ޓޮމަހޯކް މަރުކާގެ 400 ކުރޫޒް މިސައިލް އެމެރިކާއިން ގަންނަން ނިންމާފައި އޮތް ކަމަށް ޖަޕާންގެ ދިފާއީ ވަޒީރު ޔަސޫކަޒޫ ހަމަޑާ ވިދާޅުވެއްޖެ އެވެ.
ޖަޕާނުން އަސްކަރިއްޔާ ބާރުގަދަ ނުކުރުމަށް ނިންމާފައި އޮތް ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހަތިޔާރު ޖަމާކުރަން ސަރުކާރުން މަސައްކަތްކުރުން ކުށްވެރިކޮށް އިދިކޮޅު ޕާޓިތަކުން ވަނީ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ޖަވާބުދާރީވެ ވަޑައިގަތުމަށް ގޮވާލާފަ އެވެ.
އެމެރިކާއިން ގަންނަ 400 ޓޮމަހޯކް ކުރޫޒް މިސައިލަކީ ކޮން ގޮތަކަށް ހިސާބުޖަހައިގެން ސަރުކާރުން ހޯދާ ހަތިޔާރުތަކެއްތޯ އިދިކޮޅުން ސުވާލުކުރެ އެވެ.
އިދިކޮޅުން ބުނާ ގޮތުން ވަރަށް ރީތި އަދަދެއް ހަމަކުރުމުގެ ނިޔަތުގައި ސަރުކާރުން ގުނަ ހަމަކޮށްފައި އޮތް 400 އަކީ ކޮން އެއްޗެއްކަން އެ މީހުންނަކަށް ނޭނގެ އެވެ.
ހަތަރު ސަތޭކަ މިސައިލާ ހަމައަށް ސަރުކާރު ދަތުރުކުރި ގޮތް އޮޅުފިލުވައި ދެއްވުމަކީ ބޮޑުވަޒީރަށް ލާޒިމުކަމެއް ކަމަށްވެސް އިދިކޮޅުން ބުނެ އެވެ.
އެމެރިކާއިން އަސްކަރީ ހަތިޔާރު ގަތުމަށް ޖަޕާން އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި މި އެއްބަސްވުމަށް އޭޕްރީލް އެކެއްގައި އަމަލުކުރަން ފަށާ ގޮތަށްވެސް އޮތީ ނިންމާފަ އެވެ.
ޖަޕާނަށް ހަތިޔާރު ބޭނުންވަނީ ބަޔަކާ ހަނގުރާމަކުރަން ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވެ އެވެ. އަމިއްލަ ގައުމު ދިފާއުކުރެވޭ ވަަރަށް އަސްކަރީ ފުއްދުންތެރިކަން ހުރުމަކީ -- ދުނިޔޭގެ މަޝްރަހު މިހާރު އޮތް ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޖަޕާނުން ހަތިޔާރު ހޯދަން މަސައްކަތް ފަށާފައި މިވަނީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެންނެވެ.
އަމިއްލައަށް ދިފާއުވުމުގެ ކުޅަދާނަކަން ނެތް ގައުމުތަކަށް ބާރުގަދަ ގައުމުތަކުން އަރައިގަތުމަކީ ޖަޕާންގެ އަސްކަރީ ބަޖެޓް ބޮޑުކުރަން ބޮޑުވަޒީރު ދެއްކެވި ހުއްޖަތެކެވެ.
އަނެއްކޮޅުން ޗައިނާ އާއި އުތުރު ކޮރެއާގެ ނުރައްކާ ޖަޕާނަށް ބޮޑުވުަމަކީވެސް ގައުމީ އަސްކަރީ ހޭދަ އިތުރުކުރަން މަޖިލީހަށް ހުށަހަޅަށް ސަރުކާރަށް އޮތް ސަބަބެކެވެ.