ދުނިޔެ

ރަޝިއާ، ޗައިނާ ސައުތް އެފްރިކާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ބާއްވަނީ

ހައިޕަސޮނިކް ޒިރްކޮން ކުރޫޒް މިސައިލް ގާއިމްކޮށްފައިވާ ރަޝިއާގެ އަސްކަރީ އުޅަނދާ އެކު ޗައިނާ އާއި އަދި ސައުތް އެފްރިކާއާ ގުޅިގެން ސައުތް އެފްރިކާގައި އަންނަ ފެބްރުއަރީ މަހުތެރޭގައި ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވާނެ ކަމަށް ރަޝިއާ ސަރުކާރުގެ ނޫސް އެޖެންސީ ޓާސް އިން ރިޕޯޓްކޮށްފި އެވެ.

ރަޝިއަން ނޭވީގެ ސޯވިއެޓް ޔުނިއަން އެޑްމިރަލް ގޮރްޝްކޯވް ފްލީޓް މިތަމްރީނުތަކުގައި ބައިވެރިވާނެ ކަމަށް ހޯމަ ދުވަހު މި ރިޕޯޓުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ހާމަކޮށްފައިވެ އެވެ. އަޑަށްވުރެ ނުވަ ގުނަ ބާރު ސްޕީޑްގައި ދަތުރުކުރާ ޒިރްކޮން މިސައިލް، ހަނގުރާމަމަތީ މިއުޅަނދުގައި ހިމެނޭއިރު މި މިސައިލް އަކީ 620 މޭލަށް ނުވަތަ 1000 ކިލޯމީޓަރުގެ ރާސްތާ ކަޑައްތު ކުރާ މިސައިލެކެވެ. 2019 ގައި ފުރަތަމަ ފަހަރަށް ހަނގުރާމައިގައި ބޭނުން ކުރަން ފެށި ޒިރްކޮން މިސައިލާއެކު ހިމެނޭ އެވަންގާޑް ގްލައިޑް ވެހިކަލް އަކީ ރަޝިއާގެ ސުޕަސޮނިކްގެ ހަތިޔާރު ވިއުގަ އެއިގެ މައްޗަށް މިހާރު އެކުލެވޭ އެންމެ މައިގަނޑު ހަތިޔާރުތަކެވެ.

"ލޮޖިސްޓިކް ޕޮއިންޓެއް ކަމަށްވާ ސީރިއާގެ ޓާޓަސް އަށް އެޑްމިރަލް ގޮރްޝްކޯވް ދާނެ. އެއަށްފަހު ޗައިނާއާއި ސައުތް އެފްރިކާގެ ނޭވީ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާނެ،" ސަލާމަތީ ސިއްރު ފަރާތަކާ ހަވާލާދީ ޓާސްގައި ރިޕޯޓްކޮށްފައިވެ އެވެ.

އަސްކަރީ މި ތަމްރީނުތައް ބާއްވާނީ ސައުތު އެފްރިކާގެ އިރުމަތީ ކަނޑުގެ ސަރަހައްދުގެ ބަނދަރުމަތީ ދެ ސިޓީ ކަމުގައިވާ ޑާބަން އަދި ރިޗަޑްސް ބޭ ކައިރި ހިސާބުތަކުގައި ކަމަށް ސައުތް އެފްރިކާގެ ނެޝަނަލް ޑިފެންސް ފޯސް އިން ވަނީ ބުނެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފައިވަނީ ތަމްރީނުތަކުގެ މަގުސަދަކީ ރަޝިއާ، ޗައިނާ އަދި ސައުތް އެފްރިކާއާ އެކު މި ތިން ގައުމުން ގާއިމުކޮށްފައިވާ ގުޅުން ވަރުގަދަ ކުރުން ކަމުގަ އެވެ. އިތުރަށް ބުނެފައިވަނީ މި ތަމްރީނުތަކަކީ 2019 ގައި ތިން ގައުމުން ގުޅިގެން ފުރަތަމަ ފަހަރަށް ބޭއްވި ތަމްރީނުތަކަށްފަހު ބާއްވާ މިޒާތުގެ ދެވަނަ ތަމްރީނުތައް ކަމަށެވެ.

ޔޫކްރޭނުގެ ހަނގުރާމައިގައި ރަޝިއާ އިން ދޫނުދޭނެކަން ހާމަކުރުމުގެ ގޮތުން އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ރަޝިއާގެ ރައިސް ޕުޓިން، ގޮރްޝްކޯވް އުޅަނދު ފޮނުވާ މިމަހު ކުރީކޮޅު ވަނީ ނޯވޭ ކަނޑުގެ ސަރަހައްދުގައިވެސް ތަމްރީނުތަކެއް ބާއްވާފަ އެވެ.

ރަޝިއާގެ ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ މި ނޭވީ އުޅަނދާއި ޒިރްކޮން މިސައިލްތަކަކީ ދުނިޔޭގައި އެއާ އަޅާކިޔޭނެ ދެވެނައެއް ނެތް ހަތިޔާރުތަކެއް ކަމަށެވެ.

ޕުޓިން ދެކެވަޑައިގަންނަވާ ގޮތުގައި މިހަތިޔާރުތަކަކީ އެމެރިކާގެ މިސައިލް ޑިފެންސް ފޫއަޅުވާލާނެ ވަރުގަދަ ހަތިޔާރުތަކެކެވެ.