ޝީ ބިލްޑިންގުގައި އޮތް ޕާޓީއެއްގައި ބައިވެރިވި މީހުންގެ ތެރެއިން އެ ކްލަސްޓާއާ ގުޅުންހުރި 100 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ޕާޓީން މީހަކު ޕޮޒިޓިވްވިކަން އެނގުނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ ނަންބަރު ވަނީ 100 އަށް އުފުލިފައެވެ. އެޗްއީއޯސީން ބުނީ 100 މީހުންގެ ތެރެއިން 68 މީހުންނަކީ އެ ޕާޓީއަށް ދިޔަ މީހުން ކަމަށެވެ. އަދި 30 މީހުންނަކީ ޕާޓީއަށް ދިޔަ މީހުން އުޅޭ ގޭގައި ދިރިއުޅޭ ބައެއް ކަމަށެވެ. އަނެއް ދެ މީހުންނަކީ ޕާޓީއަށްދިޔަ ބަޔަކާ އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެ މީހުންނެވެ.
މިހާތަނަށް އެ ކްލަސްޓާއާ ގުޅުންހުރި 300 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އެ ހުރިހާ އެންމެންވެސް ވަނީ ކަރަންޓީން ކޮށްފައެވެ. އޭގެ ތެރޭގައި 71 މީހުންނަކީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނެވެ. މިހާތަނަށް މި ކްލަސްޓާއިން 401 ސާމްޕަލް ވަނީ ނަގާފައެވެ.
އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ބޭއްވި ކައިވެނި ޕާޓީއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ޔޫކޭއިން އައި ދިވެއްސަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާއަކީ އެ ހަފްލާއަށް ދިއަ އާއިލާއަކާ ގުޅުން ހުރި މީހެކެވެ. ނަމަވެސް، އޭނާ ރާއްޖެ އައިސްފައިވަނީ އެ ކައިވެނި ހަފްލާއަށްފަހުއެވެ.