ދުނިޔެ

ލަންކާއިން 400 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކައިފި

ލަންކާ އާއި އިންޑިއާއާ ދެމެދު މިދިއަ އަހަރު ޖުލައިގައި ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ލަންކާއިން ނެގި 400 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކައި ހަލާސްކޮށްފި ކަމަށް ލަންކާއިން ބުނެފި އެވެ. އެެހެން ކަމުން އިންޑިއާއަށް މިހާތަނަށް ދައްކަންޖެހިފައިވާ ހުރިހާ ދަރަންޏެއް އަދާ ކުރެވުނީ ކަމަށް ވެސް ލަންކާއިން ބުނެ އެވެ.

މިމުއާމަލާތާ ގުޅޭ ގޮތުން މީޑިއާގައި ހުރި ވާހަކަތަކަށް ބަލާއިރު، ލަންކާއިން އަވަސް އަރުވާލައިގެން ދަރަނި ދެއްކީ ރިޒާވް ދަށްވަމުން އަންނާތީ އެވެ. ކަންތައް ހިނގާ ގޮތުން ފަހަރެއްގައި ލަންކާއަށް އެ ދަރަނި ނުދެއްކިދާނެތީ އެވެ. އެހެން ނަމަމެސް، މަޝްވަރާ ކޮށްގެން މުއްދަތު ދަންމާލެވެން އޮތް އެހީތެރި ކަމެއްގައި ލަންކާގެ ސިޔާސީ މަސްރަހު ބައްޓަންވަމުން އަންނަ ގޮތް ވެސް ވަނީ މިކަމުގެ ތެރެ އަށް ވަދެ، ކޮލޮމްބޯ ޕޯޓާ ގުޅުވާފަ އެވެ.

ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިދާކަށް ދުވަހު ނޫސްވެރިންނަށް ވިދާޅުވީ ކޮލޮމްބޯ ޕޯޓް "އީސްޓާން ކޮންޓެއިނާ ޓާމިނަލް" (އީސީޓީ) ވިއްކާ ނުލައްވާނެ ކަމަށެވެ. އަދި ގައުމުން ބޭރު އެއްވެސް ކުންފުންޏަކަށް ވެސް އީސީޓީ ކުއްޔަށް ވެސް ނުދެއްވާނެ ކަމަށެވެ.

އީސީޓީއާ ބެހޭ ގޮތުން މިހާރު އިވެނީ ޕްރޮޖެކްޓް ހިންގަން ކުރިންވި އެއްބަސްވުން ލަންކާއިން އުވާލައި ވާހަކަ އެވެ. މިއެއްބަސްވުމުގެ ބައިވެރިންގެ ތެރޭގައި އިންޑިއާ އަދި ޖަޕާން ހިމެނޭ ކަމަށް ބުނެވެ އެވެ.

ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާ (ސީބީއެސްއެލް) އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދަރަނި އަދާކުރީ މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށާއި ދަރަނި އަވަސްކުރަން ވެސް ޕްރެޝަނެއް ނެތް ކަމަށެވެ.