ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަތް މީހަކު ޕޮޒިޓިވްވެ، ނިޔާމަ ރިސޯޓް މޮނިޓަރިންއަށް

ކޮވިޑް-19 އަށް ހަތް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ނިޔާމަ ރިސޯޓް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ލައިފި އެވެ.

ނިޔާމަ ރިސޯޓް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނައީ މިއަދު އެވެ. ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިރޭ ވިދާޅުވީ އެ ރިސޯޓުން ޕޮޒިޓިވްވީ ދެ ޓޫރިސްޓުންނާއި ފަސް މުވައްޒިފުން ކަމަށެވެ. އޭގެ ތެރެެއިން ފަސް މީހަކު ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ. އަދި އަނެއް ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކޮންޓެކްޓްޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހުންގެ ތެރެއިން ނެގި ސާމްޕަލްތައް ޓެސްޓް ކުރުމުންނެވެ.

ނަޒްލާ ވިދާޅުވީ އެ ރިސޯޓުން 17 ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެރަށް މިހާރު މޮނިޓަރިންގައި އޮތްއިރު އެ ރަށުގައި ބަލި އޮތް ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ފެށޭނެ ވަކި ދުވަހެއް ނުބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ރިސޯޓެއް އެޗްޕީއޭގެ މޮނިޓަރިންއަށް ގެނައި މިއީ ފުރަތަމަ ފަހަރެވެ. ބޯޑަރު ހުޅުވިފަހުން ދެ ލައްކަ މީހުން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރެއިން 228 ޓޫރިސްޓުން ވަނީ ޕޮޒިޓިވްވެފައެވެ.