ދުނިޔެ

ޔުކްރޭން ސަމިޓްގައި ބައިވެރިއެއް ނުވާނަން، ޝަރުތު ފުރިހަމައެއް ނުވޭ: ޗައިނާ

ސްވިޒަލޭންޑްގައި ޖޫން 15-16 އަށް އޮންނަ ޔުކްރޭން ސުލްހައިގެ ސަމިޓްގައި ޗައިނާ ބައިވެރި ނުވާނެ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން ބުނެފި އެވެ.

ޔުކްރޭން މައްސަލަ ހައްލުކުރަން ޖެހޭނީ ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ކުރެވޭ މަޝްވަރާތަކަކުން ކަމަށް ޗައިނާ އޮތީ ބުނެފަ އެވެ.

ޗައިނާ ހާރިޖީ ވުޒާރާގެ ތަރުޖަމާން މާއޯ ނިންގް ވިދާޅުވި ގޮތުގައި ޔުކްރޭން ސަމިޓްގައި ޗައިނާ ބައިވެރިވާން ހުށަހެޅި ޝަރުތު ފުރިހަމައެއް ނުވެ އެވެ.

ތަރުޖަމާން ވިދާޅުވީ ރަޝިއާގެ ބައިވެރިވުމެއް ނެތް ސަމިޓެއްގައި ޔުކްރޭނަށް ސުލްހަ ގެނައުމާ ބެހޭ ގޮތުން މަޝްވަރާކުރުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭންގައި ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަން ހުއްޓާލައި، ޔުކްރޭން މިނިވަންކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސްވިޒަލޭންޑް އިސްނަގައިގެން ބާއްވާ ސަމިޓްގައި 160 ގައުމަކުން ބައިވެރިވެ އެވެ. އެކަމަކު ރަޝިއާއަށް ދައުވަތު ދީފައެއް ނުވެ އެވެ.

މި ސަމިޓްގައި ޖީސެވަން، ޖީޓްވެންޓީ، ބްރިކްސް އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް ބައިވެރިވާނެ އެވެ. އަދި ހާއްސަ މެހެމާނުންގެ ގޮތުގައި ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސަމިޓްގައި މަޝްވަރާކުރަން ހަމަޖެހިފައިވަނީ ޔުކްރޭނަށް ސުލްހަ ގެނައުމާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް ޒެލެސްކީ ހުޅަހަޅުއްވާ ކަރުދާހަކަށެވެ. މި ކަރުދާހުގައި ރަޝިއާގެ އެއްވެސް ހިޔާލެއް ކަންބޮޑުވުމެއް ނުހިމެނެ އެވެ.

މޮސްކޯގެ ބުނުމަކީ މި ސަމިޓަށް ދައުވަތު ދިން ނަމަވެސް ރަޝިއާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ސަބަބަކީ އެޖެންޑާ ކޮށްފައި އޮތް ކަރުދާހުގައި ރަޝިއާއިން ހުށަހާފައި ހުރި އެއްވެސް ނުކުތާއެއް ނެތުމެވެ.

ޔުކްރޭން ސުލްހައިގެ މަޝްވަރާތަކުގައި ރަޝިއާ އާއި ޔުކްރޭން ބައިވެރިވާން ޖެހޭނެކަން -- މިކަމާ ގުޅުން ހުރި ހުރިހާ ގައުމަކުން ގަބޫލުކުރަން ޖެހޭ ކަމަށްވެސް ޗައިނާ ތަރުޖަމާން ވިދާޅުވި އެވެ.

މަޝްވަރާތަކުގައި ޔުކްރޭނަށް އަދި ރަޝިއާއަށްވެސް އެއް ހަމައަކުން ފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް ޗައިނާ ބުނެ އެވެ.

މިފަދައިން ހަމަހަމަކަމެއް ނެތް ސަމިޓެއްގައި ބައިވެރިވުމަކީ ޗައިނާއަށް ފަސޭހަކަމެއް ނޫން ކަމަށް ތަކުރާރުކޮށް ތަރުޖަމާން ވިދާޅުވި އެވެ.