ނައިބު ރައީސްގެ މަގާމުގެ ބާރުތަކާއި ޒިންމާތަކުން އެކަހެރިކުރައްވާފައިވާ އަހުމަދު އަދީބަކީ އެމެރިކާގެ މަޝްހޫރު ޕޮލިޓިކަލް ޑްރާމާ "ހައުސް އޮފް ކާޑްސް" ގެ ފޭނެއް ކަމަށް ބުނާކަށް ނޭނގެ އެވެ. އެ ޓީވީ ޝޯއެއް ބެއްލެވުމަށް އެ ބޭފުޅާ އަށް ވަގުތުވެ ވަޑައިގަންނަވާނެއެކޭ ބުނާކަށް ވެސް ނުކެރޭނެ އެވެ. ސަބަބަކީ ހަ ވަނަ ގިޔަރުގައި ގައުމު ހިންގަވަމުން ގެންދެވި ގޮތް ފެންނާން އޮތީމަ އެވެ.
އެހެން ނަމަވެސް "ހައުސް އޮފް ކާޑްސް" އަދި އެ ޑްރާމާގެ ލީޑް ކެރެކްޓާ ފްރޭންކް އަންޑަވުޑަކީ ޔަގީނަށް ވެސް އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން ނައިބު ރައީސް އަދީބާ އެއް ގޮތް ސިފަތަކެއް ފާހަގަކުރެވޭ ކެރެކްޓާއެކެވެ. އެއްގޮތަކީ މި ޓީވީ ޝޯއެއް ލިޔުނު ބަޔަކު އަދީބުގެ ވައްޓަފާޅި އާއި ސިޔާސަތު ކޮޕީކުރީ އެވެ. -- ދެތިކި ޕީ -- އަނެއް ގޮތަކީ ފްރޭންކް އަންޑަވުޑަށް ވެވަޑައިގަތުމަށް އަދީބު އަމިއްލަފުޅަށް ނިންމެވީ އެވެ. ގިނަ ބަޔަކު އިއްތިފާގު ވަނީ ވެސް މިގޮތަށެވެ. ނޫނީ ފްރޭންކް އަންޑަވުޑްގެ ކެރެކްޓާ އާއި އަހުމަދު އަދީބްގެ ކެރެކްޓާ އެތަން މިތަނުން ދިމާވުމަކީ އިއްތިފާގަކަށް ނޫނީ ނުމެވެ އެވެ.
އެކަމަކު މީގައި ދެރަ ތަންކޮޅެއް ވެސް އެބައޮތެވެ. އެއީ އިއްޔެއާ ހަމަ އަށް ރަނގަޅަށް "ފްރޭންކް އަންޑަވުޑް" އަށް ވެވަޑައިގެން "ބޭނުން ކަމެއް ހާސިލުކޮށް ކާމިޔާބު ކުރައްވަމުން" ގެންދެވި އަދީބު އެޅުއްވި ޅައެއްޗެއްގެ ސަބަބުން މި ފޯރިގަދަ ޑްރާމާއެއްގެ ކުރި އެއްކޮށް މަރާލެވިފައިވާތީ އެވެ. ހަވާފަޓާސްބަރިއެއްހެން ގޮވައިގެން ދިޔައީމަ އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރިއަށް ދިޔަ "ހައުސް އޮފް ކާޑްސް" ޑްރާމާ އަށް އައިސްގެން އުޅޭ އެންމެ ބޮޑު ޓްވިސްޓަކީ "އަދީބު އަންޑަވޯލްޑް" އެވެ. ފްރޭންކް އަންޑަވުޑް ގެނެސް އަދީބަށް ސިޔާސީ ފިލާވަޅުތަކެއް ނަގައިދޭން ޖެހޭ ހިސާބަކީ ވެސް މިއީ އެވެ.
އަދި އެންމެފަހުން މި ޓްވިސްޓް ނަގޫރޯޅިއެއްހެން އެނބުރިގަތްގަތުމާ އެކު އަދީބު އޭގައި ޖެހިވަޑައިގެން ހަވާއަށ އަށް ބުރައިގެން ދިއުމުން މިހާރު އެންމެން ބުނަނީ އަދީބަކަށް "ފްރޭންކް އަންޑަވުޑަކަށް" ވެސް ނުވެވުނު ނޫންތޯއޭ އެވެ. ފްރޭންކް އަންޑަވުޑްގެ ޕޯޒްއަށް ފޮޓޯ ނަންގަވައި ފޭސްބުކްގައި ޝެއާކުރެއްވިޔަސް އެވަރުގެ ހަގީގީ ގަޓަކާއި ސިޔާސީ އުކުޅުތަކެއް ނުދެއްކެވުނު ނޯންތޯއޭ އެވެ.
ދެން އޮތީ "ހައުސް އޮފް ކާޑްސް" ޑްރާމާ އިން ފާހަގަކޮށްލެވޭ ޑައިލޮގްތަކެއް ހޮވައިގެން ގަތާލާފައިވާ މަންޒަރެކެވެ. މި ޑައިލޮގްތައް ރާއްޖޭގެ މިއަދުގެ ސިޔާސީ ހާލަތާ ވަރަށް ވެސް ގުޅެ އެވެ. ހީވަނީ ހަމަ ރައީސް އަބްދުﷲ ޔާމީން އާއި އެ ބޭފުޅާ އަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިވާ ކަމަށް ބުނާ ނައިބާ ދެމެދު ދެކެވި ހިނގާފައިވާ ވާހަކަތަކެއްހެންނެވެ.
ކާމިޔާބު ހޯދާނަމެވެ! އަހަރެންގެ ވާހަކަ މީހުން ފަހުރުވެރިކަމާ އެކު ދައްކާނެވެ!
ފްރޭންކް އަންޑަވުޑް ބުނާހެން "އައި ވިލް ވިން އެންޑް އަ ވިލް ލީވް އަ ލެގަސީ" މިހެންނެވެ.
ޔަގީނަށް ވެސް އަހުމަދު އަދީބަކީ މިފަދަ ވިސްނުންފުޅެއްގައި ރެއާއިދުވާލު މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ކަސްޓަމްސް އޮފިސަރެއްގެ މަގާމުން ނައިބު ރައީސްގެ މަގާމަށް ވަޑައިގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި ޒުވާނުންގެ ޒުވާން ލީޑަރުގެ ގޮތުގައި މަޝްހޫރުވެ ވަޑައިގަތުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ.
އަދީބަށް އެކަން ކުރެއްވުނު ހެއްޔެވެ؟ ނުކުރެއްވުނޭ ދެންނެވުމަށް ވުރެ ރަނގަޅުވާނީ އެކަން ހާސިލުކުރެއްވުމަށް އެ ބޭފުޅާ ނުކުރައްވާ ކަމެއް ނެތް ކަމަށް ދެންނެވުމެވެ.
ބައެއް ފަހަރަށް އިހްތިރާމް ލިބެނީ ވެރިމީހާއާ ދެކޮޅުހަދައިގެންނެވެ!
މިއީ ފްރޭންކް އަންޑަވުޑްގެ ގަބޫލުކުރުމެކެވެ. ތިމާ އަށް ވުރެ މަތީގައި ތިއްބަވާ ބޭފުޅުންގެ އިހްތިރާމް ބައެއް ފަހަރަށް ތިމާ އަށް ލިބެން އޮންނަ ހަމައެކަނި ގޮތަކީ ވެރި މީހާގެ ބަހަށް ދެކޮޅު ހެއްދެވުމެވެ.
އަދީބަށް ރައީސް ޔާމީންގެ އިތުބާރާއި އިހްތިރާމް އެހާ ބޮޑަށް ލިބިވަޑައިގެންނެވި ސަބަބެއް ބުނެދޭކަށް ނޭނގެ އެވެ. ޔަގީނަށް ވެސް އެކަން އަދީބު ހާސިލުކުރެއްވީ ފްރޭންކް އަންޑަވުޑްގެ ސިޔާސަތަކަށް ތަބާވެ ވަޑައިގެންނެއް ނޫންކަން އެނގެ އެވެ. އެއީ މިއޮތްހާ ދުވަހު އަދީބު ފެނިވަޑައިގެންނެވީ ވެރިމީހާ އަށް ކިޔަމަންތެރި ބޭފުޅެއްގެ ގޮތުގައި ކަމަށްވާތީ އެވެ.
އެހެންކަމުން އަދީބަށް ޕޮލިޓިކްސްގެ ކުޅި އެނގިވަޑައިނުގެން މަގުއޮޅިވަޑައިގެންނެވީ ހެއްޔެވެ؟ މި ސުވާލަށް އޮތް ޖަވާބަކީ އަންޑަވުޑްގެ ނިކަން މަޝްހޫރު ޑައިލޮގްކޮޅެކެވެ.
ޕޮލިޓިކްސްގައި ޖެހޭނީ ބާރެއް ނެތް މީހާ ކާލާށެވެ! ނުވަތަ ބާރެއް ނެތް މީހާގެ ގޮތުގައި ހުންނާށެވެ!
"އިން ޕޮލިޓިކްސް، ޔޫ އީދާ އީޓް ދަ ބޭބީ އޯ، ޔޫ އާ ދަ ބޭބީ،" އަންޑަވުޑްގެ ނަސޭހަތަކީ މިއީ އެވެ.
އެހެންވީމަ މި އޮތްހާ ދުވަހު އަދީބު ފެނިވަޑައިގަތީ ކޮން ގޮތަކަށް ހެއްޔެވެ؟ މި ސުވާލަކަށް އިހްތިޔާރީ ޖަވާބެއް ވެސް ނެތެވެ. ރަނގަޅު ޖަވާބަކީ، އަދީބު ފެނިވަޑައިގަތީ "ރައީސްގެ ބޭބީއެއް" ގެ ގޮތުގައި، މިހެންނެވެ. އެކަމަކު އަދީބަށް ހީފުޅުކުރެވިފައި އޮތީ ސިޔާސީ ސިންގާއަކީ އެ ބޭފުޅާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ޒިބްރާއެއް ކަމަށެވެ. ފަހަރެއްގައި އެންމެ ފަހުން ޔާމީނާ ދިމާލަށް ފުންމައިގެން ވަޑައިގެންނެވީ ވެސް މިސަބަބާ ހެދި އެވެ.
އަދީބުގެ ސިޔާސީ ވިސްނުން ކޮށީ ކަމެއް ނުވަތަ އެމަނިކުފާނުގެ ޝަރަފްވެރި ސިޔާސީ ރިޑޯކާ އެއް ފެންވަރަށް އެ ބޭފުޅާގެ ސިޔާސީ ވިސްނުން ވެސް "މާ ޒުވާނީ" ކަމަށް ވެދާނެ އެވެ.
އަދީބަށް ވިސްނިވަޑައި ނުގެންނެވުނު ސިޔާސީ ހަގީގަތަކީ ކޮބައި ހެއްޔެވެ؟
ފައިސާ އަށް ވުރެ ރަނގަޅު އެއްޗަކީ އާރާއިބާރެވެ!
އާރާއިބާރު ލިބިފައިވާ ނަމަ އެމީހަކަށް ނުކުރެވޭނީ ކޮން ކަމެއްތޯ އެވެ؟ ނަމަވެސް އަދީބު ފެނިވަޑައިގަތީ ހަގީގީ އާރާއި ބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވުރެ ބޮޑަށް "ހިޔަންޏެއް" ގެ ގޮތުގަ އެވެ. އަދި އެ ބޭފުޅާގެ މައްޗަށް އެންމެ ބޮޑަށް ކުރެވުނު ތުހުމަތަކީ ފައިސާގެ ބާރުން މީހުންގެ ފިކުރު ބަދަލުކޮށް އެންމެފަހުން ވެރިކަން ވެސް ފުރޮޅައިލައްވަން އުުޅުއްވި ވާހަކަ އެވެ.
އާޚިރުގައި އެ މަނިކުފާނު ވެވަޑައިގަތީ ކޮން ކަހަލަ ލީޑަރަކަށްތޯ އެވެ؟ ނުވަތަ ކޮން ކަހަލަ ނައިބު ރައީސަކަށްތޯ އެވެ؟ ފްރޭންކް އަންޑަވުޑްގެ ބަހުރުވައިން ނަމަ "ފައިފުއްސަކަށެވެ".
ދެ ވައްތަރެއްގެ ނައިބު ރައީސުންވޭ! އެއް ވައްތަރަކީ ފައިފުއްސެވެ!
"އަނެއް ވައްތަރަކީ ކެރުމާއި ހުށިޔާރުކަން ދައްކައިގެން ފިރިހެން ގެރީގެ ބޮލަށް ހަންޖަރު ހަރައި މަރާލާ މީހާ އެވެ. ކަލޭ ވާން ބޭނުންވަނީ މީގެ ތެރެއިން ކޮން ނައިބު ރައީސަކަށް ހެއްޔެވެ؟"
މިއީ ފްރޭންކް އަންޑަވުޑްގެ ސުވާލެވެ. އަދިވެސް އޭނާގެ އެހެން ނަސޭހަތެއް އެބައޮތެވެ.
އޮތީ އެންމެ ގަވާއިދެކެވެ! ޝިކާރަކުރުމެވެ! ނުވަތަ ޝިކާރައަކަށްވުމެވެ!
ސިޔާސީ މައިދާނުގައި ކާމިޔާބީ އަށް ވާސިލުވާން އެދޭ މީހާ މަސައްކަތްކުރަން ޖެހޭ ގޮތަކީ މިއީ އެވެ. އަދީބަށް ޖެހިވަޑައިގެންނެވި ހާލަކީ ޔަގީނަށް ވެސް އިބުރަތެކެވެ. ޝިކާރަކުރައްވަން އެނގިވަޑައިނުގެން އަމިއްލަ އަށް ޝިކާރައަކަށް ވެވަޑައިގެންނެވީ އެވެ.
ދެން މި އޮތީ "އަދީބުގެ އަންޑަވޯލްޑް" އެޕިސޯޑާ ގުޅިގެން ރައީސް ޔާމީނަށް ފްރޭންކް އަންޑަވުޑްގެ ކެރެކްޓާ އިން ހާސިލުުރެވިދާނެ ދެ ތިން އިބްރަތެކެވެ.
އެންމެ ނުބައި ދުޝްމަނުން އުފެދެނީ އެކުވެރިންގެ ތެރެއިން!
އެންމެ ގާތް އެކުވެރިޔާއަށް ވެސް މާ ބޮޑަށް އިތުބާރު ނުކުރައްޗެވެ!
ދެން މި އޮތީ ރައީސްގެ އަރިހުން ނަގައި އެއްލާލެވިފައިވާ ނައިބު ރައީސް އަދީބުގެ ސަޕޯޓަރުން ދައްކަވަމުން ގެންދަވާ ވާހަކައެކެވެ. އެމީހުން ބުނަނީ އަދީބާ ނުލައި ރައީސް ޔާމީނަށް ދެން އެއް ކަމެއް ވެސް ހާސިލު ނުކުރެއްވޭނެ ކަމަށެވެ. މިހެން ބުނާ ސަބަބަކީ ޔާމީންގެ ސަރުކާރުގެ ވަރަށް ގިނަ މަސައްކަތްތަކުގައި އަދި ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި ސީދާ އަދީބު ފެނިވަޑައިގަތީމަ އެވެ. ވީމަ މިހާރު ދޫނިދޫގައި ބަންދުކޮށްފައި ހުންނެވިއިރު، އަދީބުގެ ހިތްޕުޅަށް ވެސް މިހެން އަރާވަޑައިގަތުމުގެ ފުރުސަތު އެބައޮތެވެ.
ޔަގީނަށް ވެސް މި ވާހަކައަކީ ދޮގެއްކަން ސާބިތުކޮށްދިނުން ވެގެންދާނީ ޔާމީންގެ ސަރުކާރަށް އޮތް ޗެލެންޖަކަށެވެ. ނަމަވެސް ގައުމާ މުހާތަބުކުރައްވަމުން ރައީސް ވާހަކަ ދެއްކި ރާގަށް ބަލާއިރު ވަކި މީހަކު "މިސްވެގެން" ސަރުކާރުގައި އަދި ގައުމުގެ ތަރައްގީގައި ބުރައްކެތް ނުޖެހޭނެ އެވެ. ބަލަން ތިބޭނީ ދޯ އެވެ؟