ދުނިޔެ

ޔުކްރޭން މައްސަލައަށް ހައްލު އޮތީ ހަނގުރާމަކޮށްގެންނަމަ ރަޝިއާ ތައްޔާރު: ލަވްރޯފް

ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ހުރި މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރުމުގެ ބާރު މިހާރު އޮތީ ކެނޑިފަ އެވެ. އެއީ ރަޝިއާއަށް ވުރެ ޔުކްރޭނަށް ހުޅަނގު މުހިންމު ވުމެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތީ ވެސް، ހުޅަނގުން ބުނާހާ ގޮތެއް، ޔުކްރޭން ސަރުކާރުން ހަދައި ރަޝިއާއަށް ޖެއްސުން ކުރުމުންނެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭން ހަނގުރާމައަށް އޮތް ހައްލަކީ ހަނގުރާމަކުރުން ކަމަށްވާނަމަ ރަޝިއާ އޮތީ ތައްޔާރަށެވެ.

ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވީ ހުޅަނގުން ދެކޭ ގޮތުގައި ކާމިޔާބު ހޯދަން ޖެހޭނީ ހަނގުރާމައިގެ މައިދާނުން ކަމަށްވާނަމަ ރަޝިއާ އެކަމަށް ވެސް ތައްޔާރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން މައްސަލައަށް ހައްލެއް ބޭނުންވާނަމަ މަޝްވަރާކުރަން ރަޝިއާ އެއްބަަސްވާނެ އެވެ. ހައްލު ހޯދަން ކުރާ މަޝްވަރާގައި ރަޝިއާއިން މިހާރު ހިފާފައި ހުރި ޔުކްރޭންގެ ބިންތައް ދޫކޮށްލަން ބުނާ ނުކުތާއެއް ހިމަނައިގެން ނުވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާ އާއެކު ހަނގުރާމަނުކޮށް ފަރުޖެއްސެން ޔުކްރޭން އޮތް ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭނަށް މިހާރު އޮތް ގޮތަކީ ހަގީގަތް ގަބޫލުކުރުމާ އެކު ގެއްލުނު އެއްޗެއް ދޫކޮށްލުމެވެ.

ޔުކްރޭން މައްސަލައަށް ހައްލުހޯދަން ދުނިޔޭގެ ފެންވަރުގައި ބާއްވާ މަޝްވަރާ ސަމިޓެއްގައި ރަޝިއާ ބައިވެރިނުކޮށް ފާސްކުރާ އެއްވެސް މުއާހަދާއެއް ބަލައިނުގަންނާނެ ކަމަށް ވެސް ލަފްރޯފް ވިދާޅުވި އެވެ.

ލަވްރޯފް މިހެން ވިދާޅުވި ސަބަބަކީ އަންނަ މަހު -- ޖޫން 15-16 ގައި ސްވިޒަލޭންޑްގައި ބާއްވާ ޔުކްރޭން ސުލްހައިގެ ބައްދަލުވުމަށް ރަޝިއާއަށް ދައުވަތު ދީފާއި ނުވާތީ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 160 އަށް ވުރެ ގިނަ ވަފުދަށް ދައުވަތު ދީފައިވާ ކަމަށް ސްވިޒަލޭންޑުން ބުނާއިރު މެހެމާނުންގެ ލިސްޓުގައި ވެސް ރަޝިއާ ހިމަނާފައެއް ނުވެއެވެ.

ރަޝިއާގެ ބައިވެރިވުމެއް ނެތި ޔުކްރޭނަށް ސުލްހަ ގެނައުމާ ބެހޭ ގޮތުން ކުރާ މަޝްވަރާއެއް ބަލައިނުގަންނާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފަ އެވެ.

ބްރިކްސް ޖަމާއަތަށް ނިސްބަތްވާ ގިނަ ގައުމުތަކުގެ ބުނުމަކީ ވެސް ޗައިނާގެ ބުނުމެވެ. ހުޅަނގުން ބުނާހާ ގޮތަކަށް ރަޝިއާ، ޔުކްރޭން ސުލްހަ ނުކުރެވޭނެ ކަމަށް ބްރިކްސް ގަބޫލުކުރެ އެވެ.