މޯލްޑިވްސް ޕޮލިސް ސާވިސް

ކްރައިމް ބީޓް: ކުޑަކުދިންގެ ގިނައީ ޑުރަގް މައްސަލަ

އާންމު ކުށުގެ ވެށީގައި ކުޑަކުދިން އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ފުލުސް ހިދުމަތުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ފުލުހުން ވަނީ ފާއިތުވެ ދިޔަ ތިން އަހަރު މާލެ އާއި އަތޮޅުތަކުގެ ތެރެއަށް ބަލައި ކުޑަކުދިން އެންމެ ގިނައިން ހިމެނޭ މައްސަލަތަކުގެ ތަފާސްހިސާބުތަކެއް އެއްކޮށް ފެކްޓް ޝީޓެއް އާންމު ކޮށްފަ އެވެ. އެ ފެކްޓް ޝީޓްގެ ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭ މާލެ އާއި އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ކުށުގެ ވެށީގައި ކުޑަކުދިން ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.

އެގޮތުން 2019 ވަނަ އަހަރު މާލެއިން ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ 69 މައްސަލައަކާއި އަތޮޅުތަކުގެ ތެރެއިން 49 މައްސަލައެއް ފާހަގަ ކޮށްފައި ވެއެވެ. އަދި 2020 ވަނަ އަހަރު މާލެއިން ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ 37 މައަސަލައަކާއި އެހެން ރަށްރަށުން 36 މައްސަލައެއް ހިމެނެ އެވެ.

މި ހިސާބުތަކުން 2019 ވަނަ އަހާރާއި 2020 ވަނަ އަހަރު ވަރުން އަޅުވާއިރު މާލެއާއި އަތޮޅުތަކުގައި ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް 2020 ގައި މަދެވެ.

އަތޮޅުތަކުގެ ތެރެއިން ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ އެންމެ ގިނަ މައްސަލަތައް ރިޕޯޓް ކޮށްފައި ވަނީ މާލެ އަތޮޅުން ނެވެ. އެގޮތުން 2019 ވަނަ އަހަރު ނުވަ މައްސަލެއް ހިމެނެ އެވެ. މިދިއަ އަހަރު ހަ މައްސަލަ އެކެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިން ހިމެނޭ ކުށްތަކުގެ ތެރޭގައި ދެން އެންމެ ގިނައީ ވައްކަމާއި އަނިޔާ ކުރުމުގެ މައްސަލަތަކެވެ. މާލޭ ސަރަހައްދުން 2019 ވަނަ އަހަރު ވައްކަމުގެ 17 މައްސަލައަކާއި އަނިޔާކުރުމުގެ 16 މައްސަލައެއް ރިޕޯޓް ކޮށްފައި ވެއެވެ. އަދި އަތޮޅުތަކުން ވައްކަމުގެ 31 މައްސަލައަކާއި އަނިޔާ ކުރުމުގެ 40 މައްސަލައެއް ރިޕޯޓް ކޮށްފައި ވެއެވެ.

މިދިޔަ އަހަރު މާލެއިން ވައްކަމުގެ ހަތަރު މައްސަލައަކާއި އަނިޔާ ކުރުމުގެ 14 މައްސަލައެއް ރިޕޯޓް ކޮށްފައި ވެއެވެ. އަތޮޅުތަކުތެރެއިން ވައްކަމުގެ 26 މައްސަލައަކާއި އަނިޔާ ކުރުމުގެ 33 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ފެކްޓް ޝީޓްގެ ހިސާބުތަކުން އެނގެ އެވެ.

މިދިއަ ތިން އަހަރުތެރޭ ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައި ނުވަނީ ތިން އަތޮޅަކުން ނެވެ. އެއީ ބ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅެވެ. އެ ތިން އަހަށް ބަލާއިރު ކުޑަކުދިން ހިމެނޭ ކުށްތައް މަދުވެފައިވާކަން ހިސާބުން އެނގެ އެވެ.