ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ރާއްޖޭން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނު ކުރަން ނިންމައިފި

ރާއްޖޭން ބޭރުން އަންނަ ދަރިވަރުން ކަރަންޓީނު ކުރަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރިސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި 10 ދުވަހަށްފަހު ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލާނެ ކަމަށެވެ.

އެ ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

މިހާރުވެސް ރާއްޖެ އާދެވެނީ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު ގައެވެ.

އެޗްޕީއޭއިން ފިޔަވަަޅުތައް ވަރުގަަދަ ކުރަން ފަށާފައި މިވަނީ އިނގިރޭސިވިލާތުގައި ފެތުރިގެންފައިވާ ކޮރޯނާވައިރަހުގެ އާވައްތަރު "ޔޫކޯ ކޮވިޑް" ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރެން ފެށުމުންނެވެ. މިހާރުވެސް 21 ގައުމަކުން އެ ވައިރަސް ވަނީ ފެނިފައެވެ.

އިނގިރޭސިވިލާތުގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ "ޔޫކޭ ކޮވިޑް" އާ ގުޅިގެން އިނގިރޭސިވިލާތުގައި ނުރައްކާތެރިކަން ބޮޑުވެ އެތަށް ބަޔަކަށް ބަލި ޖެހިފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށް ވިދާޅުވިއެވެ. އައު ވައިރަސް ރާއްޖެ އައުމުގެ ފުރުސަތުވެސް ވަރަށް ބޮޑުކަމަށްވެސް ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރު ކަމަށް ސިއްހީ މާހިރުން ވިދާޅުވާއިރު މި ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމަކީ ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމެއް ކަމަށެވެ. އެހެން ދިމާވެއްޖެނަމަަ ރާއްޖެ ފަދަ ސިއްހީ ނިޒާމު ބަލިކަށި ގައުމަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މި ވޭރިއަންޓް އަސްލު އައުމުގެ ފުރުސަތު ވަރަށް ބޮޑު ރާއްޖެއަށް. ހަމައެކަނި ޔޫކޭ މީހުންގެ ފަރާތަކުން ނޫން. އެއީ މިހާރުވެސް 21 ގައުމުން ފެނިފައިވަނީ. ސީކުއެންސިންއަކީ ޓެސްޓް ހެދީމަ އެނގޭނީ އޭތި އުޅޭތޯ ނުވަތަ ނޫންތޯ. ދެން މި ވޭރިއެންޓުން އިތުރަށް ސީރިއަސްވާ ކަމަކަށް ނުފެނޭ. އެކަމަކު ކުރީގެ ކޮވިޑް ޖެހޭ މީހުން މިސާލަކަށް ހޮސްޕިޓަލައިޒް ކުރާ ވަރަށް މި ވޭރިއަންޓް ޖެހުމުންވެސް ހޮސްޕިޓަލައިޒް ކުރަނީ. އެކަމަކު ވިސްނާލަން ވާނެ ބޮޑަށް ފެތުރޭ އެއްޗަކުން ގިނަ މީހުން ހޮސްޕިޓަލައިޒް ކުރަން ޖެހޭނެކަން، ނަންބަރު އިތުރުވާނެކަން،" މިދިޔަ މަހުގެ ތިރީސްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނަޒްލާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އިގިރޭސިވިލާތުގައި އުޅެފައިވާ އަދި އެ ގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވާކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނު ކުރަންވެސް ވަނީ ނިންމާފައެވެ. އަދި އެ މީހުން ރާއްޖެ އަންނަތާ ފަސް ދުވަހާއި 10 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދާނެ ކަމަށެވެ.