ނިއުކްލިއަ

އެމެރިކާގެ ދެވަނަ ސަބްމެރީނެއް ކޮރެއާ ސަރަހައްދަށް

ކޮރެއާ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް އެމެރިކާ އިން ދެވަނަ ސަބްމެރީނެއް ދެކުނު ކޮރެއާ އަށް ފޮނުވައިފި އެވެ.

އެމެރިކާ އިން މިކަން މިކުރީ އުތުރު ކޮރެއާ އިން ދެކޮޅު ހަދަމުންދަނިކޮށެވެ. އެމެރިކާ އިން މިފަދަ ފިޔަވަޅެއް އެޅީ އުތުރު ކޮރެއާ އިން އެތައް މިސައިލެއް ކޮރެއާ ސަރަހައްދުގައި ޓެސްޓް ކޮށްފައި ވަނިކޮށެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި އެއްމަސް ތެރޭގައި އެމެރިކާ އިން ކޮރެއާ ސަރަހައްދަށް ފޮނުވާފައިވާ ދެވަނަ ސަބްމެރީން އަކީ ނިއްކްލިއަ ގާބިލްކަން ހުރި މިފަދަ ދެވަނަ އުޅަނދެވެ.

އެމެރިކާ އިން ނިއުކްލިއަ މި އުޅަނދު ފޮނުވީ އުތުރު ކޮރެއާ އިން ދެކުނު ކޮރެއާ އަށް ނިއުކުލިއަ ހަމަލާއެއްގެ ބިރުދައްކަމުންދާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ދެކުނު ކޮރެއާ އާއި އަދި އެގައުމާއި ގުޅިފައިވާ ބާރުތަކުގައި ހުރިކަން ދެއްކުމުގެ ގޮތުންނެވެ.

އެމެރިކާގެ ޔޫއެސްއެސް އެނާ ޕޮލިސްގެ އުޅަނދު ޖީޖޫ އައިލެންޑަށް ބަނދަރުކޮށްފައި މިވަނީ މީގެ ހަފްތާ އެއްހާ ދުވަސް ކުރިން ޔޫއެސްއެސް ކެންޓަކީ އިން ދެކުނު ކޮރެއާގެ މައި ބަނދަރުގައި ބަނދަރުކޮށްފައި ވަނިކޮށެވެ.

ކެންޓަކީ އަކީ 1980ގެ ފަހުން ނިއްކްލިއަ ގާބިލްކަން ހުރި ސަބްމެރީނެއް ދެކުނު ކޮރެއާ އަށް އެމެރިކާ އިން ފޮނުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ސަބްމެރިންތަކާ ގުޅިގެން އުތުރު ކޮރެއާގެ ޑިފެންސް މިނިސްޓަރު ހަމަލާދީފާނެ ފަދަ ރާގެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ކެންޓަކީ އިން ދެކުނު ކޮރެއާގައި ބަނދަރުކުރުން އެއީ ނިއުކްލިއަ ހަމަލާދޭންޖެހޭ ފަދަ އަމަލެއް ކަމުގަ އެވެ.

އުތުރު ކޮރެެއާ އިން މިފަދަ އިންޒާރުތައް މީގެ ކުރީގައިވެސް ދީފައިވާއިރު، މިފަހަރުގެ މި އިންޒާރުތަކުން ކޮރެއާ ސަރަހައްދުގެ މަސްރަހް ހޫނުވެފައިވާ މިންވަރު ދައްކައިދެ އެވެ.

އެމެރިކާގެ ނިއްކްލިއަ ގާބިލްކަން ހުރި އެނާޕޮލިސްގެ މައިގަނޑު މަސައްކަތަކީ ދުޝްމަނުންގެ އުޅަނދުތަކާއި ސަބްމެރިންތައް ނައްތާލުމެވެ. ދެކުނު ކޮރެއާ އިން ބުނާ ގޮތުގައި މި އުޅަނދު ޖީޖޫ އައިލެންޑަށް ކައިރިކޮށްފައިވަނީ ސަޕްލައި ތަކެއް ނެގުމަށް ނަމަވެސް އަދި އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ބޭފުޅުން މި އުޅަނދު ބޭނުންކޮށް ތަމްރީން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮރެއާ ސަރަހައްދުގެ މަސްރަހް ހޫނުވެފައިވާއިރު އެމެރިކާގެ ސިފައިންގެ މީހެއް ކަމުގައިވާ ޕްރައިވެޓް، ޓްރާވިސް ކިންގް، ދެ ކޮރެއާ ދެމެދުގައިވާ ބޯޑަރު ސަރަހައްދަށް ވަނުމުން އުތުރު ކޮރެއާ އިން އޭނާ ހިފަހައްޓާފައިވާ މައްސަލާގައި އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން މިހާތަނަށް ދައްކާފައެއް ނުވެ އެވެ. އޭނާ އާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް އެމެރިކާ އިން ކެނޑިނޭޅި އެދެމުންދާއިރުވެސް މިހާތަނަށް އުތުރު ކޮރެއާ އިން އެކަމަށް ބީރު ކަންފަތެއް ދީފައިވާތީ އެމެރިކާ އިން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަސްރަހް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އުތުރު ކޮރެއާ އިން އެމެރިކާގެ ސިފައިންގެ މީހާ ދޫނުކޮށް އެތައް ދުވަހެއް ވަންދެން ހިފެހެއްޓުން ގާތެވެ. އެއީ އެ މީހާ ބޭނުންކޮށްގެން އުތުރު ކޮރެއާ އިން ބޭނުންވާ މަގްސަދު ހާސިލްކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އުތުރު ކޮރެއާ އިން މިމައްސަލަ ނިވާފަތްގަނޑަކަށް ހަދައި ވޮޝިންޓަނުން ކޮރެއާ ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރުން އެކަށީގެންވެ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އިން ގުޅިގެން ކޮރެއާ ސަރަހައްދުގައި އަސްކަރީ ގޮތުން ތަމްރީންތައް ބާއްވައި ސްޓްރެޓެޖިކް ހަތިޔާރުތައް އިތުރަށް ގާއިމުކޮށް ވަރުގަދަ ކުރަމުންދާއިރު، އުތުރު ކޮރެއާ އިން 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް 100 އަށް ވުރެ ގިނަ މިސައިލް ޓެސްޓް ވަނީ ކޮށްފަ އެވެ.