ދުނިޔެ

ޔުކްރޭންގެ ވަފްދަކާ ބައްދަލުކުރަން ޗައިނާ ބޭނުމެއް ނުވި

ސްވިޒަލޭންޑް ޑާވޯސްގައި ޖެނުއަރީ 15 އިން 19 އަށް އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންނެވި ޗައިނާ ވަފުދާ ބައްދަލު ކުރެއްވުމަށް -- ޔުކްރޭންގެ ރައީސް ޒެލެންސްކީ ހިމެނިވަޑައިގަންނަވާ ގޮތުން އެ ގައުމުގެ ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންގެ ޓީމަކުން އެދުނު އެދުމަށް ޗައިނާ ނޫނެކޭ ބުނެފި އެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ޗިއަންގެ ވެސް ހިމެނިވަޑައިގެންނެވި ވަފުދުން ޔުކްރޭންގެ ރައީސް ޒެލެންސްކީއާ ބައްދަލު ނުކުރެއްވުމުން ޒެލެންސްނީ ގައުމަށް ވަޑައިގަތީ ހުސްއަތާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ވަފްދާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެ ޔުކްރޭނުން ކުރިއާލައި އޮތީ އެކަމަށް އެދިފަ އެވެ.

މިކަން ހިނގާ ދިޔަ ގޮތް ދެނެހުރި އެމެރިކާގެ އޮފިޝަލަކުވެސް ވަނީ ޗައިނާ ޓީމުން ޔުކްރޭންގެ އޮފިޝަލުންނާ ބައްދަލުކުރަން ބޭނުން ނުވި ކަމަށް ބުނެފަ އެވެ. ނަމަވެސް ޔުކްރޭނުން ބުނަނީ ޗައިނާގެ ވަފުދާ ބައްދަލުކުރަން ހުށަހަޅާފައި ނުވާނެ ކަމަށެވެ.

އެމެރިކާގެ އެހެން އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ޗައިނާގެ ޓީމުން ޔުކްރޭންގެ ރައީސްއާ ބައްދަލު ނުކުރީ އެކަން ނުކުރުމަށް ރަޝިއާ އިން އެދިފައި ވާތީ އެވެ.

ޗައިނާއިން އެއްވެސް މާނައެއްގައި ޔުކްރޭނަށް އެހީތެރިވުމަކީ ރަޝިއާ އެދޭ ގޮތެއް ނޫން ކަމަށްވެސް އޮޕިޝަލް ވިދާޅުވި އެވެ.

މި އަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމްގައި 120 ގައުމަކުން 2،800 އޮފިޝަލުން ބައިވެރިވި އެވެ.

މި ފޯރަމްގައި ދުނިޔޭގައި ހިނގާ ވަރަށް ގިނަ މައުލޫތަކަށް ބަހުސްކުރެވުނެވެ. މައިގަނޑު ގޮތެއްގައި ފަލަސްތީންގެ ޣާއްޒާއަށް ޔަހޫދީ ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކާއި ރަތް ކަނޑުގައި ހޫސީންގެ ހަރަކާތްތަކާ ބެހޭ ގޮތުން އޮފިޝަލުން މަޝްވަރާ ކުރެއްވި އެވެ.

ރަޝިއާ - ޔުކްރޭން ހަނގުރާމައިގައި ދުނިޔެ އޮތީ ދެ ބަޔަކަށް ބެހިފަ އެވެ. އެއްބަޔަކު އެމެރިކާ ބުނާހާ އެއްޗެއް އަޑުއަހައި އޮތީ ޔުކްރޭން ކޮޅުގަ އެވެ. ރަޝިއާއަށް ވާގިވެރިވުމުގައި އޮތީ ޗައިނާއާ އީރާން، އަރަބި ގަލްފުގެ ގައުމުތައް އަދި އުތުރު ކޮރެއާ އެވެ.

ޔުކްރޭނަށް ބުއްދިލައިދީގެން އެމެރިކާއާއި ނޭޓޯއިން ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެންމެ ބޮޑު ގެއްލުމެއް ލިބެނީ ޔުކްރޭނަށެވެ.

ޔުކްރޭންގެ އުމްރާނީ ތަރައްގީގެ ވަރަށް ބޮޑު ބައެއް ހަލާކުވެފައިވާއިރު މާލީ ގޮތުންވެސް ވަނީ ދުވަހަކުވެސް ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ.

ހަނގުރާމަ ހުއްޓާލައި ސުލްހަވުމުގެ ބަދަލުގައި ޔުކްރޭނުން މިހާރުވެސް ވިސްނަނީ ހަނގުރާމަ ފުޅާކުރެއްވެން ހުރި ގޮތްތަކަށެވެ.

ޔުކްރޭނުން ބުނާ ގޮތުން ހަނގުރާމަ ހުއްޓާލެވޭނީ ރަޝިއާއިން މައާފަށް އެދި އަމާންދިނުމުންނެވެ.