ޒުވާނުން

މި ތިން ވާހަކަ: ފިނި ކުރި ކޮޓަރިއަށް!

ހު ރިހާ ކަމެއް ވެސް މި އޮންނަނީ މާލޭގަ އެވެ. ހުރިހާ އެންމެން ވެސް މި އުޅެނީ މާލޭގައިތާ އެވެ. އެހެންވެ ހުރިހާ ވާހަކައެއް މާލެއިން ފަށަން ޖެހޭތީ މި ވާހަކަތައް ވެސް ފަށަން ޖެހެނީ މާލޭގެ މަގުމަތީންނެވެ. މާލޭ މަގުމައްޗަށް ނުކުންނަ ކޮންމެ މީހަކަށް ވެސް މިހާރަކަށް އައިސް މަދު ފަހަރެއްގައި ވިއްޔާ ނޫނީ ކުރިމަތިވާ ކަމެއް އޮވެއެވެ. ޕާކިން ލޮޓުތަކާއި ކަންމަތީ ފިހާރަތަކާއި ސައި ހޮޓާ ކެފޭ / ރެސްޓޯރެންޓާއި ބޭންކްތަކާއި އޭޓީއެމްތަކުގެ ދޮރު ކައިރިން މިކަން ގިނައިން ތަޖުރިބާ ކުރެވޭނެ އެވެ. މި ތަޖުރިބާއަށް ފަހު ވަރަށް ގިނަ މީހުން މި ކަމާ ޝަކުވާ ވެސް ކުރެއެވެ. އަދި ވަރަށް ގިނަ ބަޔަކު ރުޅި އައިސްގެން އުޅެ އެވެ.

ވާ ގޮތަކީ ގައި ބާރު ހުރި އަތްފައިން މަސައްކަތް ކުރެވޭ ވަރުގެ ޖާނު ވަރުގަދަ ޒުވާނުންތަކެއް މާލޭގެ އެތަން މިތާނގައި ހާވިޔާ ވެގެނާއި އާވާރާ ވެގެން ނުކުމެ ޖެހޭ ކޮންމެ މީހެއްގެ ގާތު ފައިސާއަށް ކިޔަނީ އެވެ. އެ މީހުން ޖަހަނީ ތަންކޮޅެއް "މޮޑާން ސަލާމެ" ކެވެ. ވަށައި ޖެހޭނެ އުޒުރަކާއެކު ފައިސާއަށް ސަލާން ޖަހަނީ އެވެ. "ބަނޑުހައި ވެގެން ސައިތައްޓެއް ބޯލަން ހަމަ އެންމެ 20 ރުފިޔާ" އެވެ. "އަވަހާ ކޮންމެހެން ދާން ޖެހޭ ތަނަކަށް ދާން ޓެކްސީއަށް ދޭނެ 20 ރުފިޔާ" އެވެ. "އަތުގައި ފަސް ރުފިޔާ އެބައޮތެވެ. ވިހިރުފިޔާ ދީބަލާ" ށޭ އެވެ. ނޫނީ "ކޮންމެހެން ގަންނަޖެހޭ ބޭހެއް ގަންނަން ބޭނުންވާ ވިއްސަކަށް ރުފިޔާ" ހޯދަނީ އެވެ. ދެ ލޮލުން ބަނޑުހައިކަން ބުރަބުރައި ހުންނަ މީހާވެސް ކާކަށް ބޭނުމެއް ނުވެ އެވެ. ބޭނުން ވަނީ "ސައި ބޯލާނެ ވިއްސަކަށް ރުފިޔާ" އެވެ. މިއީ ފެންނަން ބޭނުން ނުވާ މަންޒަރެކެވެ.

އެކަމަކު މިހައި "ކަންކަން ދަންނަ" އެހައި "ތަހުޒީބު" ބައެއްގެ ތެރޭގައި މިވަނީ ކީއް ހެއްޔެވެ؟ މިއީ ކޮން ކަހަލަ ކަމެއް ކޮންކަހަލަ ތަހުޒީބެއް ހެއްޔެވެ؟

ކޮންމެވެސް "ބައްޔެއް" ގެ ސަބަބުން މިހެން އުޅޭ މީހުން ވެސް މިހާރު މާލޭގައި ގިނަ ބައިވަރެކެވެ. ފިހާރައަކަށް ވަނަސް ފަހަތުން ގޮސް މިހާރު ކިޔާ ގޮތަށް "ގައިގައި އަތްލައި" މުޅި ދުވަހު ނުކައި ހުރި ކަމަށް ބުނެ އެއްޗެއް ގަނުވައިފާނެ އެވެ.

އެ މީހުން ހަދަނީ ނަފުސަށް މަކަރެކެވެ؛ ހުރިހާ އެންމެނަށް ވެސް އެ މަކަރު އެނގެ އެވެ. ކާ އެއްޗެއް ގަނެދިނުމުން ކައިލުމުގެ ބަދަލުގައި ގޮސް އެހެން މީހަކަށް އެ ވިއްކަން މަސައްކަތް ކުރަނީ އެވެ. އިންސާނިއްޔަތަށްޓަކައި ދިއްކޮށްލާ 20 ރުފިޔާއިން "އަގު ހެޔޮ ޑުރަގު" ގަނެގެން މަސްތުވާން އެ ބޭނުން ކުރަނީ އެވެ.

އެ މީހުން އަތުން ފައިން މަސައްކަތް ނުކުރަނީ އެވެ. ވަޒީފާއަށް ނުދަނީ އެވެ. އެ މީހުނަށް މަސައްކަތެއް ނެތީ އެވެ. ޖޯއިސްޓިކާ ކުޅުން ފިޔަވައި މަސައްކަތެއް ކުރަން ނުވެސް ދަންނަނީ އެވެ. މި އެންމެންގެ "ބައްޔަށް" ފަރުވާ ކުރާން ސަރުކާރު ކޮބައި ހެއްޔެވެ؟ ސަރުކާރެއްގެ ތަންފީޒީ އިދާރާތައް ކޮބައި ހެއްޔެވެ؟ މިވެގެން އުޅޭ ގޮތެއް ހޯދައި ބަލައި ކޮންމެވެސް "ރިއަލިސްޓިކް ވޯކެއް" ކުރެވޭތޯ ސަރުކާރު ފިނިކޮޓަރުތަކުގައި ތިބި ބޭފުޅުން އުޅުއްވާކަށް ނުވޭ ހެއްޔެވެ؟

ހާވިޔާވެފައިވާ މިފަދަ ބައިވަރު މީހުން

ސޯސަން މަގުގެ ޕާކިން ލޮޓަކަށް ސައިކަލް ޕާކް ކުރަން މީހުން ކައިރި ކުރަމުން ދިޔައިރު ދިވެހި ޒުވާނަކު ސައިކަލްތަކުގެ މެދުގައި ހުރެގެން އެއިން ކޮންމެ މީހަކަށް ގޮވާލައި ކޮންމެވެސް އެއްޗެއް ބުނެލާ ތަން ފެނެ އެވެ. އޭނާއަކީ ވެސް ހާވިޔާ ވެގެން މަގަށް ނުކުމެ ޖެހޭ ކޮންމެ މީހެއްގެ ގާތުގައި ފައިސާ އަށް އަހާ މީހެއް ކަމުގައި ހީ ކުރެވުނެވެ.

މި ނޫނަސް އާއްމު ގޮތެއްގައި މާލޭގެ ޕާކިން ލޮޓްތަކުން މި ގޮތަށް ފައިސާ ހޯދަން މަސައްކަތް ކުރާ މީހުނާ ބައްދަލުވެ އެވެ. އެކަމަކު މި ޒުވާނާ އެދެނީ ފައިސާއަކަށް ނޫނެވެ. އޭނާ ސުވާލު ކުރަނީ "ސައިކަލް ފޮހެލަން ބޭނުންތޯ؟" އެވެ. އެއް ބައި މީހުން އަޅައިވެސް ނުލައި ހިނގައި ދެއެވެ. އަނެއްބައި މީހުން ނޫނެކޭ ބުނެފާނެ އެވެ. އަދި ބައެއް މީހުން ފޮހެނޭ ކަމެއް ނެތޭ ބުނެފައިމެ ފައިސާ ދީފައި ހިނގައި ދެއެވެ. ހާލުން ހާލުން މީހުން ފައިސާ ދީފައި ސައިކަލް ސާފު ވެސް ކުރުވަ އެވެ. އެހެންވެ ފާޑެއްގެ ވިޔަފާރިއަކަށް ވެފައި އޮވެ އެވެ.

މި ޒޯންގައި މިއުޅެނީ މާލޭގައި ދިރިއުޅޭ އުމުރުން 27 އަހަރުގެ އަހުމަދު ސަމާހެވެ. ޖާނު ވަރުގަދަ ޒުވާނެކެވެ. އުފަން ރަށަކީ ގދ. ތިނަދޫ އެވެ. "ރޫހު ވަނީ ތިނަދޫގައޭ" ބުނާހެން އެ ރަށު މީހުނަކީ ޖޯޝާއި ރޫހު ހުންނަ ވަރުގަދަ މަސައްކަތްތެރި ވެސް ބައެކެވެ.

ސަމާހު ބުނާ ގޮތުން އޭނާ ވެސް ވަރަށް ރޫހެއްގައި ވަޒީފާ އަދާކުރި އެވެ. އެކަމަކު އެންމެ ފަހުން އޭނާ އަދާ ކުރި ވަޒީފާ ދޫކޮށްލަން ޖެހުނީ އެވެ. މިހާރު އޭނާގެ މަސައްކަތަކީ ސައިކަލް ފޮހެގެން އާމްދަނީއެއް ހޯދުމެވެ. ދުވަސް ރާވާލާފައި އޮންނަ ގޮތުން ކޮންމެ ދުވަހަކު ހެނދުނު ތައްޔާރު ވެލައިގެން ސައިކަލް ސާފު ކުރާ ފޮއްޗާއި އޮފު ކުރާ ކިޓް ފަދަ ސާމާނާއި އާލާތް ހިފައިގެން ނުކުންނަނީ ރަސްމީކޮށް މި ވަޒީފާ އަށެވެ. އަގު ކިޔައިގެން ފަހަރަކު ސައިކަލެއް ފޮހެ ސާފު ކޮށްދެނީ އެވެ.

"ކޮންމެ ދުވަހަކު ވެސް އަހަރެން މިތަނަށް އައިސް ސައިކަލު ފޮހެނީ. [ކުރީން] އުޅެވިފައި ހުރި ގޮތް ގޯސް ކަމުން އަހަންނަށް މި ޖެހުނީ ވަޒީފާ އާއި އާއިލާއާ ވެސް ދުރުވާން. މީގެ ކުރިން އަހަރެން އުޅުނީ އަމިއްލަ ކުންފުންޏެއްގައި. އަހަރެން މިހާރު މި މަސައްކަތް ކުރަނީ އަމިއްލައަށް. މިހާރު މީހެއްގެ ދަށުވާކަށް ނުޖެހޭ!" އޭނާ ބުންޏެވެ.

ސަމާހު ބުނާ ގޮތުގައި ކޮންމެ ދުވަހަކު ޕާކިން ލޮޓަށް ގޮސް ސައިކަލް ފޮހެ ދިން ވަރަކަށް އޭނާއަށް ފައިސާ ލިބެ އެވެ. މޫސުން ގޯސްވެ ވާރޭ ނުވެހެންޏާ ކޮންމެ ދުވަހަކު ވެސް ސައިކަލް ފޮހެދީގެން ގާތްގަނޑަކަށް 350 ގެ މަތީން ރުފިޔާ ލިބެ އެވެ. އެ ރޭޓުގައި ބަލައިފި ނަމަ އެއީ މަހެއްގެ މައްޗަށް ދިހަ ވަރަކަށް ހާސް ރުފިޔާއިން މައްޗެވެ. ރެންޑަމްކޮށް ބަލާލާއިރު ސައިކަލް ފޮހެ ދޭން ނުކުމެ އުޅޭ މީހުންގެ ދުވާލެއްގެ އާމްދަނީ 500 ރުފިޔާއަށް މައްޗަށް އަރަ އެވެ. މާލޭގައި ސައިކަލް ފޮހެ ދޭން ނުކުމެ އުޅޭ ބަންގަލަދޭޝްގެ މީހުން، ދިވެހިން ފަހަތުން ދުވެ އާދޭސް ކޮށްގެން އެ ނަމްބަރު އެއަށްވުރެ މައްޗަށް ވެސް ގެންދެ އެވެ.

"މިހާރު މި އުޅެނީ މި މަސައްކަތުން ލިބޭ ފައިސާއިން... ހޮޓަލަކަށް ކާން ދާން ނޫނިއްޔާ އަހަރެން ހުންނަނީ މިތާ ސައިކަލް ފޮހެން. މި ނޫން މަސައްކަތެއް ކުރަން އެހެން ވަޒީފާއަކަށް ދާން ބޭނުން ވިޔަސް އަހަންނަށް އޮތް ހުރަހަކީ އަހަރެންގެ ކުށުގެ ރެކޯޑް. އެ އޮތީ [ވަރަށް] ހަޑިކޮށް! އެކަމަކު މިއީވެސް ހަޑި ދެރަ މަސައްކަތެއް ނޫން، ހަމަ ރަނގަޅަށް އާމްދަނީ ލިބޭ،" އޭނާ ބުންޏެވެ.

މި ނޫން މަސައްކަތެއް ކުރަން އެހެން ވަޒީފާއަކަށް ދާން ބޭނުން ވިޔަސް އަހަންނަށް އޮތް ހުރަހަކީ އަހަރެންގެ ކުށުގެ ރެކޯޑް،
އަހުމަދު ސަމާހް

ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުން ބޮޑު ކުށެއް ކުރުމަށް ފަހު ފަސް އަހަރު ނުވަނީސް ސިވިލް ސާވިސްގެ ދާއިމީ ވަޒީފާއަކަށް މަގާމުގެ ޝަރުތު ހަމަވި ނަމަވެސް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި ގިނަ އަމިއްލަ ކުންފުނި ތަކުގެ އެޗްއާރް ޕޮލިސީތަކަކީ ސިވިލް ސާވިސްގެ ޕޮލިސީގެ މައްޗަށް ބިނާ ކޮށްފައިވާ ޕޮލިސީތަކެވެ.

ކުށުގެ ރިކޯޑާއި ސިވިލް ސާވިސް ގަވާއިދު
ސިވިލް ސާވިސްގެ ދާއިމީ ވަޒީފާއަށް އައްޔަން ކުރެވޭނީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް ހެދުން އަދި ހިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ތެރޭގައި، ޝަރީއަތަށް ސާބިތުވެފައި، އެ ހުކުމުގެ އެއްވެސް މިންވަރެއް ތަންފީޒު ނުވެ އޮތް މީހަކު ކަމުގައި ނުވުމާއި، އަދި މީގެ އިތުރުން ކުށަށް ރިއާޔަތްކޮށް ވަޒީފާ ދިނުމުގައި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ހަމަތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

އެއްމެންނަށް ވެސް އައި ދަތި އުނދަގޫ އަހަރަކަށް ފަހު ދެން މިއޮތީ އާ އަހަަރެކެވެ. މާލޭގެ މަގުމަތިން އަދިވެސް ފެންނަނީ ދަތި އުނދަގޫ މަންޒަރުން އަރައިގަންނަން މީހުން މަސައްކަތް ކުރާ ތަނެވެ. ސަމާހު އެ ބުނާ ވާހަކަ ވެސް އެންމެ ރަނގަޅެވެ. އޭނާ އެ މަސައްކަތް ކުރަނީ އޭނާގެ ފެންވަރުންނެވެ. އެންމެން ވެސް އެ މީހެއްގެ ފެންވަރުގައި ހިނގައި ގަނެވޭތޯ އުޅެނީ އެވެ. އެކަމަކު މީގެ ހަގީގީ މައްސަލައަށް ހައްލު ހޯދައިދޭން ސަރުކާރުގެ ފިނި ކޮޓަރިތަކުގައި މިކަން ކަމާ ހަވާލުވެ ތިބި ބޭފުޅުން އިސްވެ ނުކުންނާނެ ޖެހޭނެ ނޫން ހެއްޔެވެ؟ މިހެން ހުރި މައްސަލަތައް ބަލައި ދިރާސާކޮށް ކުރަންޖެހޭ ކަންކަމާއި ފިޔަވަޅުތައް އަޅަން ޖެހޭނެ ނޫން ހެއްޔެވެ؟

ކުށެއް ވެސް ނެތް، ވަޒީފާއެއް ވެސް ނެތް!

މީހެއްގެ ހިތް ފަޅައިގެން ހިނގައި ދާނެ އެތަށް މަންޒަރެއް މާލޭގެ ކާރުބާރު ބޮޑު މަގުތައްމަތިން ކޮންމެ ދުވަހަކު ފެނެ އެވެ. މީގެ ކުރިން ދުވަހަކު ވެސް ނުދެކޭހާ ނިކަމެތި ހާލުގައި ތިބޭ މީހުނާއި އޯގާތެރި ރަނގަޅު މީހުނާއި "ނުބައިބައި" ވެސް މީހުނެވެ. ބާރު ސްޕީޑުގައި ދުއްވާ ކާރައި ސައިކަލާއި ބާރުބާރަށް ހިނގާ މީހުން އުޅޭއިރު މަގެއް މަތީން ފެންނަ މީހަަކަށް އެއްފަހަރު ބަލައިލެވުނަސް މާ ބޮޑު ހިޔާލެއް ފިިކުރެއް ނޯންނަ ކަހަލަ އެވެ. -- އެންމެން ވެސް ބިޒީ ކަމުންނެވެ.

އަނެކާގެ ހާލު ނުބަލައި އަމިއްލަ ނަފްސައިގެން ދުނިޔެ ހޯދަން ހިނގާއިރު މަަންޒަރެއް އެއްގޮތަކަށް ނުފެނިވެސް ހިނގައިދާނެ އެވެ. ފެނުނަސް ސަހަރޯވެރި ނުވެވި ދާނެ އެވެ. އެމީހާއަށް އެހެން މެދުވެރިވީ ސަބަބަކާއި މެދު ވިސްނައި ނުލެވިދާނެ އެވެ. މިއީ އެކަކު އަނެކަކު ދެކެ ފަރިތަ މީހުން އުޅޭ މި މާލޭގެ ހަގީގަތެވެ.

މި ރަށުގެ އޯކިޑް މަގުގައި ބާޒަރު މައްޗަށް ދާ މީހުނާ މުދާ ލޯރިތަކާއި އޮފީސް ނިންމާ އެއްކޮޅުން އަނެއް ކޮޅަށް ދުއްވާ، ހިނގާ މީހުނަށް އާއްމުކޮށް ފެންނަ ޒުވާނަކު އެބައުޅެ އެވެ. އޭނާގެ ކުށެއް ނެތެވެ. އޭނާގެ "ކުށަކީ" ގައިގެ ހަމެވެ. އޭގެ ސަބަބުން މަސައްކަތަށް ނުކުންނާނެ ފުރުސަތު ނުލިބި ނިކަމެތި ހާލެއްގައި ހިނގާން ޖެހިފައި ވަނީ އެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ދިމާލުގައި އާއްމުކޮށް ފެންނަ މި ޒުވާނާއާ އެ މަގުން ދާ ކޮންމެ މީހަކާއި ވެސް ބައްދަލު ވާނެ އެވެ. ކުރި ކަނޑާލާއިރު ގިނަ މީހުން ނުފެންނަ ކަމަށް ހަދާފައި ހިނގައި ދެއެވެ.

ސަލާން ޖަހަން ހުންނަ މި ޒުވާނާ ގައިގެ ހަަންގަނޑު ހުންނަނީ ވަރަށް ބޮޑަށް ހިކި ކުރަކިވެ ފޮޅިފަ އެވެ. ބަލާބެލުމަށް ހީވަނީ އެއީ "ސޮރައިސިސް" ކަހަލަ ހަމުގެ ބައްޔެއް ހެންނެވެ. މި ބައްޔަކީ ހަމުގެ ބައްޔެއް ކަމުގައިވިޔަސް މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެމަގުން ހުރަސް ކަނޑާ މީހުންގެ ތެރެއިން "ހިތެއް އޮންނަ މީހުން" ސަހަރޯވެރި ވެގެން، ބައެއް ފަހަރަށް އޭނާގެ މުށުތެރެއަށް ވިހި ނުވަތަ ދިހަ ރުފިޔާ ލައި ދެއެވެ.

"ކުރިން އަހަރެން ދިޔައީ ބޮޑު ކަންނެލި ބާނަން. ގައިގައި ހަންގަނޑު ކުޑަކޮށް ރަނގަޅު އޭރު. އެ ދުވަސްކޮޅު ފަހުން އަނެއްކާ ސަކަރާތްވީ. މިހާރު އެއްވެސް ވަޒީފާއަކަށް ނުދަން. ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭތީ މިތާ އެކަނި މިހެން އިންނަނީ ވަޒީފާއެއް ނުލިބޭ، އަހަރެންގެ މި ބައްޔާއި ހެދި،" އައްޑޫ އަތޮޅަށް އުފަން މި ޒުވާނާ އެތާ މިގޮތަށް އިންނަ ސަބަބު ބުންޏެވެ.

ކުރިން ދިޔައީ ބޮޑު ކަންނެއްޔަށް އޭރު ގައިގައި ހަންގަނޑު ރަނގަޅު. ފަހުން ސަކަރާތްވީ. މިހާރު ވަޒީފާއަކަށް ނުދަން. މިތާ އެކަނި މިހެން އިންނަނީ ވަޒީފާއެއް ނުލިބޭ، އަހަރެންގެ މި ބައްޔާއި ހެދި،
ބާޒާރުމަތީގައި އިންނަ ޒުވާނާ

މި ޒުވާނާގެ ކަންކަން އޮތް ގޮތް ވެސް އެނގޭނީ "ކަމާބެހޭ ފަރާތަކުން" ބެލީމާތާ އެވެ. މަގުން ހިނގާ މީހުންގެ ހިތަށް ކެތް ނުވެގެން އިންސާނިއްޔަތަށް ޓަކަައި ބައެއް ފަހަރު އެއްޗެއް ދިއްކޮށްލުމުން ފުއްދާލައިގެ މިހެން މީހުން ތިބޭ ތިބުމަށް ރާއްޖޭގެ ޒުވާނުންގެ ވަރަށް ގިނަ ބަޔަކު ބަރޯސާވެފައި އެބަތިއްބެވެ. ފިނިކުރި ކޮޓަރިތަކުގައި ތިއްބަވާ "ކަމާބެހޭ ފަރާތާ" އި ރާއްޖޭގެ މުޖުތަމައާ ހެދި އެވެ. އެކި އެކި ބަލިތަކާއި ގުޅޭ ގޮތުން މީހުންގެ ތެރޭގައި އޮންނަ އެކި އެކި ކުށްހީ، "ސްޓިގްމާ" ގެ ސަަބަބުން މީހުންނަށް ވަޒީފާ ހޯދަން ވެސް ވަޒީފާއެއް އަދާ ކުރަން ވެސް ދަތިވެ އެވެ. އެފަދަ މީހުންގެ ޒަރޫރީ ކަންކަން ކުރަން އެހިސާބުން ބުރޫއަރައި މަގުމަތި ވަނީ އެވެ.

މިއިން ކޮންމެ މީހަކީވެސް ކޮންމެވެސް ރަނގަޅު މަސައްކަތެއް ކުރެވޭނެ މީހަކަށް ހަދަން މަގެއް ކޮށައި ދެވިދާނެ އެވެ. އެކަމަކު މީހަކު ހާލުގައި ޖެހިގެން އުޅޭއިރު އެ ހާލަތު ބަދަލު ކުރަން މަސައްކަތް ކުރަނީ މަދު ބަޔެކެވެ. އޭނާ ވެސް އެހެން އުޅޭނެ އެވެ. އޭނާއަށް ވެގެން އުޅޭ ގޮތެއް ބަލާނެ ބަޔަކު މައްޗެއް ނުވާނެ އެވެ. ސަރުކާރުގެ ފިނިކޮޓަރިތަކަށް މަގުމަތީގައި ކަމެއްވާހެން ހީވެސް ނުވާނެ އެވެ.

ވަޒީފާއެއް ނެތި މަގުމަތީ އުޅޭ މީހުން ގިނަ ނަމަ އޭގެ ނޭދެވޭ އަސަރު އޮތީ މުޅި ރާއްޖެ އަށެވެ. ސިޔާސަތުތައް ބައްޓަން ކުރާ މީހުން "ފިނި ކުރި ކޮޓަރި" ން ނުކުމެ މި ގައުމަށް ވެގެން އުޅޭ ގޮތް ބަލާށެވެ. މީހުން ވަޒީފާ އަދާ ނުކޮށް މަގުމަތީގައި އެ ޖަހަނީ ސަލާމެއްތޯ ބަލާށެވެ. އެ މީހުުން ގަސްދުގައި ފޭރި ލޫޓުމާރު ކުރަނީ ހެއްޔެވެ؟ އެއްޗެއް ބޮއިގެން މަސްތުވެފައި ތިބެނީ ހެއްޔެވެ؟ މި މަންޒަރާއި ކަން ބަދަލުކުރަން ސަރުކާރުން އުޅެ ބަލާށެވެ. ފިނި ކޮޓަރީގައި ތިއްބަވައިގެން ދެއިރު ދެދަޅައަށް ސާވޭ ހަދައި ކަރުދާސް ލިޔެ ވޯކްޝޮޕް ބޭއްވިއަކަސް މައްސަލަ ހައްލެއް ނުވާނެ އެވެ.

އެއް ކަމެއް ޔަގީނެވެ؛ ވަޒީފާ ނެތް މީހުން ގިނަ ވަންޏާ ކުށްކުރުން ގިނަވާނެ އެވެ. ކުށުގެ ވެށި ބަދަލުވެ ކުށް ތަކުރާރު ކުރާނެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޑިސެމްބަރު 2020 ގެ ހިސާބުން ދައްކާ ގޮތުގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މައްސަލަތަކަކީ ވައްކަަމުގެ މައްސަލަ އެވެ. މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެވެ.

ގޭބިސީގެ އާމްދަނީ އާއި ހަރަދު ހުރި ގޮތުގެ ސާވޭ، 2019 ބުނާ ގޮތުން ރާއާޖޭގެ ޒުވާން ފިރިހެނުން އާބާދީގެ ތެރޭގައި ތައުލީމާއި ތަމްރީނެއް އަދި އެއްވެސް ވަޒީފާއެއް އަދާ ނުކުރާ 15 ޕަސެންޓް މީހުން އުޅެ އެވެ. އަދި ޒުވާން އަންހެނުން އާބާދީގެ ތެރެއިން މި ނަމްބަރުތައް މާ ބޮޑެވެ. އެ މީހުންގެ 41 ޕަސެންޓް މީހުުންނަކީ މި ކެޓަގަރީގެ މީހުނެވެ.

މިދިއަ 2020 ގެ އާބާދީ އަންދާޒާ ދައްކާ ގޮތުން އުމުރުން 18 އަހަރާއި 35 އަހަރުގެ 240،584 މީހުން ރާއްޖޭގައި ތިބޭނެ އެވެ. އެހެން ކަމުން އެ ޒުވާނުން "ވީ ހާލެއްގައި ވާން" ދޫކޮށް ނުލައި ގޮތެއް ހޯދައިދިނުން މުހިންމުވެ އެވެ. މި ގައުމުގެ މުސްތަގުބަލު މިހެން މަގުމަތީ އުޅޭތަން ބަލަން ތިބެވޭކަށް ނެތެވެ. ފިނިން ނުކުމެއް ސަރުކާރު ވިސްނުން ބަދަލުވާން ޖެހެ އެވެ.