އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވީޑިއޯ މެސެޖަކުން އީރާންގެ ރައްޔިތުންނާ މުޚާތަބުކުރައްވައިފި އެވެ. އޭނާ ވިދާޅުވީ ބަޔަކު ހީކުރާ ވަރަށް ވުރެ މާ އަވަހަށް އީޜާން މިނިވަންވާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި އީރާން މިނިވަންވެގެން ނޫން ގޮތަކަށް މެދުއިރުމަތީ ސުލްހައެއް ނުވާނެ އެވެ. އަދި ޔަހޫދީންނަށާއީ ޝީއީންނަށް އެކުގައި -- ކޮނޑަށް އަތްލައިގެން އުުޅެވޭ ދުވަހެއް އަންނާނީ އީރާން މިނިވަންވުމުންނެވެ.
މެދުއިރުމަތި އަނދިރީގެ ތެރެއަށް ވައްޓާލައި ހަނގުރައިގެ މައިދާނަކަށް ބަދަލުކޮށްލީ އީރާން އަޑީގައި އޮވެގެން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
އީރާންގެ ވެރިންނަކީ ރައްޔިތުންނަށް އޯގާތެރި ބައެއް ނޫން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
އެކްސްގައި ޕޯސްޓްކުރައްވައި ނަތަންޔާހޫ ވިދާޅުވީ ހަމާސް އާއި ހިޒްބުﷲ އަކީ އެ މީހުންގެ އަމިއްލަ ގައުމަށް ޣައްދާރުން ކަމަށެވެ. އީރާންގެ އެޖެންޑާ ފެތުރުމަށްޓަކައި މިނިކާ ސޫފިތަކެހެން އެ ބައިގަނޑުތައް އަރައިގަންނަނީ އީރާނުން އެ ގޮތަށް ކަންތައް ކުރަން އަންގާތީ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
އިޒުރޭލަކީ އީރާންގެ ރައްޔިތުންނަށް އަނިޔާކުރާނެ ގައުމެއް ނޫން ކަަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އީރާންގައި މިހާރު އޮތް ވެރިކަަމަކީ އެ މީހުންގެ އަމިއްލަ އެޖެންޑާއެއް ހާސިލުކުރުމަށްޓަކައި ރައްޔިތުންނަށް ކާންދޭ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ މި މޭރުމުން ވާހަކަދެއްކެވުމުން ދޭހަވަނީ އެމެރިކާއާ ގުޅިގެން އީރާންގެ ވެރިންގެ ދުވަސް ދުއްވާލަން އިޒުރޭލު ރާވާކަމެވެ.
ހަމާސްގެ ލީޑަރު މަރާލުމަށް ފަހު އިޒުރޭލުން ވަނީ ހިޒްބުﷲގެ ލީޑަރުވެސް މަރާލާފަ އެވެ. އިޒުރޭލުގެ އަމާޒަކަށް ދެން ވާނީ އީރާންގެ ލީޑަރު އަލީ ޚާމަނާއީ އެވެ.
އީރާންގެ ޖާސޫސީ ބާރުތަކަށް މިކަން ވިސްނޭތީ އަލީ ޚާމަނާއީ މިހާރު ވަނީ ގޮތް ނޭނގޭ ތަނެއްގައި ފޮރުވާފަ އެވެ. އަދި އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން މުއާމަލާތްކުރުން ވެސް އޭނާއަށް ވަނީ މަނާކޮށްފަ އެވެ.
ހަމާސްގެ ލީޑަރާއި ހިޒްބުﷲގެ ލީޑަރު އިޒުރޭލުން މަރާލާފައި މިވަނީ ވަރަށް ގިނަ ދުވަހު ފާރަލުމަށް ފަހު އެވެ.
މެދުއިރުމައްޗަށް ނަގިލި ލައިގެން ތިބި އެމެރިކާ ސިފައިން ކުރާ މަސައްކަތްތަކުގެ ތެރޭގައި އިޒުރޭލަށް ޖާސޫސްކޮށްދިނުން ހިމެނެ އެވެ. ސެޓެލައިޓް ބޭނުންކޮށްގެން ހަނގުރާމަވެރިން އުޅޭ ނޫޅޭ ތަންތަން ވެސް އިޒުރޭލަށް ބުނެދެ އެވެ.