ޖަޕާނުން 20 އަހަރު ފަހުން އާ ފައިސާގެ ނޫޓުތަކެއް ތައާރަފުކޮށްފި އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފޫނިއޯ ކިޝީޑާ ވިދާޅުވީ 10000، 5،000 އަދި 1000ގެ ނޯޓުތައް އަލުން އޭގެ ޑިޒައިނަށް ބަދަލު ގެނެސްގެން ނެރެފައިވަނީ ޖަޕަނީސް ކެޕިޓަލިޒަމް، އަންހެނުންގެ ހައްގުތައް އަދި ސައިންޓިފިކް އާ އީޖާދީ އުދެއްދުންތަކަށް ހިތްވަރު ދިނުމަށް ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަން އާ ފައިސާގެ ނޫޓުތަކާއި މެދު އެންމެންވެސް ހިތްހަމަޖެހޭނެ ކަމަށް. އަދި މި ނެރޭ ނޫޓުތަކުގެ ސަބަބުން ޖަޕާނުގެ އިގްތިސާދުގެ ހަކަތަ އިތުރުކޮށްދޭނެ ކަމަށްވެސް އަޅުގަނޑު ގަބޫލުކުރަން،" ބޭންކް އޮފް ޖަޕާންގައި އޮތް ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިޝީޑާ ވިދާޅުވި އެވެ.
އާ ނޫޓުތަކުގައި ހިމަނާފައިވަނީ ޖަޕާނުގެ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ގެނެސްދިން ޝަޚްސިއްޔަތުތަކެކެވެ. އެމީހުންގެ ހިތްވަރުން ގެނައި ބަދަލުތައް ދައްކައިދޭ ގޮތަށް ފަރުމާކޮށް ނެރުނު ފުރަތަމަ ނޫޓުތަކަށް މި ނޫޓުތައް ވާނޭ ކަމަށް ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ޖަޕަނީސް ޔެންގެ 10،000ގެ ނޫޓުން ރަމްޒުކޮށްދެނީ އެއީޗީ ސިބުސާވާގެ ސޫރަ އެކެވެ. އޭނާ އަކީ ޖަޕާނުގެ އިގްތިސާދު ޒަމާނީ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މެއީޖީ އެރާގައި ފާހަގަކުރެވުނު ބޮޑު ބަދަލުތަކެއް އެގައުމުގެ އިގްތިސާދަށް ގެނެސްދިނުމުގައި އޭރުގެ ސަރުކާރުގެ އިސްވެރިންގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ޝަހްސިއްޔަތަކީ އިޑަސްޓްރިއަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސިބުސާވާ އެވެ.
ޖަޕަނީސް ޔެންގެ 5،000ގެ ނޫޓުން ދައްކުވައިދެނީ އަންހެނުންގެ ތައުލީމަށް ވަކާލާތުކޮށް އަމަލީ މައިދާނުގައި ހަރަކާތްތެރިވި ބޭފުޅެއް ކަމުގައިވާ އޮމެކޯ ޓްސުޑާ އެވެ. އޭނާގެ ބުރަ މަސައްކަތުން ޓޯކިއޯގެ ޔުނިވާސިޓީތަކުގައި އަންހެނުންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިވެގެން ގޮސްފައި ވެއެވެ.
އެއްހާހުގެ ނޫޓުގައި ހިމެނެނީ ބެކްޓީރިއޮލޮޖިސަޓެއް ކަމުގައިވާ ޝިބަސަބޫރޯ ކިސަތާރޯގެ ހޮލޮގްރާމް އެކެވެ. އޭނާއަކީ ޓިޓޭނަސް އަދި ޑިފްތީރިއާ އިން ސަލާމަތް ވެވޭނެ އުކުޅުތަކެއް ތައާރަފުކޮށްދިން ބޭފުޅެކެވެ.
އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް 7.5 ބިލިއަން ބޭންކް ނޫޓު ކަރުދާސް މުޅިން އަލަށް ޕްރިންޓް ކޮށްގެން ނެރެވޭނެ ކަމަށް ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޖަޕާނު ސަރުކާރުން ބުނެ އެވެ.