އިޔާދަ ކުރަނިވި ހަކަތައް ދުނިޔެ މިދަނީ އެނބުރެމުންނެވެ. މިހާރު މުޅި ދުނިޔޭގައި ވެސް ހަކަތައިގެ "ޓްރެންޑަކީ" އެއީ އެވެ. ހާއްސަކޮށް ކުދި އާބާދީތައް ހިމެނޭ ހިސާބުތަކުގައި މި ހަކަތައިގެ މަގުބޫލުކަން ދަނީ މަތިވަމުންނެވެ. އެއް ސަބަބަކީ ތިމާވެށި ރައްކާތެރިކޮށް ހަކަތަ ހޯދުމުގެ ހިތް ހަމަޖެހުމެވެ. އަނެއް ކަމަކީ ޖީބަށް އޮތް ލުއި ކަމެވެ. ކަރަންޓު ބިލު ކުޑަވުމެވެ.
ސްޓެލްކޯއިން މިވަނީ މި ކަމަށް ހާއްސަ އިޔާދަކުރަނިވި އުފެއްދުމެއް ނެރެފަ އެވެ. އެއީ ތިމާވެއްޓާއި ރައްޓެހި ގްރީން ލައިފް "ސޯލާ ޕޮޑް" އެވެ. މީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މއިން ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ މި ހަރުކޮށްގެން ކިހާ ކަރަންޓެއް އުފެއްދޭނެ ހެއްޔެެވެ؟
ރާއްޖެއަކީ 99 ޕަސެންޓް ކަނޑު ހިމެނޭ ގައުމެވެ. ދިވެހިންގެ ދިރިއުޅުން މިވަނީ ކަނޑާ ގުޅިފަ އެވެ. ކުދި ރަށްރަތަނުގެ ކައިރިީގައި މޫދު ނުވަތަ ކަނޑު އޮންނައިރު ސްޓެލްކޯގެ ސޯލާ ޕޮޓް ފަރުމާކޮށްފައި ވަނީ މި ތިމާވެއްޓަށް ގުޅޭނެ ގޮތަށެވެ. މޫދުގައި ބޭއްވޭ މި ފްލޯޓިން ސޯލާ ޕެނަލްތަކުން ދެ ކިލޯ ވޮޓްގެ ކަރަންޓު އުފެއްދެ އެވެ.
ސްޓެލްކޯގެ އިންޖިނިއަރުންގެ ފަރުމާކޮށް ތައްޔާރު ކޮށްގެން ބާޒާރަށް ނެރެފައިވާ 100 ޕަސެންޓް ދިވެހި މި އުފެއްދުމުގެ ސަބަބުން ގިނަ ފަސޭހަ ތަކެއް ލިބިގެންދެ އެވެ. މި އުފެއްދުމަށް ސްޓެލްކޯ އިން 25 އަހަރުގެ ވޮރަންޓީއެއް ދެ އެވެ. މޫދުގައި އަޅާފައި ބާއްވާ މި ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ކަނޑު ގަދަވެގެން ޕެނަލަށް ގެންލުން ނުވާނެ ގޮތް ބަލައިގެނެވެ. ޕެނަލްގެ މައްޗަށް ރާޅު އެރުން ފަދަ ކަމެއް ދިމާވި ނަމަވެސް ހަލާކެއް ނުވާނެ އެވެ.
މި ސޯލާ ޕޮޑުތަކުގައި އަށް ޕެނަލްގެ ސިސްޓަމާއި 16 ޕެނަލްގެ ސިސްޓަމްގެ ސްޓޭންޑާޑް ސައިޒުތަކެއް ހިމެނެ އެވެ. މި ސައިޒަށް މި ޕެނަލްތައް ހުރި ނަމަވެސް ޑިމާންޑް އޮންނަ ގޮތަށް ބަލައި އެ އުފެއްދުމުގެ އެހެން ސައިޒުތައް ވެސް ލިބެ އެވެ.
ސްޓެލްކޯ އިން ބުނާ ގޮތުގައި މި ޕެނަލްތައް ފުރާޅެއްގައި ހަރުކުރާ ޕެނަލް ތަކަށް ވުރެ މާ ރަނގަޅަށް މަސައްކަތް ކުރާނެ އެވެ. އެގޮތުން މަހަކު 360 ޔުނިޓް ކަރަންޓު އުފައްދައިދޭނެ އެވެ. އެޑްވާންޓޭޖަކީ މިއީ "ޕްލަގް އެންޑް ޕްލޭސް" ކޮންސެޕްޓަށް އުފައްދާފައިވާ އެއްޗިއްސަށްވުމެވެ. މިއީ އެކަތި އަނެކައްޗާއި ފަސޭހައިން ގުޅާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. އަދި މި ޕޮޑުތައް ސީދާ ރަށްރަށުގެ ކަރަންޓު ގްރިޑާއި ގުޅާލުމުގެ އިތުރުން ގްރިޑް ނުހުންނަ ރަށްރަށުގައި ވަކިން ބެޓްރި ސިސްޓަމާއި ގުޅާލައި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭ ގޮތަށް ފަރުމާކޮށްފައިވެ އެވެ. އެއީ ހާއްސަ ސިފަ އެކެވެ.
މިއީ ރިސޯޓު ހެދުމުގެ މަޝްރޫއު ފެށުމުގެ ކުރިން އެ ރަށަށް ކަރަންޓު ދިނުމާއި ރަށްރަށުގެ ގެސްޓްހައުސް ތަކަށް އަދި ރަށްރަށުގެ ކައުންސިލް ތަކަށް ވެސް ބޭނުން ހިފިދާނެ އުފެއްދުމެކެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ ތިމާވެއްޓާ ރަހުމަތްތެރި ސަގާފަތެއް ގާއިމު ކުރުމުގެ ގޮތުން އުފައްދާފައިވާ ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުމުކެވެ. އެ ކުންފުނީގެ ވިސްނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެއްޓާ ރަހުމަތްތެރި ގޮތުގައި ހަކަތަ އުފެއްދުމުގެ މާހައުލެއް ގާއިމުކުރަން ބާރު އެޅުމެވެ.