ސްޓެލްކޯ

މަދުވެގެން 5 ރަށެއްގައި މި އަހަރު ބެޓަރިން ކަރަންޓުދޭން ފަށާނަން: ފަހުމީ

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓް ދޭން ފެށުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވެއްޖެ އެވެ.

ފަހްމީ މިކަން އިއުލާން ކުރެއްވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ސްޓެލްކޯގެ ބޯޑާއި މެނޭޖްމަންޓް އަދި މުވައްޒަފުންނާ އެކު ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފަހްމީ ވިދާޅުވީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯ އިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން ފަސް ރަށެއްގައި އެކަށޭނަ އަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް މިދަނީ ތައްޔާރުވަމުން،" ފަހްމީ ވިދާޅުވި އެވެ.

ފަހްމީ ވިދާޅުވީ ފަސް ރަށުގެ ތަރުޖިބާއަށް ބެލުމަށްފަހު މި ހިދުމަތް އިތުރު ރަށްތަކަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވަ ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ގްރޭޓަ މާލެ ސަރަހައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެ ކަމުގައިވެސް ފަހްމީ ވިދާޅުވި އެވެ.

ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި އާ އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ހިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސްޓެލްކޯ އިން ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.