ޖަޕާން ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ހޮނިހިރު ދުވަހު އިންޑިއާއަށް ވަޑައި ގަންނަވާނެ ކަމަށް އެސޯސިއޭޓް ޕްރެސްއިން ބުނެފި އެވެ.
ޖަޕާން ބޮޑުވަޒީރުގެ އުއްމީދަކީ އިންޑިއާއާ ގުޅުން ބަދަހިކުރެއްވުން ކަމަށް ޚަބަރުތައް ބުނެ އެވެ. އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވައި، އިންޑޯ ޕެސިފިކްގައި ދެ ގައުމަށް އޮތް ޒިންމާތަކާ ބެހޭ ގޮތުން ދެ ބޮޑުވަޒީރުން މަޝްވަރާ ކުރައްވާނެ އެވެ.
އިންޑޯ ޕެސިފިކްގައި ޗައިނާއަށް ހުރަސް އެޅުމަކީ ވެސް ޖަޕާނުން ވިސްނާ ކަމެކެވެ. މި ސަރަހައްދުގައި ޖަޕާންގެ ވިސްނުމާ އެންމެ އެއްގޮތީ އިންޑިއާ ވިސްނާ ގޮތެވެ. އެހެންކަމުން، އިންޑޯ ޕެސިފިކު ޝާމިލްވާ ގޮތަށް ނަތީޖާއެއް ނެރެން ޖަޕާނަށް އެންމެ ފަސޭހަ ގައުމަކީ އިންޑިއާ އެވެ.
ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ބެހޭ ގޮތުން ވެސް ޖަޕާނާއި އިންޑިއާ މަޝްވަރާ ކުރާނެ އެވެ.
ދުނިޔެ މިއަދު އޮތް ހާލަތުގައި ގައުމުތަކުން ރަޝިއާއަށް ދަތިކުރަމުން ގެންދާއިރު ޗައިނާ ގެންގުޅެނީ ރަޝިއާއަށް ކަމޭހިތުމުގެ ވިސްނުމެކެވެ.
ޖަޕާން ބޮޑުވަޒީރާއި އިންޑިއާ ބޮޑުވަޒީރުގެ މަޝްވަރާގައި ޗައިނާ-ރަޝިއާ ގުޅުމާ ބެހޭ ގޮތުން ވަރަށް ފުންކޮށް މަޝްވަރާ ކުރައްވާނެ ކަމަށް ބުނެވެ އެވެ.
ރަޝިއާއަށް ޖައްސާފައި އޮތް ދަތިހާލުން އަރައިގަތުމަށް ޗައިނާ އަކީ މުހިއްމު ގައުމަކަށް ވާނެ އެވެ. އެހެން ނަަމަވެސް، ދުނިޔޭގެ ބާރުތަކުން ޗައިނާގެ އެހީއަށް ހުރަސްއަޅާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާން އަރިންދަމް ބަގްޗީ ވިދާޅުވި ގޮތުން ޖަޕާނާއި އިންޑިއާއަށް ސަރަހައްދީ މަސްލަހަތު އޮތީ ވަރަށް ބޮޑުވެފަ އެވެ.
އިންޑިއާ ކަނޑުގައި އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހަރަކާތްތެރިވަމުން ގެންދާ މިންވަަރު ކޮންޓްރޯލް ކުރުމަށް ދެ ގައުމަށް ކުރެވެން ހުރި ކަންތައްތަކާ މެދު ދެ ގައުމުގެ ބޮޑުވަޒީރުން މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ވިޔަފާރިއަށް ކޮށްފާނެ އަސަރުތަކާ ބެހޭ ގޮތުން ވެސް ޖަޕާނާއި އިންޑިއާ މަޝްވަރާ ކުރާނެ އެވެ. އަދި ކާބޯތަކެއްޗާއި ތެލުގެ އަގު ކޮންޓްރޯން ކުރުމަށް ވެސް ގޮތްތަކެއް ނިންމަވާނެ އެވެ.