މޯލްޑިވްސް ޕޮލިސް ސާވިސް

މިދިޔަ އަހަރު ކުށުގެ މައްސަލަތައް މަދު

ދެހާސް ނަވާރަ ވަނަ އަހަރާއި އަޅާ ބަލާއިރު މިދިއަ އަހަރު ފުލުހުންނަށް ހުށާހަޅާފައިވާ ކުށުގެ މައްސަލަތައް މަދުކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މިދިއަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވަނީ 12787 މައްސަލަ އެވެ. އެއީ މާލެ ސަަރަހައްދުން 8060 މައްސަލަ އަކާއި އަތޮޅުތަކުން 4727 މައްސަލަ އެވެ. އެއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 12.62 ޕަސެންޓުގެ މަދު އަދަދެކެވެ.

އެގޮތުން 2019 ވަނަ އަހަރާއި އަޅާބަލާއިރު، ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކުގެ މައްސަލަތައް ވެސް މަދެވެ.

ނަމަވެސް ބަދުއަހުލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓާ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް 2019 ވަނަ އަހަރާއި އަޅާ ބަލާއިރު މިދިޔަ އަހަރު ގިނަ އެވެ.

މި މައްސަލަ ތަކުގެ ތަފުސީލަށް ބަލާއިރު މިދިޔަ އަހަރު މާރާމާރީގެ 661 މައްސަލައެއް ހުށަހަޅާފައިވާ އިރު 2019 ވަނަ އަހަރު ހުށަހަޅާފައިވަނީ 633 މައްސަލައެވެ. ވައްކަމުގެ 3581 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 4551 މައްސަލަ އެކެވެ. އަދި 2019 ވަނަ އަހަރު މަސްތުވާތަކެތީގެ 2186 މައްސަލައެއް ހުށަހަޅާފައިވާ އިރު މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލާގައި ހުށަހަޅާފައި ވަނީ 1425 މައްސަލަ އެވެ. މީގެ އިތުރުން 2019 އަހަރު މުދަލަށް ގެއްލުން ދިނުމުގެ 467 މައްސަލަ އެއް ހުށަހަޅާފައިވާ އިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 394 މައްސަލައެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ބިރުދައްކައިގެން ފައިސާ ފޭރުމުގެ 13 މައްސަލައެއް 2019 ވަނަ އަހަރު ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 11 މައްސަލައެވެ. އަދި ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ 21 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައި ވަނީ ނުވަ މައްސަލައެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ފޭރުމާއި ގުޅޭ އެހެނިހެން 449 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައިވަނީ 328 މައްސަލަ އެވެ.

ޓްރެފިކް މައްސަލަތަކަށް ބަލައިލާއިރު 2019 ވަނަ އަހަރު ޖުމުލަ 2323 މައްސަލައެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު ހުށަހަޅާފައިވަނީ 1390 މައްސަލައެވެ. އަދި ކަނޑު މަތީގެ އެކްސިޑެންޓްގެ 172 މައްސަލައެއް 2019 ވަނަ އަހަރު ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 86 މައްސަލައެވެ.

މިދިޔަ އަހަރު ފުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް 2019 އަހަރާއި އަޅާ ކިޔާއިރު ޖުމުލަ ގޮތެއްގައި މަދުކަމުގައި ވިޔަސް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ބަދުއަހުލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓާ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް ހުށަހަޅާފައިވާ އަދަދު ގިނަ އެވެ.

އެގޮތުން ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު 490 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި 2019 ވަނަ އަހަރު ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 72 މައްސަލައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ ައަހަރ ފުލުހުންނަށް ހުށަހަޅާފައިވަނީ 219 މައްސަލައެވެ. ނަމަވެސް މިދިޔަ އަހަރު ހުށަހަޅާފައިވަނީ 245 މައްސަލައެވެ. އަދި ކައުންޓާ ފީޑް ފޯޖަރީގެ 87 މައްސަލައެއް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 108 މައްސަލައެވެ. މީގެއިތުރުން މަކަރާއި ހީލަތުގެ 498 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 609 މައްސަލައެވެ.