ވިޔަފާރި

ކާރު މާކެޓް ރޭހުގައި ޓޮޔޯޓާއިން ކުރި އަރައިފި

ޓޯކިޔޯ (ބީބީސީ) - ވޮލްސްވޭގަން ފަހަތަށް ޖައްސާލުމަށްފަހު ޓޮޔޯޓާއިން ދުނިޔޭގެ ކާރު މާކެޓުގެ ކުރި ހޯދައިފިއެވެ.

މި އަހަރުގެ ފުރަތަމ ނުވަ މަހުގެ ހިސާބުތައް އާންމު ކުރި އިރު، ޖަޕާނުގެ ޓޮޔޯޓާއަށް ލިބިފައިވަނީ 7.5 މިލިއަން ޑޮލަރެވެ. ވޮލްސްވޭގަންއަށް 7.43 މިލިއަން ޑޮލަރު ލިބުނު އިރު، ޖެނެރަލް މޮޓޯރސްއަށް ލިބިފައި ވަނީ 7.2 މިލިއަން ޑޮލަރެވެ.

ވޮލްސްވޭގަންއިން އިންޖީނުތަކުން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މިނާ ޓެސްޓުގައި މަކަރު ހަދާފައިވާކަން ފަޅާއަރައި މިއަހަރު އެކުންފުންޏަށް ގިނަ ގުނަ މައްސަލަތަކެއް ކުރިމަތިވިއެވެ. މިކަން ސާބިތުވެފައި ވީ ނަމަވެސް އެކުންފުނީގެ ވިޔަފާރިއަށް އަދި މާބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށް އެކުންފުނިން ބުނެއެވެ. އެހެން ނަމަވެސް މި މައްސަލަގަނޑު ހިލި އެކުންފުނީގެ އޮޅުވާލުންތައް ސާބިތުވީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް ވާތީ، މި އަހަރުގެ ބާކީ މުއްދަތުގައި މިކަމުގެ އަސަރު ކުންފުނީގެ އާމްދަނީއަށް ކުރާނެ ކަމަށް ބެލެވެއެވެ.

ކާރު ކުންފުނިތަކުގެ ރޭހުގައި އަނެއް ދެ ވާދަވެރިންގެ މައްޗަށް ޓޮޔޯޓާ ކުރި ހޯދާފައި ވިޔަސް، މިދިޔަ އަހަރުގެ މި މުއްދަތާ އާޅާ ބަލާއިރު އެ ކުންފުނީގެ ވިޔަފާރި ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ.