ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިއްހީ ކުއްލި ހާލަތު މާޗް 5 އަށް އިތުރުކޮށްފި

Feb 3, 2021
2

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަނެެއްކާ ވެސް އިތުރު ކޮށްފި އެވެ. ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއި ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު ދިގު ދަމައިލުމުން 11 ވަނަ ފަހަރަށް އެ މުއްދަތު އިތުރުވީ އެވެ،

އެގޮތުން އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވެ އެވެ.

ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނުކުރާ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އަދިވެސް އޮތުމުން އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދީފައިވާތީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.

އަދި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.

ސިއްހީ ކުއްލި ހާލަތު އަނެއްކާވެސް އިތުރުކޮށްފައިމިވަނީ، ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި އެވެ.

އަދަދުތައް އިތުރުވާތީ، އެޗްޕީއޭއިން ވަނީ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ގަޑި އިތުރުކޮށް، ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފަ އެވެ.