އިޒްރޭލު ސިފައިންނަށް ޚިރުބަތު ލުބުނާންގެ ޔާރޫނު އަދި ބާބުލް އަދައިސިއްޔާ ސަރަހައްދުތަކުގައި ކުރު މުއްދަތަކަށް ވަދެ، ކާމިޔާބު ނުލިބި އިޒްރޭލު ސިފައިންގެ ގިނަ ބަޔަކު މަރުވެ އެތައް ސިފައިންނެއް ޒަހަމްވުމުން ލުބުނާނުގެ ސަރަހައްދުތަކުން ފައިބަން ފަށައިފި އެވެ.
މިއީ އިސްރާއީލުން ލުބުނާނުގެ ސަރަހައްދަށް ވަދެފައިވާ ދެވަނަ ފަހަރެވެ. އިޒްރޭލު ސިފައިންނާ ހިޒްބުﷲ އާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި އިޒްރޭލު ސިފައިން ފަހަތަށް ޖެހި ހިޒްބުﷲ އިން ކުރިއެރުންތައް ހޯދަމުން ދާކަމަށް ރިޕޯޓްތައް ބުނެއެެވެ.
މިއީ އިޒްރޭލާއި ހިޒްބުﷲއާ ދެމެދު ދެމިގެންދާ ކުރިމަތިލުންތަކުގެ ބައެކެވެ. 2006 ވަނަ އަހަރުގެ ފަހުން، މި ދެ ފަރާތުގެ މެދުގައި އަދާވާތްތެރިކަން އިތުރުވެފައިވެ އެވެ. މި ޖަމާއަތަކީ އީރާނުގެ އެހީތެރިކަން ލިބިގެން ހިނގާ ބާރުގަދަ ސިޔާސީ އަދި އަސްކަރީ ޖަމާއަތެކެވެ.
ފާއިތުވި މަސްތަކުގައި، އިޒްރޭލާއި ހިޒްބުﷲއާ ދެމެދު ގިނަ ފަހަރު މަތިން ހަމަނުޖެހުންތައް ހިނގާފައިވެއެވެ. މީގެ ތެރޭގައި ސަރަހައްދީ ގޮތުން އެކި ފަހަރު މަތިން ރޮކެޓް ދޫކޮށްލުމާއި، އިޒްރޭލުން ލުބުނާންގެ އުތުރު ސަރަހައްދުގައި އަސްކަރީ ބާރު ގަދަކުރުން ހިމެނެ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވެ އެވެ.
މިފަހަކުން އިޒްރޭލުން ވައިގެ މަގުން ބޮޑެތި ހަމަލާތަކެއް ލުބުނާނަށް ދެމުން ގެންދިޔަ އެވެ. އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާއެއްގައި އީރާނާއި ގާތް ގުޅުމެއް އޮންނަ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަވެފައިވެ އެވެ.
އެހާދިސާއަށްފަހު އީރާނުން ބުނީ އެކަމުގެ ބަދަލު ވަރުގަދައަށް ހިފާނެ ކަމަށެވެ. އީރާނުން ވަނީ އިޒްރޭލަށް ވަރުގަދަ ހައިޕަސޮނިކް މިސައިލް ހަމަލާތަކެއް ދީ އިޒްރޭލު ސިއްސުވާލާފަ އެވެ. އަދި އިޒްރޭލުން އެކަމުގެ ރައްދު ދީފި ނަމަ އެއަށްވުރެ މާ ވަރުގަދަ މިސައިލް ހަމަލާތައް ދޭނެކަމަށް އީރާނުން ބުނެއެެވެ.
މި ހާދިސާ އަކީ މި ސަރަހައްދުގެ ސަލާމަތީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ނިޝާނެއް ކަމަށް މާހިރުން ބުނެ އެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ސަރަހައްދުގައި ހަމަޖެހުން ގާއިމްކުރުމަށް ގޮވާލާފައިވާއިރު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ކޮޅުމަތި މިދަނީ ފެންނަމުންނެވެ.