ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ރާއްޖެއަށް ޔޫކޭ ކޮވިޑް އައުމުގެ ފުރުސަތު ވަރަށް ބޮޑު"

އިނގިރޭސިވިލާތުގައި ފެތުރިގެންފައިވާ ކޮރޯނާވައިރަހުގެ އާވައްތަރު "ޔޫކޯ ކޮވިޑް" ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާ ހާލަތު ގޯސްވުމުގެ ފުރުސަތު ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ގަދައަށް ހިފެހެއްޓުން މުހިންމު ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ "ޔޫކޭ ކޮވިޑް" އާ ގުޅިގެން އިނގިރޭސިވިލާތުގައި ނުރައްކާތެރިކަން ބޮޑުވެ އެތަށް ބަޔަކަށް ބަލި ޖެހިފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ވިދާޅުވިއެވެ. އައު ވައިރަސް ރާއްޖެ އައުމުގެ ފުރުސަތުވެސް ވަރަށް ބޮޑުކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ 21 ގައުމަކުން އައު ވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވިދާޅުވާއިރު މި ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމަކީ ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމެއް ކަމަށެވެ. އެހެން ދިމާވެއްޖެނަމަަ ރާއްޖެ ފަދަ ސިއްހީ ނިޒާމު ބަލިކަށި ގައުމަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މި ވޭރިއަންޓް އަސްލު އައުމުގެ ފުރުސަތު ވަރަށް ބޮޑު ރާއްޖެއަށް. ހަމައެކަނި ޔޫކޭ މީހުންގެ ފަރާތަކުން ނޫން. އެއީ މިހާރުވެސް 21 ގައުމުން ފެނިފައިވަނީ. ސީކުއެންސިންއަކީ ޓެސްޓް ހެދީމަ އެނގޭނީ އޭތި އުޅޭތޯ ނުވަތަ ނޫންތޯ. ދެން މި ވޭރިއެންޓުން އިތުރަށް ސީރިއަސްވާ ކަމަކަށް ނުފެނޭ. އެކަމަކު ކުރީގެ ކޮވިޑް ޖެހޭ މީހުން މިސާލަކަށް ހޮސްޕިޓަލައިޒް ކުރާ ވަރަށް މި ވޭރިއަންޓް ޖެހުމުންވެސް ހޮސްޕިޓަލައިޒް ކުރަނީ. އެކަމަކު ވިސްނާލަން ވާނެ ބޮޑަށް ފެތުރޭ އެއްޗަކުން ގިނަ މީހުން ހޮސްޕިޓަލައިޒް ކުރަން ޖެހޭނެކަން، ނަންބަރު އިތުރުވާނެކަން،"

ނަޒްލާ ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުުރުވެއްޖެނަމަ އިތުރު އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ނޮން-ކޮވިޑް ބަލިތަކަށް ފަރުވާ ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަ ކުރެއްވިއެވެ. ނަޒްލާ ވަނީ ވެކްސިން ލިބި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތީ އާ އަހަރު ފާހަގަ ކުރުމަށް ހިންގޭ ހަރަކާތްތައް އިތުރުވާނެ ދުވަސްތަކެއް ކަމުން ރައްކާތެރިކަމާއެކު ހަރަކާތްތައް ހިންގުމަށްވެސް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަދި ކޮވިޑް ދިޔައީއެއް ނޫން. އަދި ރިސްކު ބޮޑުވަމުން މިދަނީ،"

ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެ ގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރަން ވަނީ ނިންމާފައެވެ. އަދި އެ މީހުން ރާއްޖެ އަންނަތާ ފަސް ދުވަހާއި 10 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދާނެ ކަމަށެވެ. އެ ގައުމުން ދެން ރާއްޖެ އާދެވޭނީވެސް 92 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގައެވެ.

އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ކޮވިޑްގެ އާ ވައްތަރާއި ގުޅިގެން ރިސްކް އެސެސްމަންޓެއް ވަނީ ހަދާފައެވެ. އަދި ރާއްޖެއިން ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީންސް ސީކުއެންސީން ވަނީ ހަދާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދާ ބައެއް ގައުމުތަކުގައި ވެކްސިން ޖަހަމުންދާއިރު ރާއްޖެއަށް ވެކްސިން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ވެކްސިން ގެނައުމަށްފަހު އެންމެ ފުރަތަމަ ވެކްސިން ދޭނީ ހެލްތް ކެއާ ވޯކަރުންނަށެވެ. އޭގެ ފަހުން ހައިރިސްކު މީހުންނަށާއި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ވަނީ ނިންމާފައެވެ. ސަރުކާރުން ބުނީ ހުރިހާ ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެނަށް ހިލޭ ވެކްސިން ދޭނެ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން ބުނީ މުޅި އާބާދީއަށް ވެކްސިން ނުދޭނެ ކަމަށެވެ.