ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ހަނގުރާމަވެރިންގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން އީރާންގެ ލީޑަރު ރައްކާތެރި ތަނަކަށް ގެންގޮސް ފޮރުވައިފި އެވެ.
ހަސަން ނަސްރުﷲ އަވަހާރަކޮށްލީ އިޒުރޭލުން ލުބްނާނަށް ދިން ހަމަލާތަކެއްގަ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުން ހިޒްބުﷲގެ ހެޑްކުއާޓަރަށް ދިން ހަމަލާތަކެއްގައި ހަސަން ނަސްރުﷲގެ އިތުރުން އެ ޖަމާއަތުގެ ބޮޑުންގެ ބަޔަކު ވެސް ވަނީ އަވަހާރަވެފަ އެވެ. މީގެތެރޭގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވެސް ހިމެނެ އެވެ.
މީގެ ދުވަސްތަކެއް ކުރިން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާވެސް އިޒުރޭލުން ވަނީ އަވާހަރަކޮށްލާފަ އެވެ. އޭނާ އަވާހަރަކޮށްލާފައިވަނީ އީރާންގަައި ހުއްޓައި އިޒުރޭލުން ދިން ހަމަލާއެއްގަ އެވެ.
އީރާންގައި ހުއްޓައި ހަނިއްޔާ އަވާހަރަކޮށްލުމުން އީރާން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި އީރާންގެ މެހެމާނަކަށް އިހާނެތިކޮށް ހިތާފައިވާތީ އިޒުރޭލުގެ ކިބައިން ބަދަލުހިފާނެ ކަމަށްވެސް އިރާނުން ބުންޏެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް އިޒުރޭލާ ދެކޮޅަށް އީރާނުން ކޮށްފައެއް ނުވެ އެވެ.
އަލީ ހާމަނާއީ ރައްކާތެރި ތަނަކަށް މި ގެންދިޔައީ އިޒުރޭން ކޮށްފާނެ ކަމެއްގެ ބިރަށެވެ.
ޝީއީންގެ ލީޑަރެއްގެ ގޮތުގައި އީރާންގެ ރައްޔިތުން ދެކޭ އަލީ ޚާމަނާއީ އަކީ އިރާންގައި ވަރަށް ޝަހީ އަދި މާތް މީހެކެވެ.
ތެހެރާނުން ރޮއިޓާސްއަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލަކު ބުނި ގޮތުން، އީރާންގެ މަދަދާ އެކު މެދުއިރުމަތީގައި ހަރަކާތްތެރިވާ ޕްރޮކްސީ ހަނގުރާމަވެރި ގުރޫޕްތަކާ ވަކިވަކި ބައްދަލުކޮށް އިރާނުން ދަނީ މަސްރަހު އޮތް ގޮތް އޮޅުން ފިލުވަމުންނެވެ.
ހިޒްބުﷲ އަކީ މެދުއިރުމަތީގައި އީރާންގެ ބާރުވެރިކަން ދަމަހައްޓައިދޭ ޖަމާއަތެކެވެ. މި ޖަމާއަތުގެ ވެރިޔާ އަވާހަރަކޮށްލުމަކީ އީރާނަށް ބިރު ބޮޑުވާނެ ކަމެކެވެ.