ދުނިޔެ

ޗައިނާ އާއި ރަޝިއާ އަސްކަރީ ތަމްރީނުތަކެއް ފަށަނީ

ޗައިނާ އާއި ރަޝިއާ ގުޅިގެން އެއް ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަނޑުގެ އަސްކަރީ ތަމްރީނުތައް އިރުމަތީ ޗައިނާ ކަނޑުގައި މާދަމާ ފަށާނެ ކަމަށް ރަޝިއާގެ ޑިފެންސް މިނިްސްޓްރީން ބުނެފި އެވެ.

ރަޝިއާ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތަމްރީންތަކުގައި ވައިގެ މަގުންނާއި އަދި ކަނޑުގެ މަގުން ފޮނުވާ މިސައިލާއި އިތުރު ހަތިޔާރު ބޭނުން ކުރާނެ ކަމަށެވެ. ސަބްމެރީން މެދުވެރިކޮށް ކަނޑުގެ އަޑިން ދޭ ހަމަލާތަކުން ދިފާއުވާނެ ގޮތްތަކާއި ހަތިޔާރުތައް ބޭނުންކުރުމުގެ އުކުޅުތައް ވެސް ތަމްރީންތަކުގައި ކިޔައިދޭނެ ކަމަށް ބަޔާނުގައިވެ އެވެ.

"މެރިޓައިމް ކޯޕަރޭޝަން 2022"ގެ ނަމުން ދީފައިވާ މި ތަމްރީނުގައި ރަޝިއާގެ ފަރާތުން ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ރަޝިއާގެ ޕެސިފިކް ފްލީޓްގެ މިސައިލް ކްރޫސާ ފްލޭގްޝިޕް "ވޭރިޔޭގް" އާއި، އިތުރު ތިން އުޅަނދެކެވެ.

ޗައިނާގެ އަސްކަރިއްޔާއިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދެ ޑިސްޓްރޯޔާ އާއި، ދެ ޕެޓްރޯލް އުޅަނދާއި، އެކި ކަންކަމަށް ބޭނުންކުރެވޭ ސަޕްލައި އުޅަނދަކާއި ޑީސަލް ސަބްމެރީނެކެވެ.

މީގެ އިތުރުން ޗައިނާގެ މަތިންދާ ބޯއްޓެއްވެސް މި ތަމްރީނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިއާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރަޝިއާ އިން ބުނާ ގޮތުގައި އަސްކަރީ ތަމްރީނުގެ މައިގަނޑު މަގުސަދަކީ ރަޝިއާ އާއި ޗައިނާ އާއި ދެމެދުގައި އޮތް ކަނޑުގެ އެއްބާރުލުން ހަރުދަނާކޮށް، އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމެވެ. ތަމްރީނާ ގުޅޭގޮތުން ޗައިނާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ޗައިނާއާއި ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާނޭކަން ރަޝިއާ އިން އިއުލާނު ކޮށްފައި މިވަނީ އެ ދެ ގައުމުން ދީފާނޭ ހަމަލާއަކާ ގުޅިގެން ޖަޕާނަށް ނިސްބަތްވާ ސަރަހައްދުތައް ދިފާއުކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ބަޖެޓު އިތުރު ކުރުމަށް ނިންމިތާ ހަފްތާއެއްވެސް ނުވަނީހެވެ.