ޗައިނާ ދަތުރުފުޅަށް ފަހު މިއަދު މާލެ ވަޑައިގަންނަވާ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެވަޑައިގަންނަވާއިރު ހަށިކޮޅަށް ބަޔަކު ހަމަލާދޭން މަސައްކަތް ކޮށްފާނެ ކަމަށް އިންޓެލިޖެންސް ރިޕޯޓްތަކެއް ލިބުމާ ގުޅިގެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ގްރީން ޒޯން ވަނީ ފުލުހުން ބަންދުކުރަން ނިންމާފައެވެ، އަދި ފުލުހުން ވަނީ އެ ސަރަހައްދުގައި ވަރުގަދައަށް ސެކިއުރިޓީ ބަލަހައްޓަން ނިންމާފަ އެވެ.
އަދީބު ޗައިނާއަށް ވަޑައިގެންނެވީ ސިލްކް ރޫޓް ނިންމުމުގެ ހަފުލާ އަށާއި ބީޖިންގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމް ހުޅުވައި ދެއްވުމަށެވެ. ނައިބު ރައީސް މާލެ ވަޑައިގަތުމަށް ކުރިން ޝެޑިއުލްކޮށްފައި އޮތީ މި މަހުގެ 21 ގައި މާލެ ވަޑައި ގަންނަވާ ގޮތަށެވެ. ނަމަވެސް އޭގެ ފަހުން ނައިބު ރައީސް ވަނީ ޝެޑިއުލް ބަދަލު ކުރައްވާ ސިންގަޕޫރަށް ވަޑައިގެންފައެވެ.
އަދީބު މިއަދު މާލެ ވަޑައިގެންނެވި އިރު މިދިއަ މަހުގެ 28 ވަނަ ދުވަހު "ފިނިފެންމާ" ލޯންޗްކޮޅުގައި ރައީސް އަބްދުﷲ ޔާމީން އަވަރާކޮށްލަން ދިން ހަމަލާގެ ތުހުމަތުތައް އެމަނިކުފާނަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި ސަރުކާރުން ވަނީ އަދީބާ ގުޅުންހުރި ބައެއް ފަރާތްތައް ވަޒީފަާއިން ވަކިކޮށް ބައެއް މީހުން ހައްޔަރުކޮށް އަދި ބައެއް ބޭފުޅުންނާއި އަދީބަށް ނިސްބަތްވާ ބައެއް ތަންތަން ބަލާ ފާސްކޮށް ތަކެއްޗާއި ވީޑއޯ ފުޓޭޖް ވެސް ގެންގޮސްފައެވެ.