އިއާދަކުރަނިވި ހަކަތަ

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި

ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސޯލާ ޕެނަލްތައް މިއަދު ހަރުކުރަން ފެށި ނަމަވެސް ސޯލާ ބަހައްޓާފައި ހުންނަ ސްޓީމް ސްޓްރަކްޗާތައް މިދިޔަ މޭމަހުގެ 28 ވަނަ ދުވަހު ވަނީ ހަރުކޮށް ނިންމާފަ އެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ ނޮވެމްބަރު 24، 2020 ގައެވެ

މިމަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު އަވަސްއާ ހިއްސާކުރައްވަމުން މި ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓް އިފާދު ވަހީދު ވިދާޅުވީ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ހައިވޭގެ މެދުގައި އޮންނަ އައިލެންޑު އޭރިއާ ގައެވެ. އަދި މިމަސައްކަތް ކުރިއަށް އޮތް ޖުލައިގައި ނިމޭނެ ކަމަށް އިފާދު ވިދާޅުވި އެވެ.

މިމަޝްރޫއު ނިމޭނެ ކުރިން ލަފާކޮށްފައި އޮތީ މިދިޔަ މެއި މަހުގެ ނިޔަލަށެވެ. މިއީ ވޯލްޑް ބޭންކުގެ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ހިނގާ މަޝްރޫއެއް ކަމުން، މި މަޝްރޫއުގެ މަސައްކަތްތައްކަށް ބޭނުންވާ ހަރަދުތައް ކުރުމަށް ހަމަޖެހިފައިވަނީ ވެސް އެންސިސް ކޯ ލިމިޓެޑުންނެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތުގައި މެއިންޓަނަންސްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވެސް މި ކުންފުނިންނެވެ.

ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަރަންޓް ޔުނިޓަކަށް 10.09 ސެންޓުގެ ރޭޓުންނެވެ. ދިވެހި ރުފިޔާ އިން ބަލާނަމަ މިއީ ކޮންމެ ޔުނިޓަކަށް 1.681 ރުފިޔާ އެވެ. މިއީ މީގެ ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުގެ ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެކެވެ.

މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމާއެކު ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ތެލަށް ކުރާ ހަރަދުން 15-20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ އެވެ.

މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓު އުފައްދަން ފެށޭނެ ކަމަށް ލަފާކުރަނީ މިއަހަރުގެ އޮގަސްޓްގެ ތެރޭގަ އެވެ.