ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަންބަރު މައްޗަށް، 145 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 145 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެވެސް 109 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ކުރީ ދުވަހު 108 މީހުން ޕޮޒިޓިވްވިއެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 15,247 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 93 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 52 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

މިއަދު ހެދީ 3،338 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،273 މީހުންނެވެ. މިހާތަނަށް 13،916 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 93 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

ކޮވިޑްގައި 51 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ އާދިއްތަ ދުވަހު އެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. އިއްޔެއަކީ ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ނަންބަރަކީ 108 އެކެވެ. މިއީ ކޮވިޑްގެ ހާލަތު ގޯސްވާން ދާ ކަމުގެ ނިޝާނެކެވެ. ޖަނަވަރީން މި ހޭދަވި 24 ދުވަހު އެކަނިވެސް 1،200 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.