ދުނިޔެ

ކޮލޮމްބޯ ޕޯޓް އީސްޓާން ކޮންޓެއިނާ ޓާމިނަލް ވިއްކައެއްނުލާނެ: ބޮޑުވަޒީރު

ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ނޫސްވެރިންނަށް ވިދާޅުވި ގޮތުން ކޮލޮމްބޯ ޕޯޓް "އީސްޓާން ކޮންޓެއިނާ ޓާމިނަލް" (އީސީޓީ) ވިއްކައެއް ނުލައްވާނެ އެވެ. ވިދާޅުވީ ބޭރު ގައުމަކަށް އަދި ގައުމުން ބޭރު އެއްވެސް ކުންފުންޏަކަށް ވެސް އީސީޓީ ކުއްޔަށް ވެސް ނުދެއްވާނެ ކަމަށެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ. ރަށުތެރޭގައި އިދިކޮޅު ޕާޓީތަކުން ދައްކާ ވަހަކަތަކަށް އިޝާރާތްކޮށް ނޫސްވެރިޔާ ބުނީ، އިސީޓީ އޮޕޮަރޭޓްކޮށް ބަލަހައްޓަން ސަރުކާރުން މަސައްކަތްކުރަނީ ޖަޕާނާއި އިންޑިއާއާ ހަވާލުކޮށްގެން ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އެގޮތުން އިސްކޮށް އުޅޭނީ އެގައުމުތަކުގެ ކުންފުނިތަައް ކަމަށެވެ.

"މިކަމުގައި ނޯންނާނެ ބަދުނާމުކުރެވޭނެ ފުރުސަތެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ. "އަޅުގަނޑުމެއް އީސީޓީ ދޫކޮށެއްނުލާން. އެތަން އޮންނާނީ އަޅުގަނޑުމެންގެ ފުރިހަމަ ބާރުދަށުގައި. އަޅުގަނޑަށް ހީވަނީ ޓްރޭޑް ޔޫނިއަންއަށް ވެސް މިކަން އެނގިލަންވާނެހެން"

ބޮޑުވަޒީރު ވިދާޅުވީ ސަރުކާރުން އަދި މިއީ މަޝްވަރާއަށްް ހުޅުވާލި މައުލޫއެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނމެން ޓްރޭޑް ޔޫނިއަންއަށް ދަންނަވަން އޮތީ އީސްޓާން ކޮންޓެއިނާ ޓާމިނަލާ ބެހޭ ގޮތުން ސަރުކާރުން ބަޔަކާ އަދި މަޝްވަރާ ވެސް ނުކުރަމޭ" ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތަކުރާރުކޮށް ދަންނަވަން އޮތް ވާހަކަ އަކީ ވެސް އީސީޓީ ކުއްޔަށް ދިނުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމެވެ.

ކޮލޮމްބޯ ޕޯޓް އީސްޓާން ކޮންޓެއިނާ ޓާމިނަލްއާ ބެހޭ ގޮތުން ކުރިން ވާހަކެވުނީ ޖަޕާނުން ލޯނުނަގައިގެން ތަރައްގީކުރާ ގޮތަށެވެ. އަދި "ޓާމިނަލް އޮޕަރޭޝަންސް ކޮމްޕެނީ" (ޓީއޯސީ) ނަމުގައި ވަކި ކުންފުންޏެއް ހަދައި ލަންކާ އަށް 51 ޕަސެންޓް ބާކީ 49 ޕަސެންޓް ބަޔަަށް، އިންޑިއާ އަދި ޖަޕާނަށް ދޫކޮށްލާ ގޮތަށެވެ.

ބޮޑުވަޒީރުގެ ވާހަކަތައް ހުރި ގޮތުން ބެލެވެނީ އިސީޓީގެ މިސްރާހު އެހެން ދިމާއަކަށް ގެންދަވަން ޝައުގުވެރިވެ ވަޑައިގަންނަވާ ކަމެވެ.