ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވައްކަން

އެޕޯލޯގެ ބޮޑު ވައްކަމުން އިތުރު ހާސްކަން!

ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހަކާ ހެދި ދުނިޔެ މި އޮތީ "ހުއްޓިފަ" އެވެ. ދުނިޔޭގެ ބޮޑު އާބާދީ ބިރުން ވިރެނީ އެވެ. ރާއްޖެ ވެސް އޮތީ ހަމަ އެ ހާލަތުގެ ތެރޭގައި ހުރިހާ ކަމެއް ސުމަކަށް ވެެއްޓި ރޫރޫ ލައިލަ އެވެ. ކޮވިޑް-19 އިގެ ބިރަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެންމެހެން މިތިބީ ގޭގައި ވެސް ބަންދު ވެގެނެވެ. ސަރުކާރާއި އޮފީސް ބަންދުކޮށް މަސައްކަތްތައް ވެސް ގެންގޮސް ގެއަށްލައިގެނެވެ. ކެފޭ / ރެސްޓޯރެންޓުތައް ބަންދު ކުރުމުން މަގުމަތީގައި "ވައިވެގެން އުޅޭ" މީހުނަކ،ީ ވެސް ހާލުން ހާލުން ފެންނަ ބައެކެވެ.

ގައުމު ބަންދުކޮށް، ކޮރޯނާ ވައިރަހުން ސަލާމަތުގެ އައްސޭރިއަށްދާން އެންމެހެން ފިކުރު ކުރާއިރި ދަނޑިވަޅަކަށް ބަަލައިގެން ތިބި އޯގަނައިޒް ކްރައިމް ހިންގާ ބޮޑެތި ގޭންގްތަކުން ލޯ ހުޅުވާލައިފި އެވެ. އެކަން އެނގިގެން މިދިޔައީ ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި އެޕޯލޯގެ އޮފީސް އިއްޔެ ރޭ ފަޅާފައިގެންގެން ވަދެ އެތާނގެ ތިޖޫރީން ކުރި ބޮޑު ވަައްކަމާ ހަމައިންނެވެ. އެންމެން ކޮވިޑް-19 އަށް ބިރުގަނެ ގޭގައި ތިބައި، މި ވައްކަމުން އިތުރަށް ސިއްސުވާލައިފި އެވެ. -- ބަންދުކޮށްފައި ހުރި އޮފީސްތަކާއި ކުންފުނިތަކާއި ވިޔަފާރި މުދާ ގުދަންތަކުގެ ހާލަތު ކިޔައިދޭކަށް މިހާރު އެކަކަށް ނޭނގެ އެވެ.

އިއްޔެ ރޭ ކުރި ބޮޑު ވައްކަމާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެ އޮފީސް ބަންދުކޮށްފައި ބޭއްވުމަށްފަހު ރޭ ދޫކޮށްލުމާއެކު، އަވަސް ގެ ނޫސްވެރިން މިއަދު ވަނީ އެ އޮފީހަށް ވަދެ މަންޒަރު ބަލާލާފަ އެވެ.

އެޕޯލޯގެ ބޮޑު އެ ވައްކަމުގައި 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގުން ގެންދިޔަ އެވެ. މި ވައްކަން ކޮށްފައިވަނީ ފަސް ތިޖޫރީއެއް ފަޅާލާއިގެން އެ ތިޖުރީތަކުގައި ހުރި ހުރިހާ ފައިސާ ވަގަށް ގެންގޮސްގެނެވެ. އޭގެ ތިޖޫރިއެއްގައި ލޯލާރިއެއް ވެސް ނުބަހައްޓައި ފުލާއެކު ކަހާލައިގެން ގެންދިޔައީ އެވެ. ތިޖޫރިތައް ހަލާކޮށްލުމުގެ "މިޝަން" ހިންގާފައިވާ ކަމަށް ބެލެވެނީ ފުއްކައްޓާއި ދަތް މަރުތެޔޮ ފަދަ އާލަތްތައް ބޭނުންކޮށް މަތާލައިގެނެވެ. އަދި ވަގުތު އޮވެގެން އެއްޗަކުން ތަޅައިގެން ތިޖޫރީގެ ދޮރުތައް ފޫދުއްވާލައިގެނެވެ.

ފަސް ތިޖޫރީގެ ތެރެއިން އެންމެ ގިނަ ފައިސާ ހުރި، އެންމެ ބޮޑު ތިޖޫރީ ހުރީ އެޕޯލޯގެ ފައިނޭންސް ޑިޕާޓްމަންޓުގަ އެވެ. އަދި އެހެން ތިޖޫރީތައް ބަހައްޓާފައި ހުރީ މާކެޓިން އާއި އެޑްމިން ޑިޕާޓްމަންޓުގެ މޭޒުތައް ދޮށުގަ އެވެ. ބެލެވޭ ގޮތުގައި މި ބޮޑު ވައްކަން ކުރުމުގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރވެފައިވުން ގާތެވެ. ބެލެވެނީ ތިޖޫރީތައް ފަޅާލާފައި ވަނީ އެ އެއްޗިހި ހުރި ތަންތަނުގައި އެ ހުރި ގޮތަކަށް ބަހައްޓައިގެނެވެ.

"އަޅުގަނޑުމެންނަށް ވިސްނޭ ގޮތުގައި މިކަން ކޮށްފައި ވަނީ އެކަކަށް ވުރެ ގިނަ ބަޔަކު އެކުވެގެން. މި [ބޮޑު] ތިޖޫރީ އަޅުގަނޑުމެން އަރުވަން ވެސް ނުވަ މީހުން ބޭނުންވި. ދޮރުވެސް އެހާ ބަރުވާނެ. ވަރަށް ބަރު އެއްޗެއް މިއީ. އެހެންވެ އެކަކަށް ނޫނީ ދެ މީހަކަށް މި ކަމެއް ނުވާނެ،" އެ ޕޯލޯ ހާޑްވެއާ ހިންގާ އިމާރާތުގެ ދެވަނަ ބުރީގައި ހުންނަ އޮފީހުގައި ހުރެ، އަވަސް އަށް ވާހަކަ ދައްކަވަމުން، އެ ކުންފުނީގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

ބައެއް މީހުނަށް އަޑު އިވުނު

ހިލަ އާއި ކޮންކްރީޓް އަދި ވަރު ގަދަ ދަގަނޑުގެ މައުދަންތަކުން ހަދާފައިވާ "އެކަތަ" އިގެ މި ވަރުގަދަ ތިޖޫރީތައް ވަގުން ހަލާކޮށް ހުޅުވާފައިވާ ކަމަށް ބެލެވެނީ އިއްޔެ ރޭ ގަޑިން 11:45 އާއި ފަތިހު 5:00 އާ ދެމެދުގެ ވަގުތެއްގަ އެވެ. އެ ގަޑީގައި ފަތިސް ނަމާދަށް ހޭލައި އުޅުނު ބައެއް މީހުންނަށް އެ ހިސާބުން އަޑެއް އިވިފައިވާ ކަމަށް ވެ އެވެ.

އެ އަޑު އިވުނު ބައެއް މީހުން ބުނި ގޮތުގައި އެ މީހުނަށް އިވިފައި ވަނީ ދޮރެއް ލެއްޕޭ ފަދަ އަޑެކެވެ. އެކަމަކު އެއީ އެވަރުގެ ބޮޑު ވައްކަމެއް ކަމަށް ޝައްކު ކުރާ ވަރުގެ އަޑަކާ ގާތް ކުރާވަރުގެ އަޑެއްވެސް ނޫނެވެ.

"މި ގޭގެ މަތީގައި އުޅުނު މީހަކު އެބަ ބުނޭ މަޑުން އަޑެއް އިވުނު ކަމަށް. އެކަމަކު އޭނާ ހީކުރީ ދޮރެއް ވަޔާ ލެއްޕޭ އަޑު އިވުނީ ކަމަށް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މީހާ ބުންޏެވެ.

އިންސައިޑް ޖޮބެއް ތަ؟

ކޮންސްޓްރަކްޝަން ސާމާނު އެތެރެ ކުރުމުގައި ވަރަށް މަޝްހޫރު އެޕޯލޯގެ އޮފީހުގައި ސާޅީހާ ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ އޮފީހަކީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅު ތަކެއް ވެސް އަޅާފައިވާ ތަނެކެވެ.

އޮފީހުގެ ތެރޭގައި ގިނަ އަދަދެއްގެ ސެކިއުރިޓީ ކެމެރާ ހަރަކޮށްފައި ހުރެ އެވެ. ކެމެރާތައް ހުރި ގޮތުން ކޮންމެ ދޮރަކުން ވަންނަ އެއްވެސް މީހަކަށް އެ ކެމެރާ ތަކަށް "ފިލައިގެން" ވަދެވޭނެ އަދި ނުކުމެގެން ދެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ.

އެކަމަކު އިއްޔެ ރޭގެ ބޮޑު އެ ވައްކަމުގައި އުޅުނު އެއްވެސް ވަގަކު އެއިން ކެމެރާއެއްގެ ލޮލަށް އަރާފައެއް ނުވެ އެވެ. އޮފީހުގައި ހުރި ހުރިހާ ކެމެރާއެއްގައި ވެސް ހުރީ ޓޭޕް އަޅާ "ލޯ" ފޮރުވާފަ އެވެ. އެކަމަކު ކެމެރާގައި ޓޭޕް އަޅަން އެރި މީހާ ނުފެންނަނީ ކީއް ވެގެން ހެއްޔެވެ؟ ވަގުން ވަނީ ކިހިނެއް ހެއްޔެވެ؟ މައި ދޮރުން ހެއްޔެވެ؟ ނޫނީ ކުޑަ ދޮރަކުން، ފެންލައިޓަކުން ހެއްޔެވެ؟

ކެމެރާތަކުގައި ކަރަންޓު ޓޭޕް އަޅާ ފޮރުވުމުގެ ކުރިން ހުރިހާ ކެމެރާތަކެއްގެ ކަރަންޓު ހުރީ ކަނޑާލާފަ އެވެ. މިކަން ކުރީ ކިހިނެއް ހެއްޔެވެ؟ މި ކަމަކީ އޮފީހުގެ ތެރެއި ން ހިންގި "އިންސައިޑް ޖޮބެއް" ގޮތުގައި ނުބެލޭ ހެއްޔެވެ

ބައެއް މީހުން ބުނާ ގޮތުގައި ސީސީ ޓީވީގެ ފުޓޭޖަކަށް ނާރަ، ކަރަންޓު ދުއްވާލެވޭނެ ފުރުސަތުތައް އެހާ ގިނަ އެއް ނުވާނެ އެވެ. އޭގެ އެއް ގޮތަކީ ސީސީ ޓީވީއާ ގުޅުން ހުރި ސާވާއަކުން ވަދެގެން ދުރާލާ ކެމެރާތަކުން ކަރަންޓު ދުއްވާލުމެވެ. ނޫނީ ރިމޯޓްކޮށްގެން ކެމެރާތައް އޮފް ކޮށްލުމެވެ. ނޫނީ އެ ތަނަކުން ކަރަންޓު ކަނޑާލާފައި ބެހެއްޓުމަށްފަހު ކެމެރާގެ ބެޓެރި ޗާޖް އޮފްވާން ވަގުތު ދީފައި އެތަނަށް ވަނުނެވެ.

މި ދެ ގޮތުން ކުރެ ގޮތެއް ހެދޭނީ ވެސް ވަރަށް ރަނގަޅަށް އެ ތަނެއް އެނގޭ ބަޔަކަށެވެ. އެ ތަނެއްގައި ކެމެރާތައް ހުންނަތަނާއި ކެމެރާތައް ވޯކް ކުރާ ގޮތް ރަނގަޅަށް "ކިޔަވައިގެން" ތިބި ލޯ ހުޅުވޭ ބަޔަކަށެވެ.

މައި ދޮރުގެ ސްޓީލް ތަޅެއް ނެތް

އެ ޕޯލޯގެ އޮފީހުގެ ދޮރަކީ ގިނަ ކުންފުނިތަކުގެ ދޮރާށިތަކާ ހިލާފަށް ވަރުގަދައަށް ހަދާފައިވާ ދޮރެކެވެ. މައި ދޮރުގެ ބޭރުގައި ދަނގަޑު ދޮރެއް ހަރުކޮށްފައި ވެސް ހުރެ އެވެ. އެ ދޮރު ހަދާފައިވަނީ ކޮންކްރީޓުން ރަނގަޅަށް ހަރު ކޮށްގެންނެވެ. އެހެންވެ ކޮންކްރީޓް ގަނޑު ފުޑާލައިން ނޫން ގޮތަކަށް ދޮރެއް ނުހުޅުވޭނެ އެވެ.

އެ ކޮންރީޓް ގަނޑު ފުނޑާލިއަސް ހުޅުވޭނީ ދަގަނޑު ގޭޓެވެ. އަދި އެތެރޭގައި އެހެން ދޮރެއް ވެސް އިންދެ އެވެ. އެހެންވެ އެވަރުން ވެސް އެ އޮފީހަކަށް ނުވަދެވޭނެ އެވެ. އެ ދޮރު ހަލާކޮށްލިއަސް އެ އޮފީހަކަށް ނުވަދެވޭނެ އެވެ. އޮފީހަށް ވަންނަން މީހަކަށް ރިސެޕްޝަން ކައިރީ ހުންނަ ދޮރު ވެސް ހަލާކޮށްލަން ޖެހޭނެ އެވެ. އޮފީހުގެ މައި ދޮރުގެ ބޭރުގައި ވަރުގަދަ ސްޓީލް ދެ ތަޅު ހަރުކޮށްފައި ހުރެ އެވެ. އެ ތަޅު ތަކަކީ ކީހާލަން ވެސް އުނދަގޫ ތަޅު ތަކެވެ. ސަބަބަކީ ތަޅު އިންނަ ގޮތުން އެ ތަނަށް ކީހެއް ވައްދާލުމަކީ ވެސް ދަތިކަމަށްވާ ނެތީ އެވެ. ދުނި ކީހަކުން ކީހާނަމަ އެ ވާނީ ވަރަށް އުނދަގޫ ބޮޑު ކަމަކަށެވެ.

އެހެންވެ ދޮރުގެ ތަޅު ނައްޓާލާފައިވާ ގޮތާމެދު ސުވާލު އުފެދެ އެވެ. އޮފީހަށް މީހުން ދިޔައިރު އެ ތަނުގައި ތަޅެއް ނެތެވެ. ތަޅު ހަލާކުކޮށްލީ ކަމެއް ނޫނީ ތަޅު ހުޅުވީ ކަމެއް ވެސް ނޭނގެ އެވެ. ތަޅު "ހަލާކު" ކޮށްލުމަށް ފަހު އެތެރޭގައި އިންނަ ދޮރު ހުޅުވާފައި ވަނީ މަތާލައިގެނެވެ.

މައި ދޮރުން، އެތެރެއަށް ވަންނަ މީހަކަށް ދިމާވާ، ރިސެޕްޝަންގެ ކައިރީގައި އިތުރު ދެ ދޮރެއް ހުރެ އެވެ. އަދި ރިސެޕްޝަންގެ އަރިމަތީގައި "ސީކްރެޓް ދޮރެއް" ވެސް ހުރެ އެވެ. މި ވައްކަން ކުރި މީހުން އޮފީހަށް ވަނީ ނޫނީ އޮފީހުން ނުކުތީ އެ ދޮރުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އެ ސަބަބުތައް އެހެން ހުރުމުން ބެލެވެނީ އެއީ އޮފީސް ރަނގަޅަށް އެނގޭ ބަޔަކު ކޮށްފައިވާ ވައްކަމެއްގެ ގޮތު އެވެ.

އޮފީހަށް އިތުރު ގެއްލުމެއް ނުދޭ

އެޕޯލޯ އޮފީސް ފަޅާލައިގެން ވައްކަން ކުރި މީހުން އެ އޮފީހަށް އިތުރު އެއްވެސް ގެއްލުމެއް ދީފައެއް ނެތެވެ. ހަމައެކަނި ގެންގޮސްފައި ވަނީ ތިޖުރީތަކުގައި ހުރި ނަގުދު ފައިސާ އެވެ. އޮފީހުގެ ބޭރުގެ އިމާރާތްތަކުގައި ވަށައިގެން ކެމެރާތައް އެބަހުއްޓެވެ. އެހެންވެ މައި ދޮރުން ވަގުން އެ އިމާރާތަށް އެތެރެވި އެ މީހުން ފެނުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު ފުލުހުން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ. ފުލުހުންގެ ތަހުގީގުތައް އަދި ކުރިޔަށް ދަނީ އެވެ.

މީހުންގެ ވިސްނުން ކޮވިޑު-19 އަށް ދޫކޮށްލާފައި ވަނިކޮށް މާލެ ތެރެއިން މިކުރި ބޮޑު ވައްކަމާއެކު އިތުރު ސުވާލެއް އުފެދެ އެވެ. މިއީ އަނެއްކާ ސިލްސިލާ ވައްކަންތަކެއް ފެށުން ހެއްޔެވެ؟ މީގެ ކުރިން ވެސް މި ފަދަ ބޮޑެތި އޮގަނައިޒް ކްރައިމްތަކުގެ "ސިލްސިލާ"ތައް ފެށިގެން އައީ މިފަދަ ގޮތަކަށެވެ.