ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

މަނާ ގަޑީ ބޭރުގައި އުޅޭ ނަމަ ވަގުތުން ޖޫރިމަނާ

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލެ ސިޓީގައި އަލުން ކާފިއު ހިންގަން ފަށާފައިވާއިރު ކާފިއުއާ ހިލާފުވާ މީހުން ވަގުތުން ޖޫރިމަނާ ކުރާނެ ކަމަަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ފުލުހުން މިރޭ ބުނީ ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ކާފިއު ގަޑީގައި ބޭރަށް ނިކުމެ ނޫޅެވޭނެ ކަމަށާ ކާފިއު އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. ކާފިއު އުސޫލާ ހިލާފުވާ މީހުންނަށް އިންޒާރާއި ނަސޭހަތް ނުދީ ވަގުތުން ޖޫރިމަނާ ކުރާނެ ކަމަަށްވެސް ބުންޏެވެ. ނަމަވެސް ޖޫރިމަނާ ކުރާނެ އަދަދެއް ނުބުނެއެވެ.

ކުރިން ކާފިއު ހިންގިއިރުވެސް ކާފިއު އުސޫލާ ހިލާފުވާ މީހުން ޖޫރިމަނާ ކުރިއެވެ. އެ ފަހަރު ޖޫރިމަނާ ކުރީ 1،000 ރުފިޔާއިންނެވެ. އޭރުވެސް އެތަށް ސަތޭކަ ބަޔަކު ޖޫރިމަނާ ކުރިއެވެ.

މާލެ ސިޓީގައި އަލުން ކާފިއު ހިންގަން ފަށާފައި މިވަނީ މި ފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ އެވެ. މި މަހު އެކަނިވެސް 1،600 ވުރެ ގިނަ މީހުން ބަލި ޖެހިފައިވެއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.