ދުނިޔެ

"ބްރިކްސް ލީޑަރުން ޒެލެންސްކީ ސަމިޓްގައި ބައިވެރިނުވާނެ"

އަންނަ މަހު ސްވިޒަލޭންޑްގައި އޮންނަ ޔުކްރޭން ސުލްހައިގެ ކޮންފަރެންސްގައި، ބްރިކްސް ޖަމާއަތަށް ނިސްބަތްވާ ބްރެޒިލް އާއި ދެކުނު އެފްރިކާގެ ލީޑަރުން ބައިވެރިއެއް ނުވާނެ އެވެ.

ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ނިސްބަތްކޮށް – ޒެލެންސްކީ ސުލްހައިގެ ސަމިޓްގެ ނަމުން ނަންދީގެން ސްވިޒަލޭންޑްގެ ރިސޯޓް ރަށެއްގައި ބާއްވާ މި ސަމިޓްގައި މަޝްވަރާކުރަން ހަމަޖެހިފައި ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓާލާނެ ގޮތަކާ ބެހޭ ގޮތުންނެވެ.

މި ސަމިޓަށް ހުށަހަޅާ ކަރުދާސްތަކުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ޔުކްރޭނަށް ސުލްހަ ގެނައުމަށް ޒެލެންސްކީ ފާހަގަކުރައްވާފައި ހުރި ނުކުތާތަކެވެ.

ޒެލެންސްކީ ސުލްހައިގެ ސަމިޓަށް 160 އަށް ވުރެ ގިނަ ގައުމަށް ދައުވަތުދީފައި ވާއިރު، ޖީސެވަން، ޖީޓްވެންޓީ، ބްރިކްސް އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ހިމެނެ އެވެ. ނަމަވެސް، މި ސަމިޓްގައި ބައިވެރިވުމަށް ރަޝިއާއަށް ދައުވަތުދީފައެއް ނުވެ އެވެ.

ބްރިކްސް ޖަމާއަތް އުފެއްދުމުގައި ހިމެނޭ ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ މި ސަމިޓްގައި ބައިވެރިނުވާނެ ކަމަށް ރައީސްގެ ތަރުޖަމާން ވިންސެންޓް މެގްވެނިޔާ ރިޕޯޓަރުންނަށް ވިދާޅުވި އެވެ.

އަދި ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ ވިދާޅުވި ގޮތުން ދެ ބައެއްގެ ދެމެދުގައި ސުލްހަ ގާއިމުކުރަން ބާއްވާ ސަމިޓެއްގައި ދެ ފަރާތުން ވެސް ބައިވެރިވާނެ ޖެހޭނެ އެވެ.

ރަޝިއާގެ ބައިވެރިވުމާ ނުލައި ޔުކްރޭނަށް ސުލްހަ ނުލިބޭނެ ކަމަށް ވިދާޅުވެ ލޫލާ ވަނީ މި ސަމިޓްގައި ބައިވެރިވުމަށް އިންކާރުކުރައްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސަމިޓްގައި ލޫލާ ބައިވެރިވެ ވަޑައިގަތުމަށް ޚާއްސަ ދައުވަތެއް ވަނީ ދެއްވާފަ އެވެ. އެއީ ބްރެޒިލްގެ ނުފޫޒުން ކުރެވިދާނެ ބައެއް ކަންތައްތަކަށް މަގުފަހިކުރުމަށް ކަމަށް ބުނެވެ އެވެ.

ރައީސް ލޫލާއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ބްރެޒިލްގެ ވަފުދެއް މި ސަމިޓްގައި ބައިވެރިވި ނަމަވެސް، ލޫލާގެ ބައިވެރިވެ ވަޑައެއް ނުގަންނަވާނެ އެވެ.

ލޫލާ ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާއާ ނުލައި ޔުކްރޭން ސުލްހައިގެ ސަމިޓެއްގެ ބޭނުމެއް ނެތެވެ.

ބްރިކްސްގައި އެންމެ ނުފޫޒުގަދަ އެއް ގައުމު ކަމަށްވާ ޗައިނާ ވެސް މި ސަމިޓްގައި ބައިވެރިވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް، ޗައިނާއިން އަދި ރަސްމީ ބަހެއް ނުބުނެ އެވެ.