ބެންޖަމިން ނަތަންޔާހޫ

އީރާނުގެ ދުވަސް ދުވާލާނަން: ނަތަންޔާހޫ

އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ރޭ މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވެއްޖެ އެވެ.

މި ހަމަލާތަކުގައި އިޒްރޭލު އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އީރާނުން މި ހަމަލާ ދީފައިވަނީ އިޒްރޭލުން އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޤުދުސް ފަރުބަދަތަކުގެ މެދުތެރޭގައި ފޮރުވިފައި ހުރިކަން ވަނީ ހާމަވެފަ އެވެ.

އީރާންގެ މި ހަމަލާއާ ގުޅިގެން ނަތަންޔާހޫ ވަނީ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ދުވަސް ދުވާލާނެ ކަމަށް ބުނެފަ އެވެ. ނަތަންޔާހޫ ބުނެފައިވަނީ އިޒްރޭލުން އީރާނުގެ ދުވަސް ދުވާލާނެ ކަމަށާއި، އެކަން ކުރާނީ ދުވަހަކު ވެސް ބަޔަކު ހަނދާން ނުނެތޭނެ ފަދަ އިބުރަތެއްގެ ގޮތުގައި ކަމަށެވެ.

މި ވާހަކަތަކުން ދޭހަވަނީ އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ނިޔަތް އޮތްކަމެވެ. އަދި މިއީ އިޒްރޭލުން އީރާނަށް ދޭ ސީދާ އިންޒާރެއް ކަމުގައިވެސް ބެލެވެ އެވެ.

އިޒްރޭލާއި އީރާނާ ދެމެދު އޮންނަނީ ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދާ ދެކޮޅުވެރިކަމެކެވެ. މި ހާދިސާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ގޯސްވެ، ސީދާ ހަނގުރާމައަކަށް ވެއްޓިދާނެކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރޭގައި އުފެދިފައިވެ އެވެ.