- އަދީބަށް ތުހުމަތު ކުރެވުނީ،"އިނީޝިއަލް ބެނިފިޝަރީ"އަކަށް ވާތީ
- މައްސަލައަކީ ނައިބު ރައީސްއަށް ފަހު އަދީބުގެ ބާރުތައް ކުޑަވުން
- އެމްޑީޕީ އިން ބެލީ ރައީސް އާއި ޗައިނާގެ ގުޅުން ހަލާކުކޮށްލަން
ނޮވެމްބަރު 22، 1963 ގައި ބަޑިން ހަމަލާދީ އެމެރިކާގެ ރައީސް ޖޯން އެފް. ކެނެޑީ އަަހާރަކޮށްލީ އެތައްހާސްް ބައެއް ކުރިމަތީގަ އެވެ. ވަގުތުން ދައްކަމުން ދިޔަ ރަސްމިއްޔާތެއްގައި ހުންނަވަނިކޮށް ބަޑިން ހަމަލާދީ ކެނެޑީ އަވަހާރަކޮށްލީ އުމުރުން 46 އަހަރުގަ އެވެ. ކެނެޑީ އަވަހާރަކޮށްލިތާ 53 ވީއިރު ވެސް ތަހުގީގުގައި އެ ހަމަލާގެ ފުނަކަށް ނުދެވެ އެވެ. ހަމަލައާ ބެހޭ ގޮތުން ދެކެވޭ ތަފާތު ވާހަކަތަކަށް ވެސް ނިމުމެއް ނެތެވެ.
ކެނެޑީ އަވަރާކޮށްލި ކަމަށް ބުނަނީ އެމެރިކާ ސިފައިންގެ ތެރޭގައި އުޅުމަށް ފަހު ސޮވިއެޓް ސިފައިންނާ ގުޅުނު ލީ ހާވޭ އޮސްވާޑް އެވެ. އޭނާ ކެނެޑީ އަށް ހަމަލާ ދިން ކަމަށް ބުނަނީ ކެނެޑީގެ މޮޓޮކޭޑް ދަތުރުކުރި މަގުގައި ހުރި އިމާރާތެއްގެ މަތީގައި ހުރެ، ސްނައިޕަ ރައިފަލްއެއް ބޭނުންކޮށްގެންނެވެ. ނަމަވެސް މި ހަމަލާގެ އަޑީގައި ހުންނެވީ ކެނެޑީގެ ނައިބު ލިންޑަން ބީ ޖޯންސަން ކަމަށް ތުހުމަތު ކުރެވެ އެވެ. ޖެކްލިން ކެނެޑީ އަވަހާރަވުމުގެ ކުރިން އޭބީސީ އަށް ރިކޯޑް ކޮށްދިން އޯޑިއޯއެއްގައި އެކަމަނާ ވެސް ތުހުމަތު ކުރައްވާފައި ވަނީ ފިރިކަލުން އަވަހާރަކޮށްލުމުގެ ފަހަތުގައި ހުންނެވީ ލިންޑަން ބީ ޖޯންސަންކަމަށެވެ.
ކެނެޑީ އަވަހާރަކޮށްލި އިރު އަރިހުގައި އިންނެވި އަނބިކަނބަލުން ޖެކްލިންގެ ހެދުންކޮޅަށް ކެނެޑީގެ ލޭތައް ބުރައިގެން ދިޔަ އިރު، އެ ހަމަލާ އަކީ އެމެރިކާގައި އަވަހާރަކޮށްލި ރައީސުންގެ ތެރެއިން ހާދިސާ ވީޑިއޯ ކުރެވިފައިވާ ހަމައެކެނި ހަމަލަ އެވެ. މި ހާދިސާ އާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލައާ ގުޅުވާލައި މި ރިޕޯޓް ފަށައިގަތުމަށް ދެ ސުވާލަކަށް ޖާބު ދޭނަމެވެ.
ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި އަޑުހާ ބާރަށް، ހަމަލައިގެ ތުހުމަތު ގޮސް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮލުގައި އެޅުނީ ކީއްވެގެން ހެއްޔެވެ؟ އަދި މި ހަމަލާގައި ތަހުގީގު ނުނިމި ދަނީ ކީއްވެގެން ހެއްޔެވެ؟
މިފަދަ ހާދިސާއެއްގެ ނެޗްރަލް ޖަސްޓިސްއަކީ އަބަދުވެސް ތުހުމަތު ކުރެވޭ ފުރަތަމަ މީހާއަކީ "އިނީޝިއަލް ބެނިފިޝަރީ"، ނޫނީ އެކަމުގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ މީހާ އެވެ. ރައީސް ޔާމީން އަވަހާރަވި ނަމަ، ރައީސް ކަމުގެ ހުވާ ކުރައްވާނީ އޭރުގެ ނައިބު ރައީސް އަދީބެވެ. މަގާމުގެ ޒިންމާ ނުއުފުއްލެވޭ ވަރަށް ވުރެ ބޮޑަށް ޒަހަމްވެ ވަޑައިގެންނެވި ނަމަވެސް ހާދިސާގެ އިނީޝިއަލް ހިއުމަން ބެނިފިޝަރީއަކީ އަދީބެވެ. އަދި ސެޕްޓެމްބަރު 28 އަށް އިރު އެރި އިރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތާއި ފުރޮޅެމުން ދިޔަ ގޮތުން އަދީބު ހުންނެވި ހިސާބާއި އޭނާގެ ބާރު ގަދަ ކަމުގެ މިންވަރާއި އޭނާއާ މެދު ކުރާ ތުހުމަތުތަކަށް ބަލާއިރު އިރު މިއީ މިހާދިސާގެ ނޭޗާ އެވެ. އަދި އަދީބަކީ ބެނިފިޝަރީ އެވެ. މިހާދިސާގައި "އެތާގައި ނެތް މީހާ" ގެ މައްޗަށް ހުރިހާ ކަމެއް ކެނޑިގެން ދާނެ ހުރިހާ ދޮރެއް ކަންދިމާ ކުރި ގޮތުން ހުރީ ހުޅުވި ނުލެއްޕި އެވެ. ވީމާ އަދީބަށް ނޭޝަނަލް އިންކްއަރީ ކޮމިޝަނާއި ގިނަ މީހުން ތުހުމަތު ކުުރުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. އޭނާއަކީ ބެނިފިޓަރީ ސަސްޕެކްޓެވެ.
އުމުރުން 46 އަހަރުގައި ކެނެޑީ އަވަހަރާކޮށްލީ ފިނި ހަނގުރާމައިގެ ތެރޭގައި ނިއުކްލިއާ ހަތިޔާރުގެ ބޮޑު ވާދަވެރިކަމެއް އޮތް ދުވަސްވަރެއްގަ އެވެ. ވިއެޓްނާމްގައި ކުރި ހަނގުރާމައިގެ ތެރޭގައި އޭރު ވެސް ދިޔައީ އެތައް ބަޔަކު އަނިޔާވެރިކަމާ އެކު މަރަމުންނެވެ. އޭރު އެމެރިކާގެ ސިޔާސީ މަސްރަހު އޮތް ގޮތާއި ލިންޑަން ބީ ޖޯންސަންގެ ހުންނެވި ހިސާބާއި އޭނާގެ ރިޔާސީ އުންމީދުތައް ހުރި ގޮތުން ކެނެޑީ އާއި ދެ ބޭފުޅުންގެ ގުޅުން އޮތީ "ސިޔާސީ ވާދަވެރިކަމެއްގެ" ތެރޭގަ އެވެ. ބޮޑެތި ތުހުމަތުތައް ލިންޑަން ބީ ޖޯންސަންއަށް އޮތެވެ. އެ ހާދިސާގެ ފަހަތުގައި ވަނީ ހަމައެކަނީ ލީ ހާވޭ އޮސްވާޑް ކަމަށް ނިންމެން ނެތީ އެ ހާދިސާގެ ނޭޗާ އިން ގޮތާއި ލިންޑަން ބީ ޖޯންސަން އަށް ތުހުމަތުވާ ގޮތަށް ހުޅުވިފައި ހުރި އެއްވެސް ދޮރެއް ލެއްޕިފައި ނެތުމުންނެވެ.
އެ ހާދިސާގެ އިނީޝިއަލް ބެނެފިޝަރީއެއްގެ ގޮތުގައި ލިންޑަން ބީ ޖޯންސަން އެމެރިކާގެ ރައީސަކަށް ވެސް ވަޑައިގެންނެވި އެވެ. އަދި ކެނެޑީގެ ހާދިސާ ތަހުގީގު ކުރުމަށް ވޮރަން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އެކުލަވައިލި އެވެ. އެ ކޮމިޝަނަށް ވެސް އެމެރިކާގެ ސީކްރެޓް ސާވިސް އަށް ވެސް އަދި އެފްބީއައިއަށް ވެސް ލިންޑަން ބީ ޖޯންސަންއާ ކުރެވޭ ތުހުމަތާ ދުރަކަށް ނުދެވެ ވެއެވެ. ނުވެސްދާނެ އެވެ. ދުނިޔޭގެ ފެންމަތީގައި އެމެރިކާ އޮތް ދުވަހަކު އެކަން ބެލުމުގައި އެމީހުން ތިބޭނެ އެވެ. ރައީސް ޔާމީން އަަވަހާރަކޮށްލަން ދިން ހަމަލަައިގެ ކޮނުންތައް ވެސް އޮތީ މި ހަމައިގެ ތެރެއަށް ރީއްޗަށް ފެތިފަ އެވެ.
ރައީސް ޔާމީންގެ ޗައިނާ ކާޑް
ނޮވެމްބަރު 17، 2013 ގައި ރައީސް ޔާމީން ވެރި ކަމަށް ވަޑައިގެންނެވިއިރު ވެސް އެމަނިކުފާނު ހުންނެވީ ސަރަހައްދުގެ ޖިއޯ ޕޮލިޓިކްސް އޮތް ގޮތް ވަރަށް ރަނގަޅަށް ދަސްކުރައްވައި އެކަމަށް ޖައްސަވާނެ ކާޑް ހޯއްދަވައިގެނެވެ. އެއީ ޗައިނާ ކާޑާއި ސައުދީ ކާޑެވެ. މި ސަރަހައްދުގެ ޖިއޯ ޕޮލިޓިކްސްގައި ޗައިނާ ކާޑްގައި ކުޅުމަކީ އިންޑިޔާއަށް ކޮށިއަރާނެ ކަމެކެވެ. އެމެރިކާ ތުރުތުރެއް އަޅާނެ ކަމެކެވެ. އިނގިރޭސީން ރޫރޫލާނެ ކަމެކެވެ. އަދި މީގެ ތެރެއަށް ސައުދީ ކާޑު ކޮއްޕައިލެއްވުމާއި އިންޑިޔާ ރުއްސައިގެން އުޅުމަކީ ރައީސް ޔާމީންގެ ސިޔާސީ ކަވަރިންގެ އާދަޔާހިލާފު މޮޅު ހުނަރެކެވެ.
އެމެރިކާގެ މައްޗަށް ގަދަވެ ގަތުމަށް ރައީސް ޔާމީން ވަނީ މޮޅަށް ސައުދީ ކާޑް ޖައްސަވާފަ އެވެ. އަދި އިންޑިޔާ އޮބި އަޅުވައިލުމަށް ޗައިނާ ކާޑުން ޑިގު ހައްދަވާފަ އެވެ. އިނގިރޭސިން އެނބުރޭނީ އިންޑިޔާ އާއި އެމެރިކާއަށް ވާ ގޮތެއްގެ މައްޗަށެވެ. ވީމާ ރައީސް ޔާމީންގެ ސިޔާސީ ޑިފެންސް ލައިން ފޫ އަޅުވާލައި ވަދެގަނެވޭ ހުރިހާ ދިމާއެއް ރައީސް ޔާމީން ވަނީ ޒޯން ކުރައްވާފަ އެވެ. އެ ހުރިހާ ކަމަކަކަށް އެމަނިކުފާނު ބޭނުން ކުރައްވާފައި ވަނީ ހީވާގި މުރާލި، ޖެހިލުން ކުޑަ ވަޒީރު، ފަހުން ނައިބު ނައިބު ރައީސް އަދީބާއި އެމަނިކުފާނުގެ ފޮރިން މިނިސްޓަރު ދުންޔާ އާއި ރައީސް މައުމޫންގެ ސިޔާސީ އަދި ހާރިޖީ ތަޖުރިބާއެވެ. މިހުރިހާ ކަމަކާއެކު އެމަނިކުފާނު ކުރި ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރީޓީވެސް އޮވެގެނެވެ. މި ކަމުގެ ފުންމިނާއި ބޮޑު މަންޒަރު އަދީބާ ހަމައަށް ރައީސް ޔާމީން ތިލަކުރައްވާފައިވާ ހެނެއް ހީއެއް ނުވެ އެވެ.
ސްރިލަންކާގެ ކުރީގެ ނޫސްވެރިޔާ އަދި މިހާރުގެ ބްލޮގާ އެއް ކަމަށްވާ އަބްދުއް ޖައްބާރު ބުނެ އެވެ: "ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ދިން ހަމަލާއަކީ ފުޅާވެގެންވާ ރޭވުމެކެވެ. ސަބަބަކީ ރައީސް ޔާމީނަކީ މި ސަރަހައްދުގެ ޖިއޯ ޕޮލިޓިކްސްގައި އެންމެ މޮޅަށް ޗައިނާ ކާޑް ކުޅުއްވާ ލީޑަރަށް ވެވަޑައިގަތުމެވެ. އަދި އެ ކާޑް ކުޅުއްވައިގެން ކުރިއެރުން ހޯއްދެވުމެވެ. އަހަރެމެންނަށް މީގެ ކުރިން އެކަމަށް އެންމެ މޮޅު ލީޑަރެއްގެ ގޮތުގައ ފެނުނީ ރާޖަޕަކްސާ އެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެކަމަށް އެންމެ ކުޅަދާނައީ އެމަނިކުފާނުކަން ސާބިތު ކޮށްދެއްވާފަ އެވެ. ބަދަލުގައި އެމަނިކުފާނު އަވަހާރަކޮށްލަން ރޭވުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ. ރައީސް ޔާމީން ވާ ވައްދާލުމަކީ ދިވެހި ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އެހާ ފަސޭހަ ކަމަކަށް ވާނެހެނެއް ހީއެއް ނުވެ އެވެ. ގާތީ ރައީސް ޔާމީން އަދިވެސް ކުރި ހޯއްދެވެމެވެ. 'ޒަހަމްވެފައިވާ ސިންގާ' އަކާ، އެ ސިންގާ ޒަހަމް ކުރި މީހުންގެ ތެރެއިން ބަޔަކު ދިމާ ކުރުމަކީ ރައްކާތެރި ކަމަކަށް ވެދާނެ ހެއްޔެވެ؟"
ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވުމުގެ ކުރިން
ވެރިކަމަށް ވަޑައިގަތުމުގެ އުންމީދު އަދީބު ގެންގުޅުއްވަން ފެއްޓެވީ ކޮން ދުވަސްވަރެއްގައި ކަމެއް ލަފާ ކުރާކަށް ނޭނގެ އެވެ. އެކަމަކު އެ ހިސާބަކީ "ޓީމް ޒުވާނުން" ނާއި "ޓީމް އަދީބު" ގެ ނަމުގައި މޫވްމެންޓެއް އުފެދުނު ހިސާބު ކަމަށް ބެލެވިދާނެ އެވެ. އެ ޕްލޭންއަކީ ދުރު ރާސްތާއެއް ކަޑަތު ކުރައްވައި ސިޔާސީ ބުރަ މަސައްކަތް ކުރަވައިގެން ރައީސް ޔާމީންގެ ތާއީދާއެކު ރިޔާސީ ރޭހަށް ވަޑައިގަތުމެވެ. އޭރުގެ ޕްލޭންގައި ރައީސް ޔާމީން އަވަހާރަ ކޮށްލުމެއް ނުހިމެނެ އެވެ. ނަމަވެސް މުޅި އެ ޕްލޭން ބިނާވެފައި ވަނީ ސިޔާސީ ގޮތުން އެންމެ ބާރުގަދަ އެންމެ ނުފޫޒު ގަދަ އަދި އެންމެ ތާއީދު ބޮޑު ލީޑަރަށް ވެވަޑައިގަތުމެވެ. ނަމަވެސް އެ ޕްލޭންގައި ސިއްރު ކުރެވިފައިވާ މައިގަނޑު ބައިތަކެއް ވެއެވެ.
- ރައީސް މައުމޫންގެ ނުނިދާ ހުޅުވިފައިވާ ސިޔާސީ ލޯ ނިންދަވައިލުން
- ސިޔާސީ މައިދާނުގައި ރައީސް ޔާމީނަށް ވަފާތެރި ހުރިހާ އެންމެންގެ ބާރު ކަނޑުވައިލުން
- ރައްޔިތުންގެ މަޖިލީޖުގެ މެޖޯރިޓީ މެންބަރުން އަދީބުގެ ހިމާޔަތުގެ އުނގަށް ވެއްދުން
- ރައީސް ޔާމީނަށް ވަފާތެރި ކަން ދެއްކުމާއެކު ޒުވާނުންގެ ތާއީދު ހޯދުން / ސަލާމާތީ ބާރުތަކަށް ނުފޫޒު ފޯރުވުން
- މަތީގައިވާ ކަންކަމަށް މަގު ފަހިވާނެ ގޮތަށް ގާނޫނީ ބަދަލުތައް ގެނައުން
- ރައީސް ޔާމީންގެ އަގު ވައްޓާލުމުގެ ހަރަކާތެއް ހިންގުން / ޗީފް އޮފް ޑިފެންސް ފޯސް އެކަހެރި ކުރުން
- ހުރިހާ ކަމެއް ފުރިހަމަ ވުމުން ރައީސް އިމްޕީޗް ކުރުން
ރައީސް ޔާމީންގެ ސިޔާސީ މަސައްކަތްޕުޅާއި ރޭވުންތެރިކަން ބައްޓަން ކޮށްފައި އޮންނަ ގޮތުން އަދީބުގެ މި ޕްލޭންގެ ބޮޑު ބައެއް ފުރިހަމަކޮށް "ބާރުގަދަ، ބޮޑު ވަޒީރަކަށް" ވެވަޑައިގެންނެވި އެވެ. އެއީ އެއްގޮތަކަށް ވެސް ރައީސް ޔާމީނަށް، އެވަނީ ކީއްކަން އަދި ވާން އުޅެނީ ކީއްކަން އެނގިވަޑައި ނުގެން ކަމަކަށް ލަފައެއް ނުކުރެވެ އެވެ. ސަބަބަކީ މިހާތަނަށް ކަންކަން ކުރައްވާފައިވާ ގޮތުން އެމަނިކުފާނަކީ އަމިއްލަފުޅު ގޮނޑިއާ ހަމައަށް ވަޑައިގަންނަވަން ފުުރުސަތު ދެއްވާ ލީޑަރެކެވެ. ކޮއްޕާލައްވަނީ ގޮނޑިއަށް އެރީމަ އެވެ. އެހެންވީމާ އަދީބު ހިންގެވީ ކޮން މަގަކުން ކަން ވެސް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށް ހީވެ އެވެ. އަދި އަދީބުގެ މުރާލި ކަމުގެ ފައިދާ ސަރުކާރަށް ހިފަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ. އަދީބަށް ކޮއްޕާލެއްވި ހިސާބަކީ ނައިބު ރައީސް ކަމަށް ގެންނެވި ހިސާބެވެ. އެކަން އަދީބަށް ވިސްނި ވަައިގަތީ މާ ފަހުންނެވެ.
އަދީބުގެ ޕްލޭނަށް ގެނައި ފުރަތަަމަ ބަދަލު
ސިޔާސީ މައިދާނު ކުރިއަށް ވަޑައިގަތުމަށް އަދީބު ރޭއްވެވި ރޭވުމަށް ބަދަލު ގެންނަން ޖެހުނެވެ. މައިގަނޑު ސަބަބަކީ ކޯލިޝަންގައި ހުންނެވި ގާސިމް އިބްރާހިމްގެ ރިޔާސީ އުންމީދު ފުނޑުފުނޑު ކޮށްލައިގެން ނޫނީ ކުރިޔަށް ދެވެން ނެތުމެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ ސިޔާސީ ވާދަވެރިޔަކަށް ވެދާނެ ކަމުގެ އަލާމަތްތައް ފެންނަން ފެށުމާއި އޭރު ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ފެއްޓެވި ކަމަށް ބުނާ މަސައްކަތުގައި އަދީބު ހުރަސް އެޅިދާނެ ކަމަށް ފެނިގެން އެކަންކަން ހުއްޓުވައިލުމެވެ.
އެހެން ކަމުން ޕްލޭން ބަދަލުކޮށް ސިޔާސީ މާއިދާނުގައި ނާޒިމް ފިސްފިސްކޮށް ޖަމީލު ޗިސްޗިސް ކޮށްލެއްވުމަށް އަދީބު ނިންމެވި އެވެ. އަދި ގާސިމާއި ރައީސް ޔާމީނާ ދެބޭފުޅުން ދުރު ކުރެއްވުމުގެ ސިޔާސަތު ހިންގެވި އެވެ. އެހުރިހާ ކަމެއް ކުރެއްވީ ރައީސް ޔާމީނާ ދިމާއަށް އަންނަ ކޮންމެ އުންޑައަކަށް މޭ ދިއްކުރަވައި ހުންނަވައިގެނެވެ.
ޕްލޭނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރައީސް މައުމޫން ސިޔާސީ މައިދާނުގައި "ނިންދަވާލުން" ހިމެނޭ އިރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހަތުރުންނަށް ހެދުމާއި އިމްރާނާއި ރައީސް ޔާމީނާ ދުރުކުރުވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން މީޑީއާ ކޮންޓްރޯލް ނެގޭނެ ގޮތަކަށް ވެސް އާ ޕްލޭންގައި މަގެއް ހެއްދެވި އެވެ. އެގޮތުން ޕީއެސްއެމްގެ ގާނޫނު ގެނަ އެވެ. އަވަސް އެއް އުފައްދައި ދޫކޮށްލި އެވެ. ސަންގު އުފެއްދި އެވެ. ވަގުތުގެ ފައިދާ ނަގައި ހިއްސާ ބަދަލުކުރުވި އެވެ. އަދި އެހެން ބަދަލުތަކަށް މަގު ފަހިވާނެ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ނިންމި އެވެ. އެ ބަދަލު ގެނަ އެވެ. މީގެ އިތުރުން އަދަބު ލުއި ކުރުމާއި މާފު ދިނުމުގެ ގާނޫނަށް ބަދަލު ގެންނަން ވެއްދުމާއި މިނޫނަސް ބައެއް ގާނޫނުތައް ހިމެނެ އެވެ.
މި ޕްލޭނަށް މަސައްކަތް ކުރި އިރު އަދީބު ބޭނުންފުޅުވާނެ ގޮތަކަށް ބައެއް ކަންކަން އިއްތިފާގަކުން ހިނގި އެވެ. އޭގެ ތެރޭގައި ގާސިމްގެ ބައެއް ނިންމެވުންތަކާއި ޖަމީލްގެ ބައެއް ކަންކަމާއި ރައީސް މައުމޫން ބައެއް ކަންކަން ދިޔަ އެވެ. އެހެން ފަހަރަކު އެ ތަފުސީލްތައް ލިޔާނަމެވެ.
ދެވަނަ ފަހަރަށް ޕްލޭން ބަދަލު ކުރުން
ރައީސް މުހައްދު ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލައިފި އެވެ. އެމަނިކުފާނު މިނިވަން ކުރަން އެމްޑީޕީން ނުުކުމެ މާލެ ކޮށިއަރުވާލުމާއެކު، ޕާޓީ މަޝްވަރާތައް ފެށި އަދީބަށް ރަނުގެ ފުރުސަތެއް ތަނަވަސްވި އެވެ. ޕާޓީ މަޝްވަރާތަކުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު އުޅުއްވި ނަމަވެސް އެމްޑީޕީ ޝައުގުވެރިވާ މަޝްވަރާތައް ދިޔައީ އަދީބާއެކު އަރިމަތީގަ އާއި ހަވާސާގަ އެވެ. މިކަން ހޯމް މިނިސްޓަރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.
އެ މަޝްވަރާތަކުގައި ރައީސް ނަޝީދު ގެއަށް ބަދަލު ކުރުމާއި ނައިބު ރައީސް ކަމަށް ވަޑައިގަތުމުގައި އެމްޑީޕީގެ އެހީއަށް އަދީބު އެދިވަޑައިގެންނެވި އެވެ. މިހާރު އުފަންވެގެން އުޅޭ މަޝްހޫރު "ގެއަށް ބަދަލުކުރި ލިޔުން" އެއީ އޭގެ ނަތީޖާ އެވެ. އަދި މަޝްވަރާތައް ގާތްކަމަށް ބަދަލުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް އެމްޑީޕީން އަދީބަށް ހުށަހެޅި ކަމަށް ބުނެ އެވެ.
"އެމްޑީޕީގެ ހުށަހެޅުމަކީ ވެސް ވޯކްރާނެ އެއްޗެއްތޯ ބަލާނަން" އަދީބު ބައެއް ބޭފުޅުން ކައިރީ ވިދާޅުވި ކަމަށްވެއެވެ.
އޭގެ ފަހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް އަދިބަށް ފަހިވާނެ ގޮތަށް ވެސް އެމްޑީޕީގެ ބައެއް ލީޑަރުން މަސައްކަތް ކުރެއްވި ކަމަށް ވެއެވެ. އެ ޝައުގުވެރި ކަމުގައި ރިޔާސީ އިންތިހާބުގައި 100 މިލިޔަން ޑޮލަރު ހަރަދު ކުރައްވަން އަދީބު ނިންމެވި ކަމަށް ވެސް ބުނެވެ އެވެ. – މި 100 މިލިޔަން ޑޮލަރުގެ ވާހަކަ ދެގޮތަކަށް އާދެ އެވެ. އަނެއް ގޮތަކީ ފަހުގެ ނިންމުމެއްގައި ރައީސް ޔާމީން މަޖިލީހުގައި އިމްޕީޗް ކުރުމަށް އެހީވެދޭނަމަ 100 މިލިޔަން ޑޮލަރު ހުށަހަޅާ ކަމަށެވެ. ނަމަވެސް އެކަމަށް 80 މިލިޔަން ޑޮލަރު ހަރަދު ކުރުމަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) އަށް އަންގާފައި އޮތް ކަމަށް އިތުބާރުހުރި ތަފާތު އެކައުންޓްތަކުން ބުނާތީ މިއީ އަދި ދެ ޑީލްއެއްގައި ހިމެނޭ ދެ ކަމެއް ކަމަށް ބެލެވެ އެވެ. --
އެމްޑީޕީގެ ބައެއް ލީޑަރުންނާއި އަދީބުގެ ސިއްރު ބައްދަލުވުންތައް
ރައީސް ޔާމީންގެ ޗައިނާ ކާޑް ބަންޑު ޖެހޭނެ ގޮތެއް އެމްޑީޕީއަކަށް ނެތެވެ. އެކަމަކު ޗައިނާގެ ކާޑުން ރައީސް ޔާމީން ހަދާފައިވާ ޑިގް ރޫޅައިލުމަކީ ކޮންމެހެން އެމްޑީޕީ ކުރަން ޖެހޭ ކަމެކެވެ. އެ ޑިގު ރޫޅައި ނުލައި، ނުކުޅެވޭނަމަ ރައީސް ޔާމީން ހުއްޓުވޭނެ ގޮތެއް އެމްޑީޕީއަކަށް ނެތީމަ އެވެ. އެހެން ކަމުން އެއާ ކުޅެން އެންމެޑީޕީއަށް ލިބުނު އެންމެ ރަނގަޅު ރަހުމަތްތެރިޔަކަށްވީ އިންޑިޔާއަށްވުރެ ވެސް ބޮޑަށް ރައީސް ޔާމީންގެ ނައިބު ރައީސް އަދީބު ކަމަށް ވެދާނެ އެވެ. އޭނާއަށް ރައީސް ޔާމީނަށް ދެއްވާފައިވާ ބާރާ، އެމްޑީޕީން ކުޅެލި ކަމަށް ބުނާ ބުނުމަކީ އެއީ އެވެ. އެހެން އޮތް ނަމަ އަދީބު ދެކެމުން އައި ސިޔާސީ ހުވަފެން ކުރިއަށްވުރެ ވެސް ކައިރިން އެމްޑީޕީން އެނާއާ ގުޅުން އޮތް ލީޑަރުން ކުލަކޮށް ދެއްކުމުގެ ނަތީޖާއަކަށްވީ ރައީސް ޔާމީންގެ ފަހަތުން އަރާ ލީޑަރަކަށްވެގެން ހުންނެވުމުގެ ޕްލޭން އަވަސް ކުރައްވަން ނިންމެވީ ކަމަށް ބެލެވެނޭ ޖާގަ އެބައޮތެވެ.
"ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުން އުފެއްދުމަށް ބޭއްވި މަހާސިންތާގެ ނަންފިލާގަނޑުގައި ހަމައެކަނި 'ރައީސް ޔާމީން 2018' އިނުން އެއީ އަދީބަށް ފުރުސަތު އޮތީ އެމްޑީޕީއާއެކުގައިތޯ ނުވަތަ ރައީސް ޔާމީނާއެކު ހުންނެވުންތޯ އަދީބު ނިންމެވުމަށް އެމްޑީޕީން ވިސްނައިދިން ސަބަބެއް،" ސިޔާސީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ބޭނުމަކީ އެންމެ ބޭނުމެކެވެ. ރައީސް ޔާމީންގެ ޗައިނާ ކާޑް އަތުލުމެވެ. އެ ކާޑު ބަންޑުން ބޭއްވީމާ ރައީސް ނަޝީދު މިނިވަން ކުރަން މަގު ފަހިވެ އެވެ. ޗައިނާ ކާޑް ހުއްޓުވާލެވިއްޖަ ނަމަ ޕްރެޝަރުގައި ސަރުކާރު ފިތި ޗުސްލާފައި ރައީސް ނަޝީދު ޖަލުން ނުކުންނާނެ ދޮރު ހުޅުވައިދޭން އިންޑިޔާ ތެޅި ގަންނާނެތީ އެވެ. ސަރަހައްދުގެ ޖިއޯ ޕޮލިޓިކްސްގައި އިންޑިޔާ ރުހޭ ގޮތާ އެމެރިކާ ރުހިގެން އޮންނާނެތީ އެވެ. އަދި އެއަށް ބާރު ދޭން އިނގިރޭސީން އޮންނާނެތީ އެވެ.
މިހެން ވެއްޖެ ނަމަ ރައީސް ޔާމީންގެ ސަރުކާރަށް ތަރައްގީގައި އެއްވެސް ކަމެއް ނުކުރެވި، 2018 އަށް އެއްވެސް މަސައްކަތެއްވެސް ނުކުރެވި ފޭލި ކޮށްލެވޭނެ އެވެ.
އެއީ އެމްޑީޕީންގެ ބޭނުންވާ ގޮތް ކަމަށް ވިޔަސް އޭރު އަދީބު ބޭނުމަކީ އޭނާގެ ސިޔާސީ އުންމީދުތައް ކާމިޔާބީއާ ހަމައަށް ގެންދިއުމުގެ ގިއަރު މަތި ކުރުން ކަމަށްވުން ގާތެވެ.
ފަހުން އަދީބު ބަދަލު ކުރި މި ހުރިހާ ރޭވުމެއް އެނގިވަޑައި ނުގެންނެވި ނަމަވެސް ރައީސް ޔާމީނަށް މިއީ ހިލަންވެފައި އޮތް ކަމެއްކަން ވަރަށް ޔަގީނެވެ. އެހެން ދޭހަ ކޮށްދޭ އެއް ކަމަކީ ދެވަނަ މަހާސިންތާގައި އަދީބު ދެއްކެވި ވާހަކަފުޅުގައި "ޒުވާނުންގެ ޓީމާ" އި "މައުމޫން ޓީމާ" އި "މެޑަމް ފާތުމަތު އިބްރާހިމްގެ ޓީމް" އާއި "ޓީމް އަދީބު" ނޯންނާނެ ކަމަށާއި އޮންނާނީ "ރައީސް ޔާމީންގެ ޓީމް" ކަމަށް ވިދާޅުވެފައި "އަޅުގަނޑު ހުންނަވަނީ ރައީސް ޔަމީން ބެހެއްޓެވި ހިސާބެއްގައި" ކަމަށް ވިދާޅުވުމެވެ. ކުއްލިއަކަށް އެހެން ވިދާޅުވާންޖެހޭ އެއްވެސް ސަބަބެއް ނެތި އެފަދަ ވާހަކައެއް ދައްކަވާންވީ ކީއްވެގެން ހެއްޔެވެ؟ މީހަކު އެވާހަކައެއް ދެއްކީއަކީ، ނޫހެއްގައި އެފަދަ ސްޕެކިއުލޭޝަނެއް ދިނީއަކީވެސް ނޫނެވެ.
އެ ޖަލްސާގައި އަދީބަށް ދެއްވި ރައްދެއް ގޮތުގައި ރައީސް ޔާމީން "ނައިބު ރައީސަށް އިތުބާރު ކުރައްވަމޭ" ވިދާޅުވި ވިދާޅުވުމާއި، ރައީސް ޔާމީން ހައްޖުގެ އަޅުކަމަށް ވަޑައިގަތުމުން އުތުރުގެ ބައެއް ރަށްރަށުގެ އީދު ކުޅިވަރަށް ވަޑައިގެން އަދީބު ދައްކަވާފައި ހުރި ވާހަކަތަކަކަށް ބަލައިލިސް ރައީސް ޔާމީނަށް ކަމެއް ސާފުވެފައި އޮތްކަމާއި ދެ ބޭފުޅުންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގައިފިކަން ދޭހަވާވަރު ވެ އެވެ. އުތުރުގެ ރަށެއްގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުުވީ، "ރައީސް ޔާމީންގެ ސަރުކާރާއި ދެން އަންނަ ސަރުކާރޭ!." ދެން އަންނަ ސަރުކާރަކީ ކޮން ސަރުކާރެއްތޯ އެވެ؟
ހަގީގަތުގައި މަހާސިންތާ ނިމުނު އިރު އަދީބު ވަނީ ގޮތެއް ނިންމަވާފަ އެވެ. އެއީ ރައީސް ޔާމީނާ ސިޔާސީ ވިސްނުން ފުޅާ ކުޅުއްވޭނެ ހިސާބަށް ވަޑައި ނުގެންނެވޭނެތީ ކަމަށް ވެސް ވެދާނެ އެވެ. އަދި އެމްޑީޕީ ބޭނުންވާ ގޮތަށް ކަންތައް ކޮށްދީފިނަމަ އަދީބުގެ ސިޔާސީ ކެރިއަރަށް ވެދާނެ ގޮތަކާމެދު ވިސްނައި އެންމެ މޮޅު ގޮތަކީ ރައީސް ޔާމީން އަވަރާކޮށްލުން ނުވަތަ މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ވަރަށް ޒަހަމްކޮށްލުމަށް ނިންމެވީ ކަމަށް ވެސް ވެދާނެ އެވެ، އެހެން ކަމަށް ވާނަމަ ރައީސް ޔާމީން މާލެއިން ފުރާ ވަޑައިގަތުމާއެކު އެ މަސައްކަތް ވަނީ ފެށިފަ އެވެ. އޭގެ މާ ކުރިން ރައީސް ޔާމީންގެ އަގު ވައްޓާލުމުގެ މަސައްކަތް އޮތީ ފަށާފަ އެވެ.
އޭގެ އެއް ބަޔަކީ ސިހުރުގެ ވާހަކަތައް ފެތުރުމެވެ. ޓްވިޓާ ތްރެޑްތައް ރަނގަޅަށް ދިރާސާ ކޮށްލައިފިނަމަ އެކަންކަން ކޮށްފައި ވަނީ ކޮން ދިމަ ދިމާއަކުން ކަން އަދި އެކައުންޓްތަކަކާ ގުޅިފައި ހުރީ ކޮން ދިމާއެއްގެ "ބޮޓް" ތަކެއްކަން ދެނެ ގަނެވޭނެ އެވެ. ރައީސް ޔާމީން އަލަށް ރައީސް އޮފީހުގައި އުފެއްދެެވި ޑިޕާޓްމަންޓާއި ރައީސް ޔާމީންގެ ކެމްޕޭން އޮފީހާއި ރައީސް ޔާމީންގެ ދިފާއުގައި އޮންނަ "އަސުރުމަލު" ގައި އެ ގާބިލުކަން ހުރީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ.
ރައީސް އަވަހާރަ ކޮށްލުމުގެ ޕްލޭން އެނގެނީ މަދު ބަޔަކަށް!
މި ރޭވުމަކީ އެހާ ގިނަ ބަޔަކަށް އެނގޭ ރޭވުމެއް ނޫނެވެ. އެމްޑީޕީގެ ތެރެއިން އަދީބާ ގުޅިފައި ހުރި ކަމަށް ބުނެވޭ ލިންކްތަކަށް ވެސް އެ ރޭވުން ރެއަކާލާފައި އޮތް ކަމަކަށް ލަަފައެއް ނުކުރެވެ އެވެ. އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަދީބުގެ ބޮޑީގާޑު ޕޫލް އާއި އެފަދަ މަދު ބަޔަކަށް ނޫނީ މި ރޭވުމެއް ނޭނގެ އެވެ. އެހެން މީހުންނަކީ އަދީބާ ހިމާޔަތުގެ އުނގަށް ވައްދަައި ރަނގަޅު ދަނޑިވަޅުގައި ބޭނުން ކުރަން ރެޑީކޮށްފައި ތިބި މީހުން ކަމަށް ބަލަމާ ހެއްޔެވެ؟
"ފިނިފެންމާ" ގައި ގޮވާތަކެތި ހަރު ކުރުން
ފިނިފެންމާގައި ގޮވާތަކެތި ހަރު ކުރީ އާ ރަށުގެ ފަޅުތެރޭގައި ކަމަށް ބުނެވެ އެވެ. ހަމަލާގެ ކުރީ ދުވަހު ލޯންޗުގައި ދަތުރު ކުރެއްވި ކަމަށް އަދީބުވެސް ވަނީ ވިދާޅުވެފަ އެވެ. ލޯންޗުގައި ގޮވާތަކެތި ހަރު ކުރި އިރު އާ ރަށުގެ މޫދުގައި އަދީބު އޮންނެވި ވާހަކައަކީ އާ ވާހަކައެކެވެ. އެކަމަކު އެއ ހަގީގަތެއް ކަމަށް ބުނާ މީހުން ވަރަށް ގިނަ އެވެ. އަދި ހަރުކޮށް ނިމުމުން ބައްލަވައިލައްވަން ލޯންޗަށް ވަޑައިގެން "ތަންބުސް އަޕް" ހައްދަވާފައި "ތަންބުސް ޑައުން" ވެސް ހެއްދެވި ކަމަށް ވެއެެވެ. ތިން އައިއީޑީއެއް ލޯންޗުގައި ބޭނުން ކުރި އެވެ.
ބޭނުމަކީ ރައީސް އަވަހާރަކޮށްލުން ނުވަތަ މަގާމުގެ ޒިންމާ އަދާ ކުރަން ނުކުޅެދޭ ވަރަށް ޒަހަމްކޮށްލުމެވެ. މިކަން ކުރުމުގައި ސްރީލަންކާއިން ކަމާބެހޭ އެކްސްޕާޓުންގެ ލަފާ ހޯއްދެވި ކަމަށް ވެއެވެ. މި މަސައްކަތަކީ ޝައްކެއް ނެތް މިންވަރަށް ޔަގީންކޮށްފައިވާ މަސައްކަތަކަށްވުމުން މިކަމުގައި އެއްވެސް ވަރަކަށް ޕްލޭން ބީއެއް ހަދާފައެއް ނުވެ އެވެ. ދެވަނަ ޕްލޭންތަކެއްގެ ވިސްނުމަށް އައީ މާ ފަހުންނެވެ. ނަމަވެސް އެކަންކަން ކުރެއްވިފައި ވަނީ އެ ބާވަތުގެ ކަންކަމުގައި ބޭނުން ކުރާ "ފޯސް ޓެކްޓިކްސް" އަށް ވުރެ މާ ދަށް ލެވެލްގަ އެވެ.
ހަމަލާ ރާވާފައި އޮތް ގޮތް، އަދި އެއަށްފަހު
މި ހަމަލާ ރޭވުމަށްފަހު ވެސް ރައީސް ޔާމީން ރިސީވް ކުރެއްވުމަށް ވަޑައިގަންނަވަން އޮތް އޮތުމަކަށް ބަދަލެއް ނުގެނެ އެވެ. އެ ބަދަލު ގެނައީ ރައީސް ޔާމީން މާލެ ވަޑައިގަތުމަށް ވައިގެ ތެރޭގައި އުޅުއްވަނިކޮށް ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ ވަރަށް ދަންވި ފަހުންނެވެ. އެރޭ ރިސޯޓެއްގައި އޮތް ރަސްމީ ފަންކްޝަނަކަށްފަހު މ. ސެސްނާ ކިޔާގެއްގައި ހުންނަ އަދީބުގެ އޮފީހެއްގައި ހަމަލާ ލޯންޗް ކުރުމާއެކު ކަންތައް ހިންގަންވީ ގޮތް ބްރީފް ކުރި ކަމަށް ބުނެވެ އެވެ.
އެ ބްރީފިންގައި ބުނާ ގޮތުން ރައީސް އަވަހާރަ ވުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ނައިބު ރައީސް އަދީބު ރައީސް އޮފީހުގައި ގައުމާ މުހާތަބު ކުރައްވާނެ އެވެ. އަދި ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު ހާދިސާ ތަހުގީގެއް ކުރުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވައިލައްވައި ބޭރުގެ ގައުމުތަކަށް ހާދިސާގެ މައުލޫމާތު ދެއްވުމަށް ޓީމެއް ފޮނުއްވާނެ އެވެ. އަދި ފުރަތަމަ ހަފުތާގެ ތެރޭގައި ޗައިނާ އަށާއި އިންޑިއާ އަށް ވަޑައިގަންނަވާނެ އެވެ.
"ރައީސް އަވަހާރަ ނުވި ނަމަވެސް ކޮމިޝަން އެކުލަވާ ގޮތަށް އޮތީ ރާވާފައި. ޒަހަމްވި ނަމަ ރާއްޖޭގެ ބޭރަށް ރައީސް ފުރުވާލާ ގޮތަށް ވެސް އޮތީ ރާވާފައި. މި ކޮމިޝަންގެ ތަހުގީގު 15 ދުވަހުން ނިންމައި އެއީ ލޯންޗުގައި ހިނގި އެކްސިޑެންޓަކުން ދިމާވި ހާދިސާއެއް ކަމަށް ކޮމިޝަނުން ކަނޑައަޅާ ގޮތަށް ނިންމާފައިވޭ. ހާދިސާއަކަށް ނިންމުމަށް ދައްކަން އޮތް ހުއްޖަތަކީ އޭސީ ގޮވުމާއި ހޮޅިތަކުން ތެޔޮ ލީކްވުމާއި ލޯންޗު ގޮއްވާލަން ކުރިން އިންޖީނަށް ހަކުރު އެޅުމުގެ ސަބަބުން ގޮވި ގޮވުމެއް ކަމަށް ބުނުން. ކަން ދިމާ ކުރި ގޮތުން ރައީސް އަވަހާރަ ނުވެ، ޒަހަމްވެސް ނުވެ ޕެލޭން ފޭލްވީ. އޭރު ނެތް ޕްލޭން ބީ ރާވާފައެއް،" ޕީޕީއެމްގެ އިސް ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.
އެ ހިސާބުން ވެސް އެއީ އޭސީ ގޮވައިގެން ދިމާވި ހާދިސާއަކަށް ބަދަލު ކުރަން މަސައްކަތް ކުރެއްވި އެވެ. އެކަން ކުރުމަށް ވަކި ވަކި ނޫސްވެރިންގެ ބޭނުން ވެސް ހިފި އެވެ. އެކަމަކު އެކަން ވައިގައި ހިފައިގެން ނުދިޔައީ ދިމާއަށް ފެންނަން އޮތް ހަގީގަތަކަށްވެފައި ހާދިސާ ވީޑިއޯވެސް ކޮށްފައި އޮތުމުންނާއި ތުހުމަތުތަކާއި ގަރީނާ ތަކުގެ ބާރު ގަދަކަމުންނެވެ.
އަދީބު ވިސްނާފައި ނެތް ދިމާއަކުން އުމަރު ނުކުންނެވުން
ރައީސް އަވަހާރަ ނުވެ، އަދި ޒަހަމް ވެސް ނުވެ ސަލާމަތްވެ، ވަޑައިގެންފާނެ ކަމަށް އަދީބު ވިސްނުން ގެންގުޅުއްވާފައެއް ނުވެއެވެ. އަދި އެހާލަތުގައި އެހާދިސާގެ ތެރެއަށް ވަދެ ވަޑައިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު މުހިންމު ދައުރެއް އަދާ ކުރައްވާފާނެ ކަމަށް އަދި އެފަދަ ދައުރެއް އަދާ ކުރެއްވުމަށް އުމަރު ނަސީރަށް ރައީސް ޔާމީން ފުރުސަތު ދެއްވާނެ ކަމަށް އަދީބު އަމުދުން ވިސްނުން ގެންގުޅުއްވާފައެއް ނުވެ އެވެ. ކުއްލިއަކަށް އެހެން ވެދާނެ ކަމަށް ލަފާދިން ޓީމުގެވެސް އެ ވިސްނުމެއް ނެތެވެ. އެހެން ކަމުން އިންކްއަރީ ކޮމިޝަނެއް އުފައްދަވާ ބާރުތައް އުމަރު ނަސީރަށް ދެއްވުން ވެގެން ދިޔައީ އަދީބަށް ލިބި ވަޑައިގެންނެވި ޝޮކަކަށެވެ. އަދި ފަޅައި ދިއުމަށެވެ. އަދި އެ ދަނޑިވަޅު އެކަންވީ އެމްޑީޕީގެ މޭގަނޑު ކުދި ކުދިވެ ހޮޑަށްވެގެން ދިޔަ ކަމަކަށެވެ.
މީގެ ތިން މަސް ކުރިން "ކަލާސް" އެވޯޑް ދިނުމުގެ ޖަލްސާގައި އަދީބު ވިދާޅުވެ އެވެ: "ސިޔާސީ އިދިކޮޅު ފަރާތް ތަކަށް ވެސް، އެއްވެސް މީހަކަށް ވެސް އެއްވެސް ތަނެއްގައި އަޅުގަނޑު ރުޅި އަރުވާ ނުލެވޭނެ. އެ ހުނަރު ދަސް ކުރެއްވީ ކުޅިވަރުގެ މައިދާނުން،"
ނަމަވެސް ހަމަލައަށްފަހު ރައީސް ޔާމީންގެ ކުޅިބައިގައި އުމަރު ކުރިޔަށް ނެރުއްވުމާއެކު އަދީބުގެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ. ހަދިސާއާއެކު އެމްޑީޕީން ނެރުނު ބަޔާން އެ ޕާޓީއަށް ވެސް ހަނދާނެތި އަނގަފެޅި އެވެ. އެ ރުޅިގަނޑުގެ ތެރޭ ބައެއް މަޖިލިސް މެންބަރުންގެ ގާތުގައި އަދީބު ރައީސް ޔާމީން އިމްޕީޗް ކުރުމުގެ ވާހަކަފުޅު ދެއްކެވީ މޭޒުގައި އަތް ޖައްސަވައި ޗެލެންޖް ކުރައްވާފައި ކަމަށްވެއެވެ. އަދި އެކަން އެމްޑީޕީން އަދީބާ ގުޅިފައިވާ ބައެއް ލީޑަރުންނަށާއި މެންބަރުންނަށް ހުށަހެޅުއްވި އެވެ. އެކަމަށް 80 މިލިޔަން ޑޮލަރު ހަރަދު ކޮށްދެއްވިދާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ވެއެެވެ.
އުމަރުގެ މައްސަލައިގެ ތެރެއިން އަދީބު އިތުރަށް ބެދޭ މަޅީގެ ތެރެއަށް ވަންނަމުން ދިޔައިރު ރައީސް ޔާމީން ވަނީ އިތުރު ކުޅިއެއް ޖައްސަވާފައެވެ. އަދީބުގެ ދިފާއުގައި އަދީބު ވާހަކަފުޅު ދެއްކެވުމަށް މީޑީއާ ނުކުންނެވުމަށް އެދި ވަޑައިގެންފައެވެ. އެ ފުރުސަތުގައި ވެސް އަދީބަށް ދިޔައީ ގޯސްތައް ހެއްދެވި އަމިއްލަ ފުޅަށް އިއުތިރާފު ބަޔާނެއް ނުދެއްވި ނަމަވެސް އިއުތުރާފުވެވިއްޖެކަކަން ދޭހަވާ ވަރަށް ގޯސް ހެއްދެވުމުންނެވެ. ރުޅިގަނޑު އުމަރަށް ބާލައި "ހުދުވަލުގައި" ހިއްޕަވައިގެން އުޅުއްވަން ހައްދަވައިގެން ހެއްދެވުނީ މުޅިން ގޯހެވެ. އުމަރު ހުންނެވީ ހަނުގަ އެވެ. އުމަރުގެ ވާހަކަތައް ބަންޑުންވާން ފެށީ ފަހުންނެވެ. ރުޅި ހަމައިން ނައްޓާ ދެވަނަ ތިންވަނަ ހަމަލާއަކަށް ދެވޭތޯ މަސައްކަތް ފެށީ ރައީސް މައުމޫންގެ ބެކިން އާއި ގާސިމް އިބްރާހިމްގެ ބެކިން ރައީސް ޔާމީނަށް ލިބުމުން ކަމަށް ބެލެވެ އެވެ.
ރައީސް އިމްޕީޗް ކުރުމާއި ސްނައިޕަރެއް ގެނައުން
ރައީސް އިމްޕީޗް ކުރުމުގެ މަސައްކަތް ފެށުމާއެކު ރައީސަށް އޮތީ އޭގެ ސާފު ހަބަރު ލިބި ވަޑައިގެންފައިކަން ވަރަށް ޔަގީނެވެ. އެ ހިސާބުން އެ ހަބަރު ބޭރު ވެއްޖެ އެވެ. އަދި ފަހުން ރައީސް ޔާމީން އެ ވާހަކަ ގެނެސްދެއްވި ފްރޭޒް އިން ގޮތުން ވެސް އެކަން ޔަގީން ވެއެވެ.
އެކަމަކު ރައީސް އަވަހާރަ ކޮށްލުމުގެ ރޭވުން މެންބަރުންނަށް ސާފުވެފައި އޮތެކޭ ދެންނެވޭކަށް ނެތެވެ. އެ މަސައްކަތް އެމްޑީޕީއާއެކު ސީދާ ކުރިޔަށް ދިޔައޭ ކިޔުމަށްވުރެ އެ ޕާޓީގެ ބައެއް މެންބަރުންނާއި ބައެއް ލީޑަރުންނައެކު ހިނގިއޭ ބުނުން ރަނގަޅެވެ. އަދީބު މާލެއިން ޗައިނާއަށް ފުރަންޖެހުނީ އެކަމުގެ ތެރޭގައި އުޅުއްވަނިކޮށެވެ. އޭރު ސާކަލްގެ ތެރެއަށް ރައީސް މައުމޫނާއި ގާސިމް ވަދެ ވަޑައިގެންފި އެވެ.
ސްނައިޕަރުގެ ރޭވުން ފެށުނީ އިންވެސްޓްމެންޓް ފޯރަމަށް ޗައިނާއަށް ވަޑައިގެން ޗައިނާގައި ހުންނަވައިގެނެވެ. އެއީ މާ ފަހުން އައި ވިސްނުމެކެވެ. ޗައިނާގައި ހުންނަވައިގެން ސްނައިޕަރު ހޯދަން އެންގުމުން އެ މަސައްކަތުގައި އުޅުނީ އޮއިއްޓޭ އާއި މޮހޯ އެވެ. މީގެ ތެރެއިން މޮހޯއަކީ އަދީބުގެ އެކައުންޓެންޓަށްވުމުން އެކަމަށް ބޭނުންވާ ފައިސާ ހަރަދު ކުރީ މޮހޯ މެދުވެރިކޮށެވެ. ލަންކާގެ އެމީހާ މާލެ ގެނައުމުގައި ވެސް އުޅުނީ މި ދެ މީހުންނެވެ. މިކަން އެނގޭ އެހެން މީހުންގެ ތެރޭގައި ޒިޔަތު އާއި ހާމިދު އިސްމާއިލް ހިމެނެ އެވެ. އެ މަސައްކަތުގައި ޗައިނާ ދަތުރަށްފަހު ރާއްޖެ ވަޑައި ނުގެން އެހެން ގައުމަކަށް ވަޑައިގަތުމަށް ވެސް ގާތްގަނޑަކަށް ނިންމެވި އެވެ.
ރާއްޖެ ވަޑައި ނުގަތުމަށް އަދީބު ނިންމެވި!
ރާއްޖެ ވަޑައި ނުގެން އެހެން ގައުމަކަށް ވަޑައިގަތުމަށް އަދީބު ޗައިނާގައި ހުންނަވައިގެން ނިންމެވި އެވެ. ޗައިނާއިން ސިންގަޕޫރުން ދެން އެހެން ގައުމަކަށް ވަޑައިގަތުމަށްފަހު ދެން އެނބުރި ރާއްޖެ ވަޑައިގަތުމަށް ބޭނުންފުޅުވީ ސުނައިޕަރު ޕްރޮޖެކްޓް ދާ ގޮތަކަށް ބަލައިގެނެވެ. ނޫނީ ބޮމެއް ގޮއްވާލައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ރާވައި އެކަން ކާމިޔާބު ވެއްޖެ ނަމަ އެވެ.
ނަމަވެސް މާލެ އިން ބައެއް މީހުން ސިންގަޕޫރަށާއި ސްރިލަންކާގައި ތިބެގެން މާލޭގައި ޒުވާނުން އޮތީ އަދީބާއެކުގައި ކަމަށް ވިސްނައި ދިނެވެ. މަޖިލިސް މެންބަރުން ތިބީ އަދީބާ އެކުގައި ކަމަށާއި ތާއީދު އޮތް ކަމަށާއި ފިނިފެންމާގެ ގޮވުމަކީ "ފޭކެއް" ކަމަށް މީހުން ގަބޫލު ކުރާ ކަމަށް ލަފާ އެރުވުމުން "މޮޅު ކާޑެއް ކުޅެލާނަމޭ" ވިދާޅުވެ ރާއްޖެ ވަޑައި ގަތުމަށް ނިންމެވީ އެވެ. އަދި މާލެ ވަޑައިގެން "ހުރިހާ ކަމެއް ހަމައަކަށް އަޅުވާލާނާމޭ" ވިދާޅުވި ކަމަށް ވެސް ވެއެވެ. ބައެއް ރިވާ ބުނާ ގޮތުން އެކަމުގައި ސަރުކާރު އެޖެންޓުން ވެސް އުޅުނެވެ. އަދި މާލެ ވަޑައިގަތުމަށް ހަމަޖެހުމާއެކު ގާނޫނީ ވަކީލުން ވެސް ހަމަޖެއްސި އެވެ.
ސްނައިޕަރު ރައީސަށް ހަމަލަދޭން ރޭވީ ދިރާގު ބިލްޑިންގުން
ދުރުގާ ހުރެގެން އަމާޒަށް ބަޑިޖާ މި މީހާއަކީ އިންޓެލިޖެންސް އެޖެންޓެއް ކަމަށް މިހާރު ބައެއް ފަރާތްތަކުން ބުނެ އެވެ. އެގޮތުން ބައެއް މިޝަންތަކުގައި އިންޑިޔާގައި ވެސް މީނާ ހަރަކާތްތެރިވެފައިވާ ކަމަށް ވެއެވެ. އޭނާ ރާއްޖެ އެތެރެވުމަށްފަހު ރައީސް ޔާމީނަށް އަމާޒުކޮށް ބަޑި ޖެހޭނެ ރަނގަޅު ލޮކޭޝަންތައް ބެލުމުގެ މަސައްކަތް އިތުރު ބަޔަކާއެކު ކުރި އެވެ. އެގޮތުން އައިޖީއެމްއެޗަށް ތިން ފަހަރަށް ވަދެ ރައީސް ޔާމީން ވަޑައިގެން ވަދެ ވަޑައިގަންނަވާ ދޮރުކޮޅުތަކާއި ކާރުކޮޅުގައި ވަޑައިގެން މަޑު ކުރައްވާ ތަންތަންތަން ބަލައި ޕިންކުރުމަށްފަހު ރައީސް އޮފީސް ކައިރިން ވެސް ރަނގަޅަށް މައުންޓް ކުރެވޭނެ ތަންތަނަކީ ކޮބައިތޯ ބެލި އެވެ. އޭނާއަށް އެންމެ ބޮޑަށް ކަމުދިޔަ އަދި ޔަގީން ތަނަކަށްވީ ދިރާގު ބިލްޑިންގެވެ. އެ ބިލްޑިންގަށް ވަދެ ބަލައި ހެދި ނަމަވެސް އެތަނުގައި އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމުގެ މަސައްކަތުގައި އުޅެނިކޮށް ފުލުހުން އޭނާ އުފުރާލީ އެވެ.
މުލިއާގެ ކައިރިން ބޮމުގެ ހަމަލާއެއް ދޭން ރޭވުމުގެ މާ ބޮޑު ތަފުސީލެއް މިހާތަނަށް އިތުބާރު ސޯސްތަކުން ސާފުވެފައެއް ނުވެ އެވެ. މިފަދަ ބޮޑެތި ހާދިސާތަކަށްފަހު "ޓާގެޓް ޓެކްޓިކްސް" ރޭވިފައި ހުން ގޮތުން ބައެއް ކަންކަން ތަހުގީގުގެ ތެރޭގައި ވެސް އަދި އިންޓިލެޖެންސް މައުލޫމާތަކުގެ ތެރެއިން ވެސް ފޭދިގެން ބޭރަށް އަންނަނީ ކުޑަ މިންވަރަކަށެވެ. އަދި އެ މިންވަރު ފެތުރިގަންނަނީ އަސްލަށްވުރެ މަންޒަރު ބޮޑުވެގެން ކަމަށްވާތީ މުލިއާގޭ ކައިރިން ފެނުނު ބޮމާބެހޭ ގޮތުން ދައްކާނެ މާ ބޮޑު ވާހަކައެއް ނެތެވެ.
މިހާ ހިސާބުން ސުވާލަކީ ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އެމްއެމްޕީއާރްސީން ބަޑިބޭސް އެތެރެ ކުރަން ދިން ހުއްދައިގެ ތެރެއިން ހަވާ ކޮންޓެއިނާއެއް އެތެރެ ކުރި އިރު އޭގެ ބޮޑު ބައެއްގައި ހަތިޔާރު ހުރި ކަމަށް ޝައްކު ކުރެ އެވެ. އެ ކޮންޓެއިނާ ކްލިއާކޮށް ހުޅުމާލެއިން އޭގައި ހުރި ތަކެތި ގެންދެވިފައި ވަނީ ކޮންތާކަށް ކަމެއް ސާފެއް ނުވެ އެވެ. ހިބަޅިދޫން ފެނުނީ އޭގައި ހުރި ހަތިޔާރު ކަމަށް ވިޔަސް އަދި ނުވިޔަސް އެ ރަށުން ފެނުނު ހަތިޔާރު ފުރަތަމަ އުފުލާފައި ވަނީ ބޮޑުކާށި ހުރާ އަށެވެ. ހިބަޅިދޫއަށް ބަދަލު ކުރީ ބޮޑުކާށި ހުރާއިންނެވެ. އެ ރަށަށް ގެންގޮސް އޭގެ ބޭނުން ނުކުރެވި އުޅެނިކޮށް މިޝަން ފޭލްވީ އެވެ.
ކެނެޑީގެ އަވަހާރަ ކޮށްލުމުގައި ލިންޑަން ބީ ޖޯންސަންގެ ފަހަތުގައި ހުންނެވި ކަމަށް ބުނާ ބުނުމަށްވުރެ ބޮޑަށް އަދީބުގެ މައްޗަށް އޮތް ތުހުމަތުގެ ފާޅުކަން ބޮޑެވެ. އެއީ މުޅިން ތަފާތު ވާހަކައެކެވެ. ރައީސް ޔާމީން އަވަހާރަކޮށްލުުުގެ ރޭވުމަކީ މާހާސިންތާއާ ހަމައަށް ދިޔައިރު ހާލަތު އޮތް ގޮތަށް އޮއްވައި މާހާ ސިންތާގެ ބޭނާގައި ނަން ނެތުމުން އައި ރުޅީގައި ނިންމި ނިންމުކެކޭ ބުނެވިދާނެ އެވެ. އެކަމަކު އެ ރޭވުން އައީ އެމްޑީޕީގެ ތެރިން އަދީބާ ގުޅިފައިވާ ލީޑަރުންތަކެއް އަދީބު މެދުވެރިކޮށް ރައީސް ޔާމީން "ޗައިނާ ކާޑް" ގެ ޑިގު ރޫޅައިލަން ކުރި މަސައްކަތުގެ ތެރެއިންނޭ ބުނާނެ ޖާގަ ވެސް ހަމަ އެބައޮތެވެ.