އުތުރު ކޮރެއާއިން ފުލުފުލުން އެކުރާ ރޮކެޓް ޓެސްޓްތަކަކީ އެމެރިކާއަށް ކުރާ މަލާމާތެއް ކަމަށް ގަބޫލުކުރާ ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ.
ޖަޕާނަށާއި ދެކުނު ކޮރެއާއަށް ބިރުހީވާ ގޮތަށް ނިއުކުލިއާ އުފުލުމުގެ ކުޅަދާނަކަން ހުރި ރޮކެޓްތައް ޓެސްޓްކުރުމަކީ އެ ދެ ގައުމަށް ވެސް ކުރާ ޖެއްސުމެއް ކަމަށް ވެސް އެމެރިކާ ބުނެ އެވެ.
ބައްރުތައް ހުރަސްކޮށް އެމެރިކާއަށް ފޯރާވަރުގެ ރޮކެޓްތައް އުތުރުން ޓެސްޓްކުރުމާ ދެކޮޅަށް މުޅި ދުނިޔެ ވާހަކަދައްކާފައި އޮތްއިރު އެކަމުގައި އެއްވެސް ނުތަނަވަސް ކަމެއް ޗައިނާ އާއި ރަޝިއާ ފާޅުކޮށްފައި ނުވާ ކަމަށް ވެސް އެމެރިކާ ބުނެ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގައި އޮންނަ ބިއުރޯ އޮފް އިންޓަނޭޝަނަލް ސެކިޔުރިޓީ އެންޑް ނަންޕްރޮލިފަރޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ އެލިއޮޓް ކަންގް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ ކުރާ ޖެއްސުމާ ހެދި ޗައިނާ އާއި ރަޝިއާ ބަނޑަށް ހޭނެ އެވެ.
އުތުރު ކޮރެއާ އަކީ ޗައިނާ އަށާއި ރަޝިއާއަށް އޮތް ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެލިއޮޓް ކަންގް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއިން ކިތަންމެ ވަރަކަށް ރޮކެޓާއި މިސައިލް ޓެސްޓްކުރި ނަމަވެސް ޗައިނާ އާއި ރަޝިއާ ހޭވެސް އަހާނުލާނެ އެވެ.
އޭނާ ވިދާޅުވީ އެ މީހުން ތިބޭނީ ހޭން ކަމަށާއި އުތުރު ކޮރެއާއިން އެކުރާ މަލާމާތާއި ޖެއްސުމުގައި ޗައިނާ އާއި ރަޝިއާ ވެސް ބައިވެރިވާނެ ކަމަށެވެ.
އެލިއޮޓް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާއިން މިއަހަރު އެކަނި ވެސް 60 ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ފާޅުކަން ބޮޑު ގޮތުގައި އދ. ގެ ސަލާމަތީ މަޖިލީހުން މަނާކޮށްފައި އޮތް ކަމެއް ކަމަށެވެ.
ޗައިނާ އާއި ރަޝިއާ އަކީ ވެސް އދ. ގެ ސަލާމަތީ މަޖިލީޙުގެ ދާއިމީ މެމްބަރުން ކަމަށް ވިދާޅުވެ އެލިއޮޓް ވިދާޅުވީ އުތުރު ކޮރެއާ ކުށްވެރި ކުރުމަށް އދ. އިން ބާއްވާ ބައްދަލުވުން ތަކުގައި ވެސް އެ ދެ ގައުމުން ކުރާ ކަމަކީ އުތުރު ކޮރެއާ ދިފާއުގައި ވާހަކަދެއްކުން ކަމަށެވެ.
ޗައިނާ އާއި ރަޝިއާއަށް އުތުރު ކޮރެއާގެ އަމަލުތައް ގޯސްނުވާހާ ހިނދު އުތުރު ކޮރެއާގެ ލީޑަރުން ތިބޭނީ މޭފުއްޕާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.