ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ބޭނުންކުރާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ވެކްސިނަކަށް ވާނެ ކަމަށާ އެ ވެކްސިނެއްގެ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރު ކުރާނެ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. އެ ގައުމުގެ ބޮޑެތި ނޫސްތަކުގައި މިއަދު އެންމެ ބޮޑު އެއް ހަބަރަކީ އެއީއެވެ. އިންޑިއާގެ ނޫސްތަކުން ބުނީ ރާއްޖެއަށް ގެންނަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން ކަމަށެވެ. ކޮވިޑް ވެކްސިންގެ ފުރަތަަމަ ޝިޕްމަންޓް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 2:00 ޖަހާއިރު ކަމަށްވެސް ބުނެފައިވެއެވެ.
އެ ހަބަރާއެކު ރާއްޖެ ގެންނަ ވެކްސިންގެ ރައްކާތެރިކަމާމެދު ބައެއް މީހުން ސުވާލު އުފައްދާ އެކި ވާހަކަތައް ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ރާއްޖޭގައި ދޭނެ ކޮވިޑް ވެކްސިނެއް ނިންމާއިރު ބަލާނެ މުހިންމު ބައެއް ކަންކަން މީގެ ކުރިން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެ އެޖެންސީން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ބޭނުންކުރާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ވެކްސިނަކަށް ވާނެ ކަމަށެވެ. އަދި އެ ވެކްސިނެއްގެ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރު ކުރާނެ ކަަމަށް ކަަމަށްވެސް ބުންޏެވެ. އަދި އެ ވެކްސިނަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނާނެ ކަމަށާ ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބަލާނެ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް
- ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ
- އެ ވެކްސިނެއްގެ ރައްކާތެރިކަމުގެ މިންގަނޑުތައް ބަލާ ކަށަވަރު ކުރާނެ
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނާނެ
- ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބެލޭނެ
ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އަދި އެ ފުރުސަތު ހުޅުވާލާފައި އޮތީ ސިއްހީ ހިދުމަތްތެރިންނަށެވެ.
ވެކްސިން ފުރަތަމަ ދޭނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.
ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.
އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ.