ކުޑަކުދިންގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން އައްޑޫ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މަޝްވަރާކޮށްފި އެވެ
އައްޑޫ ސިޓީ އަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ކުރެއްވި ޒިޔާރަތުގެ ތެރެއިން އިއްޔެ ވަނީ ސައުތު ޕޮލިސް ޑިވިޒަން ކޮމާންޑަރާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ ބައްދަލުކުރައްވާފަ އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ގާނޫނާ ހިލާފުވާ ކުޑަކުދިންނާއި އަނިޔާ ލިބޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުލުހުންނާ މިނިސްޓަރު މަޝްވަރާކުރެއްވި އެވެ.
އަދި ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ދާއިރާތަކެއް ވެސް ބައްދަލުވުމުގައި ކަނޑައަޅާފައި އެވެ. އެގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އަނިޔާ ލިބޭ ކުދިން ދެނެގަނެ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކުރެއްވި އެވެ.
ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންނާއި ފެމިލީ އެންޑް ޗިލްރެން ސާވިސް ސެންޓަރު ހިމެނޭ ގޮތަށް އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމަށް ވެސް މަޝްވަރާކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޒަން ކޮމާންޑާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފްއާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ އިތުުރުން ޖެންޑާ މިނިސްޓްރީގެ ބައެއް ބޭފުޅުންވެސް ބައިވެރިވެފައިވެ އެވެ.