ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޝީގެ ކްލަސްޓާ: ޕޮޒިޓިވް ނަންބަރު 97 އަށް

ޝީ ބިލްޑިންގުގައި އޮތް ޕާޓީއެއްގައި ބައިވެރިވި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ކްލަސްޓާއާ ގުޅުންހުރި 97 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ޕާޓީން މީހަކު ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ނަންބަރު ވަނީ 97 އަށް އުފުލިފައެވެ. އެޗްއީއޯސީން ބުނީ 97 މީހުންގެ ތެރެއިން 67 މީހުންނަކީ އެ ޕާޓީއަށް ދިޔަ މީހުން ކަމަށެވެ. އަދި 27 މީހުންނަކީ ޕާޓީއަށް ދިޔަ މީހުން އުޅޭ ގޭގައި ދިރިއުޅޭ ބައެއް ކަމަށެވެ. އަނެއް ދެ މީހުންނަކީ ޕާޓީއަށްދިޔަ ބަޔަކާ އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

މިހާތަނަށް އެ ކްލަސްޓާއާ ގުޅުންހުރި 287 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި 71 މީހުންނަކީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނެވެ. އެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 262 ސާމްޕަލް ވަނީ ނަގާފައެވެ.

އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ބޭއްވި ކައިވެނި ޕާޓީއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ޔޫކޭއިން އައި ދިވެއްސަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާއަކީ އެ ހަފްލާއަށް ދިއަ އާއިލާއަކާ ގުޅުން ހުރި މީހެކެވެ.

ނަމަވެސް، އޭނާ ރާއްޖެ އައިސްފައިވަނީ އެ ކައިވެނި ހަފްލާއަށްފަހުއެވެ.