ދުނިޔެ

އެމެރިކާއަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

Nov 19, 2022

ދެކުނު ކޮރެއާ އާއި ޖަޕާނާ އެކު އޮތް ދިފާއީ ގުޅުން އެމެރިކާއިން ވަރުގަދަކޮށްފައިވާ ކަމަށް ތުހުމަތުކޮށް އުތުރު ކޮރެއާއިން އެމެރިކާއަށް އިންޒާރު ދީފި އެވެ.

އުތުރު ކޮރެއާގެ ދާހިލީ ވަޒީރު ޗޯ ސަން އެމެރިކާ އަށް އިންޒާރު ދެއްވުމުގެ ގޮތުން ވިދާޅުވީ އުތުރު ކޮރެއާގައި އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ ދުރު ރާސްތާ މިސައިލް އެބަހުރި ކަމަށެވެ. އެމެރިކާ އިން ކޮރެއާ ސަރަހަައްދުގައި ގެންގުޅޭ އަސްކަރީ ސިޔާސަތު ބަދަލުނުކުރާނަމަ ހަމަލާ ދޭން ޖެހިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާ އަށް އިންޒާރު ދިނުމުގެ ގޮތުން އުތުރު ކޮރެއާ އިން ވަނީ އެ ގައުމުގެ ކަންގްވޮން ޕްރޮވިންސުގެ ވޮންސަން އިން މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ވެސް ފޮނުވާލާފަ އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ -- ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި އުތުރު ކޮރެއާގެ ދާހިލީ ވަޒީރު ޗޯ ސަން ހުއެއި ވިދާޅުވީ އެމެރިކާގެ ސިޔާސަތަށް ބަދަލެއް ނުގެނެސްފިނަމަ އެ ގައުމު ފަހުން ހިތާމަ ކުރާނެ ކަމަށެވެ. ކޮރެއަން ޕެނިންސިއުލާގައި އެމެރިކާ އިން ދިފާއީ ގުޅުން ވަރުގަދަ ކުރާ ވަރަކަށް އުތުރު ކޮރެއާ އިން އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށްވެސް ޗޯ ވިދާޅުވި އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އޮތް އާސިއާން ސަމިޓުގައި އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުން މަޝްވަރާތަކެއް ކުރި ކަން ފާހަގަކުރައްވާ، މިހާރު އެ ތިން ގައުމުން ކުރިއަށް ގެންދާ ޖޮއިންޓް-މިލިޓަރީ ތަމްރީނު ތަކުން އުތުރު ކޮރެއާ ހުއްޓުވަން ކުރާ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަން އެނގޭ ކަމަށްވެސް ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން މިހާރު ކުރަމުންދާ މިސައިލު ޓެސްޓު ތަކުގެ ރައްދުގައި އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ހިންގަމުންދާ އަސްކަރީ ތަމްރީނުތައް އިތުރުކުރުމުގެ ސަބަބުން ކޮރެއަން ޕެނިންސިއުލާގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އާންމުން ކަންބޮޑުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދެކުނު ކޮރެއާގެ ޑިފެނެސް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ދެ ގައުމުގެ އަސްކަރީ ސިޔާސަތު ހުރީ ދިފާއީ ވިސްނުމަކަށް ބިނާކޮށްފައިވާ ކަން ދައްކުވައިދޭން އެމެރިކާއާއި ގުޅިގެން އެ ގައުމުން މިސައިލް ޑިފެންސް ޑްރިލްއެއް ކުރިއަށް ގެންދާ ކަމަށެވެ.

ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެ ގައުމުގެ ރަށެއް ކަމަށްވާ އޮޝިމާ އޮޝިމާއާ މާދުރު ނޫން ސަރަހައްދަކަށް އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލްގެ ބައިތަކެއް ވަނީ ވެއްޓިފަ އެވެ. އަދި އުތުރު ކޮރެއާގެ އެފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ހަނދާންކޮށްދެއްވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވެފައިވެ އެވެ.