ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: 106 މީހުން ޕޮޒިޓިވްވި ދުވަހެއް

ރާއްޖެއިން އިތުރު 106 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މި ފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހަކީ އަންގާރަ ދުވަހު އެވެ. އެ ދުވަހު 145 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ. އިއްޔެ 143 މީހުން ޕޮޒިޓިވްވިއެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 15,496 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 93 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 13 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.

މިއަދު ހެދީ 3،292 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،410 މީހުންނެވެ. މިހާތަނަށް 14،028 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 116 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މަދު ދުވަހެއްގައި ނޫނީ ފަންސާހުން ދަށެއް ނުވެއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން މަަރުވެއްޖެ އެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އެޗްޕީއޭއިން ރޭ ވަނީ ފިޔަވަަޅުތައް ވަރުގަދަ ކޮށްފައެވެ. ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ. ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ.