ދުނިޔެ

އުތުރު ކޮރެއާ އިން އަންނަ އަހަރުގެ އަސްކަރީ ލަނޑުދަނޑިތައް ކަނޑައަޅައިފި

އުތުރު ކޮރެއާ އިން އަންނަ އަހަރުގެ އަސްކަރީ ލަނޑުދަނޑިތައް ކަނޑައަޅައިފި އެވެ.

ލަނޑުދަނޑިތަކުގައި އެންމެ މުހިއްމު ކަމަކަށް ކުރަން ނިންމާފައިވަނީ އެކި ވައްތަރުގެ އާ ހަތިޔާރުތައް ޓެސްޓް ކުރުމެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބަޔާނެއްގައި ވިދާޅުވީ އުތުރު ކޮރެއާ ހިމެނޭ ކޮރިއަން ޕެނިންސިއުލާގައި ހިމެނޭ ގައުމުތަކުގެ އިމުގެ މައްސަލަތައް ހޫނުވެފައިވާތީ ކުރިއަށް އޮތީ "ގޮންޖެހުން ބޮޑު ހާލަތްތަކެއް" ކަމަށެވެ. އެހެންވެ އާ ހަތިޔާރު ޓެސްޓްކޮށް އަސްކަރީ ގާބިލްކަން އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އުތުރު ކޮރެއާ ސަރުކާރުން ހިންގާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން އާންމު ކުރި ބަޔާނުގައި ކިމް ވިދާޅުވީ ގައުމުގެ ހަތުރުންނާއި ދެކޮޅަށް އަދި ޚާރިޖީ އުސޫލުތަކާއި އެއްގޮތަށް ސަރުކާރުގެ އަމަލުތައް ނުބެހެއްޓިއްޖެނަމަ ގައުމުގެ ސިޔާދަތު ގެއްލި ގައުމީ މަސްލަހަތު ދިފާއު ނުކުރެވޭނެ ކަމަށެވެ.

އުތުރު ކޮރެއާގެ ދިފާއީ ކަންކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެކަމާ ގުޅޭ ތަފްސީލްތަކެެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

އުތުރު ކޮރެއާއިން މި އަހަރު ވެސް ވަނީ މީގެކުރިން ދުވަހަކު ވެސް އެގައުމުން ޓެސްޓް ނުކުރާ ވަރަށް ހަތިޔާރު އެކި ވައްތަރުގެ މިސައިލްތަކާއި ރޮކެޓްތައް ޓެސްޓްކޮށްފަ އެވެ. އުތުުރު ކޮރެއާގެ މި އަމަލުތަކުގެ ސަބަބުން ދެކުނު ކޮރެއާ އާއި ޖަޕާނުން ވަނީ އެ ގައުމުތަކުގެ ދިފާއި ކަންކަން ވަރުގަދަ ކުރަންވެސް ނިންމާފަ އެވެ.