ކެފޭ ރެސްޓޯރެންޓް

ރޭގަނޑު 11:30 ގައި ކެފޭތައް ބަންދު ކުރަން އަންގައިފި

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް އިކޮނޮމިކް މިނިސްޓްރީން އަނެއްކާވެސް ބަދަލު ގެނެސްފި އެވެ.

އެ މިނިސްޓްރީން ދެންމެ ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަަށެވެ. ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ބަންދު ކުރަން ޖެހޭ ވަގުތަށް އަނެއްކާވެސް ބަދަލު ގެނެސްފައި މިވަނީ ރޭގަނޑު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް މި މަހުގެ 24 ވަނަ ދުވަހު ނިންމުމަށް ފަހުއެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވެސް ވަނީ އަންގާފައެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލު ގެނެސްފައިވާއިރު ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ރޭ ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.