެން ކޯޓަށް ނުދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އޮޅުވާލުމުގެ ތެރެއިން އެއްވެސް ކަމެެއް ނުކުރާނެ ކަމުގެ ޔަގީންވެސް އޭނާ ދިނެވެ.
ސިންގަޕޫރުގެ އެ ވިޔަފާރިވެރިޔާއަކީ 2001 ވަނަ އަހަރާއި ހަމައަށް ގަވާއިދުން ދެ މަހުން އެއް މަހު ރާއްޖެ އައި މީހެކެވެ. އެމީހާ އެންމެ ފަހުން ރާއްޖެ އައީ މާޗް، 30 2001 ގައެވެ. އެ ފަހަރު އެ ވިޔަފާރިވެރިޔާ އަށް 1،000 ޑޮލަރު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ އިތުރަށް ފައިސާ ދެވޭނީ ކުރިން ދީފައިވާ ފައިސާއަށް ބެލުމަށް ފަހު ކަމަށް ހަލީމް ވަނީ ބުނެފައެވެ. އެއީ ސިންގަޕޫރުގެ އެ ކުންފުންޏަށް ހަލީމް ދައްކަން ޖެހޭ ފައިސާއަށްވުރެ އިތުރަށް ވެސް އޭރު ފައިސާ ދެވިފައިވާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ އެވެ.
އެ ދުވަހު ހަލީމް ލައްވާ ލިޔުމެއްގައި އޭނާ ސޮއި ކުރުވިއެވެ. ނަމަވެސް އެއީ ކޮން ލިޔުމެއްތޯ ހަލީމް ސުވާލު ކުރުމުން އެއީ ހަލީމާ ގުޅުމެއް ނެތް ލިޔުމެއް ކަމަށް ބުންޏެވެ. ނަމަވެސް އޭނާ އެދުނީ އެ ކަރުދާސްގަނޑުގައި ސޮއިކޮށްލައި ދިނުމަށެވެ. އެ ކަރުދާސްގަނޑު ވެސް ނުދައްކާ ކަރުދާސްގަނޑުގެ ކޮޅުގައި ސޮއިކޮށްލުމަށް އެދުނީ އެވެ. އޭނާ ތަކުރާރުކޮށް އެކަމަށް އެދުމުން ހަލީމް ވަނީ އެ ލިޔުމުގައި ސޮއިކޮށްފަ އެވެ.
އެ ލިޔުމުގައި ހަލީމް ސޮއި ކުރުމުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް އެވަގުތު ފިހާރަގައި ހުރި އެކުވެރިއަކު ބުނި، ނަމަވެސް އެއީ ލަނޑެއް ދޭނެ ވަރަށްވުރެ މާ ގާތް މީހެއް ކަމަށް ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ބުންޏެވެ. ހަލީމް ސޮއިކުރީ ވިޔަފާރިވެރިޔާގެ އެ ބަހަށް އިތުބާރު ކޮށެވެ.
އޭގެ ފަހުން 2001 ވަނަ އަހަރު ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ދިވެހި ދެތިން ވިޔަފާރިއެއްގެ އެހީތެރިކަމުގައި ހަލީމްގެ މައްސަލައެއް ފުލުހަށް ހުށައެޅި އެވެ. އެއީ ސިންގަޕޫރުގެ އެ ކުންފުންޏަށް ހަލީމް ދޭން ޖެހޭ ފައިސާތަކެއް ހުރި ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން އޭޕްރީލް 2، 2001 ފުލުހުންގެ އިދާރާއިން ފޯންކޮށް ހަލީމް ފުލުހަށް ހާޒިރުވާން އެންގި އެވެ.
އޭރު ފުލުހުންގެ އިދާރާގައި ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ހުއްޓެވެ. އޭނާއާ ސުވާލު ކުރުމުން ފުލުހަށް ދިޔައީ ހަލީމް ދޭން ޖެހޭ ފައިސާ ގިނަ ކަމުން ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ވިޔަފާރީގެ މުއާމަލާތްތައް ހުންނާނެ ކަމަށާ ދޭންޖެހޭ ފައިސާއެއް ނުހުންނާނެ ކަމަށް ހަލީމް، ފުލުހުންނަށް ދެންނެވި އެވެ. ފަހުން ހަލީމް ވަނީ އެކަމުގެ ލިޔުންތައް ހިއްސާ ކޮށްފަ އެވެ. އެ ލިޔުންތަކުގެ އަލީގައި އިންޓްރެސްޓް ނަގައިދެވެން ނެތް ކަމަށާ ކޮމިޝަން ނަގައިދެވިދާނެ ކަމަށް ފުލުހުން އެންގިއެވެ. އޭރު ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ވަނީ ރާއްޖެއިން ފުރައިގެންގޮސްފަ އެވެ.
ފުލުހުން ވަނީ ކޮމިޝަން ނަގައިދެވޭނީ ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ގެނެސްގެން ކަމަށް ބުނެފައެވެ. އެހެން ކަމުން މި މައްސަލަ ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ހަވާލުކުރި މީހަކު ވަނީ އެ މައްސަލަ މަދަނީ ކޯޓަށް ހުށައަޅާފަ އެވެ. ނަމަވެސް މަދަނީ ކޯޓަށް ހުށައެޅީ މުޅިން ތަފާތު މައްސަލައެކެވެ. އޭގެ ކުރިން އެ މީހާ ވަނީ ސިންގަޕޫރަށް ގޮސް، ލިޔުންތައް ބަދަލުކޮށް، އަދަދުތައް ލޯންގެ ގޮތުގައި ހިމަނާފަ އެވެ. އެގޮތުން ވިޔަފާރީގެ އަސްލު މުއާމާލާތްތައް އޮޅުވާލާ، ކުރިން ޑެބިޓްގެ ގޮތުގައި ހުރި 150 ހާސް ޑޮލަރު އަދި ކުރިން ވިޔަފާރި މުދާ ގަންނަން ފޮނުވި 50،000 ޑޮލަރު ލޯންގެ ގޮތުގައި ބަދަލުކޮށް ފޯޖް ޑޮކިއުމަންޓްތަކެއް ތައްޔާރު ކޮށްފައި ވެއެވެ.
އެ މައްސަލާގައި ބުނަނީ ފިހާރައެއް ގަންނަން ސިންގަޕޫރުގެ ދެ ބޭންކަކުން ލޯނު ނަގާ ނުދައްކާ އެބައޮތް ކަމަށެވެ. އެގޮތުން 150 ހާސް ޑޮލަރާއި 50،000 ޑޮލަރުގެ ދެ ލޯން ނަގާފައިވާ ކަމަށެވެ. ނަމަވެސް މަދަނީ ކޯޓުން ވެސް ނިންމީ އެއީ ލޯނެއް ނޫން ކަމަށެވެ. އެހެން ކަމުން އެ ފައިސާ ނަގައި ނުދޭނެ ކަމަށެވެ. އެކަމަކު މަދަނީ ކޯޓުން ވެސް ނިންމީ ކޮމިޝަން ނަގައިދެވިދާނެ ކަމަށެވެ. ފަހުން މި މައްސަލައާ ގުޅިގެން ބިޒްގޭޓް މެދުވެރިކޮށް ހެދި ރިޕޯޓްގައި ކޮމިޝަން ވެސް ދައްކަން ނުޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އޭގެ ފަހުން މައްސަލަ ހައިކޯޓަށް ހުށައެޅި އެވެ. އެ މައްސަލާގައި ހަލީމްގެ ވަކީލަށް ދިޔައީ އޭނާގެ އަންހެނުންގެ ބޭބެއެެކެވެ. ނަމަވެސް އެ ވަކީލަކީ ދައުވާ ކުރާ ދިވެހި މީހާއާ ގާތް ގުޅުމެއް އޮތް މީހެކެވެ. ވަކީލަށް އިތުބާރުކުރީ އާއިލީ ގޮތުން ގުޅުން އޮތް މީހަކަށްވީތީ އެވެ. މަދަނީ ކޯޓުން ނިންމި ނިންމުމާއި މި މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް، އަދި ވަކީލް ދެއްކި ވާހަކަތަކަށް ބިނާކޮށް ހައިކޯޓުން ހުކުމްކުރީ ދެ ލޯން ދެއްކުމަށެވެ. އޭރު ހަލީމްގެ ވަކީލް ވެސް އެންމެ ފަހުން ވާހަކަދެއްކީ ހަލީމާ ދެކޮޅަށް ރޭވުމެއްގެ ތެރެއިންނެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެފަހަރު ހަލީމްގެ ވަކީލަކަށް ހަމަޖެއްސީ އެހެން ބޭފުޅެކެވެ. އޭނާ ވަނީ ހަލީމް ކޯޓަށް ދާނެ ކަމެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް އެ ވަކީލާއި ދައުވާ ކުރާ މީހާގެ ގުޅުންތައް އޮތްކަން ހަލީމަށް އެނގުނެވެ. އެކަމާއި ޝަކުވާ ކުރުމުން ދެ މީހުންގެ މެދުގައި އޮތީ އެހެން ގުޅުމެއް ކަމަށް ވަކީލު ހަލީމްގެ ގާތުގައި ވިދާޅުވި އެވެ. ހަލީމް އެކަމާއި ކަންބޮޑުވުން ފާޅުކުރީ ހައިކޯޓްގެ މަރުހަލާގައި ވެސް ކަން ވެދިޔަ ގޮތުންނެވެ.
ސުޕްރީމް ކޯޓުން މައްސަލަ ނިމުނީ ހަލީމާ ދެކޮޅަށެވެ. ހައިކޯޓްގެ ހުކުމަށް ތާއީދު ކޮށްގެނެވެ. އެ ނިންމުމާމެދު ވަރަށް ދެރަވާ ކަމަށް ބުނެ ވަކީލު ވަނީ މައްސަލައިގެ ލިޔެކިޔުންތައް ބަލައިދާން އަންގާފަ އެވެ. އެ ފަހުން އެ ވަކީލު ސިންގަޕޫރަށް ގޮސް މައްސަލައާ ގުޅުންހުރި ވިޔަފާރިވެރިޔާއާ ބައްދަލުކުރި ކަމަށްވެ އެވެ. އޭރު އޭނާ އޮތީ ވަރަށް ބޮޑަށް ބަލިވެ ތަންމަތީ އެވެ. އޭގެ ދުވަސްތަކެއް ފަހުން އެ ވިޔަފާރިވެރިޔާ މަރުވެފައި ވެއެވެ.
ސިންގަޕޫރުގެ އެ ވިޔަފާރިވެރިޔާ ބަލީގައި ވަނިކޮށް އެ ފައިސާ ލިބިއްޖެނަމަ އޭގެ 50 ޕަސެންޓް ދައުވާކޮށްދޭ ދިވެހި މީހާއަށް އަދި 50 ޕަސެންޓް އޭނާގެ ފިރިހެން ދަރިފުޅަށް ދިނުމަށް ލިޔުމެއް އޮތީ ހޯދާފަ އެވެ. ފަހުން ސިވިލް ކޯޓަށް ހުކުމް ތަންފީޒު ކުރުމަށް ހުށައެޅުމުން އެ ނޫން ގޮތެއް ނެތުމުން ހަލީމް ވަނީ ފައިސާ ވެސް ދައްކަން ފަށާފަ އެވެ. ނަމަވެސް ފައިސާ ނެގުމަށް ފަހު އެ އަދަދު ގަބޫލު ނުކުރާ ކަމަށް ތަކުރާރުކޮށް ދިވެހި މީހާ ބުނަމުންދާތީ އެންމެ ފަހުން 2012 ގައި ފައިސާ ދެއްކުން ހުއްޓާލާ ކޯޓަށް އެކަން ހަލީމް އެންގިއެވެ. އެކަން ކުރީ ކުންފުނީގެ އޯނަރުވެސް ދުނިޔޭގައި ނެތުމާއި ހިދުމަތުގައި ކުންފުނި ވެސް ނެތުމުންނެވެ. ނަމަވެސް ދިވެހި މީހާ ވަނީ ކުންފުނީގެ އޯނަރުގެ ދަރިފުޅު އެބަހުރި ކަމަށް ބުނެ އެ ކުއްޖާ ރާއްޖެ ގެނެސްފަ އެވެ.
އެ ފަހުން ކޯޓްގައި އޮތް އަޑުއެހުމަކަށް ވިޔަފާރިވެރިޔާގެ ދަރިފުޅު ހާޒިރު ކުރުމުން އޭނާ ވަނީ ހަލީމަށް އެއްވެސް އަދަބެއް ދޭން ބޭނުންނުވާ ކަމަށާ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިފަ އެވެ. ޝަރީއަތުގެ އަޑުއެހުމުގައި ދިވެހި މީހާ އެދުނީ ހަލީމަށް ބޮޑު އަދަބު ދޭންޖެހޭނެ ކަމަށެވެ. އަދި ހަލީމްގެ އަމިއްލަ ފިހާރައެއް އެބަހުރި ކަމަށް ބުނެ އެ ފައިސާ ދޭންޖެހޭނެ ކަމަށެވެ. އަދި ފަހުން އޮތް އަޑުއެހުމެއްގައި ފިހާރައާ ގުޅޭ ލިޔުންތައް އޭނާ ހުށައެޅިއެވެ.
ނަމަވެސް އެ ފިހާރައަކީ ދިވެހި ދައުލަތަށް ރަހުނުކޮށް ފިނޭސްގައި ބަހައްޓާފައިވާ ފިހާރައެކެވެ. ކުރިން މި ފިހާރައަކީ އެސްބީއައި މެދުވެރި ވެގެން ގަނެފައި ރަހުނު ކޮށްފައިވާ ފިހާރައެެކެވެ. ދައުލަތަށް ރަހުނުކޮށް ފިނޭންސްގެ ދަށަށް ފިހާރަ ބަދަލުކުރީ ފައިސާ ދައްކަން އުދަނގޫވެ އެކަން ރައީސް އޮފީހުގެ ސަމާލު ކަމަށް 2003 ގައި ހަލީމް ގެން ދިއުމުންނެވެ.
ރައީސް އޮފީހުން ވަނީ ފިނޭންސް މެދުވެރިކޮށް އެސްބީއައިއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ކްލިއާކޮށްފަ އެވެ. އަދި ހަލީމާއި ފިނޭންސް މިނިސްޓްރީއާ ދޭތެރޭ އެއްބަސްވުމެއް އެކުލަވާލައި ފިހާރަ ފިނޭންސްގެ ރަހުނެއްގެ ގޮތުގައި ބެހެެއްޓިފައިވާ ކަމަށް ލިޔުމުން އަންގާ ރަޖިސްޓްރީގެ ކޮޕީއެއް، ފިނޭންސްގެ ތައްގަނޑު ޖެހުމަށްފަހު ހަވާލުކުރި އެވެ. އެއާއެކު ލޯނުގެ އެގްރީމަންޓްގެ ލިޔުންތައް ވެސް ދިނެވެ.
ރައީސް އޮފީހުން ހަލީމުގެ އެދުމަށް އެކަން ކޮށްދިނީ އޭނާގެ ނުކުޅެދުންތެރިކަން ހުރި ހަތަރު ކުދިންނާއި އާއިލާގެ ހާލަތަށް ބެލުމަށްފަހު އެވެ. ވިޔަފާރީގައި މައްސަލަތައް ދިމާވެ ހަލީމްގެ އާއިލާގެ ހާލަތު ގޯސްވީ އޭނާގެ ވިޔަފާރިއާ ދެކޮޅަށް ބަޔަކު ތަކުރާރުކޮށް ކުރަމުން ގެންދިޔަ ކަންތައްތަކާއި ގުޅިގެންނެވެ. ފަހުން ސަރުކާރުން ވަނީ ހަލީމް ދައްކަން ޖެހޭ ފައިސާއަށް އިންޓްރަސްޓް ނާރާ ގޮތަށް ވެސް ހަމަޖައްސައިދީފަ ފައެވެ.
ފިނޭންސްއަށް ދައްކަން ޖެހޭ ފައިސާއާ އަދި ހަލީމް ދިރިއުޅޭ ތަނަށް ދައްކަން ޖެހޭ ކުލިވެސް ނުދެއްކި މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އަދި ނުކުޅެދޭ ކުދިންގެ ކަންކަން ހުރި ގޮތުން ސަރުކާރާ އެ ވާހަކަތައް ދެކެވި ހަލީމް ހިންގަމުންދިޔަ ފިހާރަ ކުއްޔަށް ދިނުމުގެ ހުއްދަ ފިނޭންސުން ދިނެވެ. އެއީ ކުލީގެ ގޮތުގައި ލިބޭ ފައިސާއިން ބައެއް ދައްކާ ލޯން ހަލާސްކުރާ ގޮތަށެވެ.
ހަލީމް ވަނީ ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދާ ދެ ފަރާތު ދެމެދު އެގްރީމަންޓް ކުރެވި އެ އަހަރުގެ މެއި މަހު ފިހާރަ ހަވާލު ކުރަން ނިންމާފަ އެވެ. ނަމަވެސް ދައުވާ ކުރާ ދިވެހި މީހާ ވަނީ ސިންގަޕޫރުގެ ކުންފުނީގެ ނަމުގައި ސިވިލްކޯޓަށް އާ މައްސަލައެއް ހުށައަޅާފައެވެ. އޭނާ މައްސަލަ ހުށައެޅީ ފިހާރަ ކުއްޔަށް ދީފައިވާ ކަމަށް ބުނެ އެވެ. އެ ހުށައެޅުމާއެކު އޭޕްރީލް 27، 2017 ގައި ފިހާރާގައި ވަނީ ތަޅު އަޅުވާފަ އެވެ. އެކަން ކުރީ ފިހާރާގައި އެވަގުތު ހުރި މުދަލުގެ ހިސާބު ނެގުމަށް ކަމަށް ބުނެ ވަދެ އެވެ.
ފަހުން ކޯޓުން އެންގި ގޮތަށް ފިހާރައިގެ ސްޓޮކް ނެގިއިރު އޭރު ތަނުގައި ހުރީ ސްރީ ލަންކާގެ މަހާރާޖާ ކުންފުނިން ފޮނުވާފައިވާ ޖޯންސަން ޓީ ގެ ސްޓޮކާއި ބައެއް އެހެން މުދަލެވެ. ކޯޓުން ވަނީ ސްޓޮކް ނެގުމަށްފަހު މުދާ ނީލަމަށް ލާފަ އެވެ. ނަމަވެސް ނީލަމުގައި އެ މުދާ ނަގާނެ ފަރާތެއް ނުވިއެވެ. ހަލީމް ވަނީ ފިހާރައާ ފިހާރައިގަވާ އެސެޓްތަކަކީ ދިވެހި ދައުލަތް، ފިނޭންސްގެ މިލްކެއް ކަމަށް ބުނެފަ އެވެ. އަދި ދައުލަތުގެ އެސެޓެއް ނީލަން ނުކިޔެނޭ ކަމަށް އޭނާ ބުނަމުން ދިޔަ އެވެ. ނަމަވެސް ކޯޓުން ބުނެފައި ވަނީ އެއީ އެ ކޯޓަށް ނޭނގޭ ކަމެއް ކަމަށެވެ. އެހެންވެ އެކަމާއި ގުޅޭގުޅޭ ލިޔުންތައް ހަލީމް ވަނީ ކޯޓަށް ހުށައަޅާފަ އެވެ.
އެ މައްސަލައާ ގުޅިގެން ބޭއްވި ތިންވަަނަ އަޑުއެހުމުގައި ފިހާރާގައި ހުރި ތަކެތި ވިއްކާ ފައިސާގެ 50 ޕަސެންޓް ދައްކަން ކޯޓުން ވަނީ އަންގާފަ އެވެ. އޭރު ފިހާރާގައި ހުރި މުދާތައް ވަނީ ހަލާކުވެފަ އެވެ. އެހެން ކަމުން އެ މުދާތައް ނުވިކޭނެ ކަމަށް ހަލީމް ވަނީ ޝަރީއަތުގައި ބުނެފައެވެ. އަދި ނުވިކޭ އެއްޗަކާއި ހަވާލުވެ އެއިން ލިބޭނެ ފައިސާގެ ދެބައިކުޅަ އެއްބައި ދެއްކޭނެ ގޮތެއް ނެތް ކަމަށް ވެސް ހަލީމް ވަނީ ބުނެފައެވެ.
ޝަރީއަތުގެ އެ މަޖިލީހުގައި ވެސް ފިނޭސުން ވަނީ ހަލީމްގެ މައްޗަށް ދައުލަތުން ދައުވާކުރަން ނޫޅޭ ކަމަށް ބުނެފަ އެވެ. ސަރުކާރުން ކުރިން ވަނީ ހަލީމްގެ ހާލަތަށް ބަލާ ލުއި ގޮތްތަކެއް ހޯދާދީ، ޖޫރިމަނާ ވެސް ނާރާނެހެން އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެހެން ނަމަވެސް ހަލީމް އެކަމާ އާދޭސްކޮށް އެހެން ނުހެދުމަށް އެ ދެމުން ދަނިކޮށް ފަހުން އެ ފިހާރަ ވަނީ ނީލާމުގައި ވިއްކާލާފަ އެވެ. އަދި އެތަން ގަތް ބަޔަކު މިހާރު ދަނީ އަލުން އިމާރާތެއް ހަދަމުންނެވެ.
ނަމަވެސް ދައުލަތުގައި ރަހުނުކޮށްފައިވާ ތަނެއް ނީލަންކިޔާ، ފިނޭންސްގައި އޮތް ހަލީމްގެ ރަޖިސްޓްރީ އޭނާގެ ބަހެއް ނެތި އެ މިނިސްޓްރީން ބޭރުވި ގޮތާމެދު ސުވާލު އުފެދެ އެވެ. ފިހާރަ ނީލަމުގައި އެހެން ފަރާތަކަށް ދޫކޮށްފައިވަނީ ވެސް ހަލީމްގެ އެއްވެސް ބަހެއް ނެތި އެވެ. އެކަން ހަލީމް ވަނީ ރައީސް އޮފީހުގެ ސަމާލު ކަމަށް ގެންގޮސްފަ އެެވެ. އެކަމާއި ގުޅިގެން ރައީސް އޮފީހުން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ހަލީމަށް ޖަވާބު ދީފައެވެ. އަދި ފިނޭސް މިނިސްޓްރީއާ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް އެކަން ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ. ސިޓީ ކައުންސިލުން ވެސް ވަނީ ހަލީމަށް އެ ޔަގީންކަން ދީފަ އެވެ.
މައްސަލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، ފުލުހަށް އަލުން މައްސަލަ ހުށައަޅާފައިވާއިރު އަދި މި މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓުން އަންގައިގެން ހައި ކޯޓްގައި އޮތްއިރު މި މައްސަލަ ނުނިމި ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި ހަލީމްގެ ވިޔަފާރި ގެއްލި، ބަލި ކުދިންތަކެއް ބަަލަމުން އޭނާ ގެންދަނީ ދަތި ހާލުގަ އެވެ. އޭނާ ވަނީ މަގުމަތިވެފަ އެވެ. ދައުލަތުގެ ރަހުނުގައިވާ ބިމެއް ވަނީ ނިޒާމުން ގެއްލިފަ އެވެ.