(30 ސެޕްޓެމްބަރ 2024 އާ ގުޅޭ)
"އެންމެ ރަނގަޅު. ރާހިންއަށް ޓަކައި މަންމަ އޭނާއާ ބައްދަލުކުރާނަން... ހަވީރު އާދޭ ގޮވައިގެން." ހުމައިރާ ބުންޏެވެ.
"ޝުކުރިއްޔާ މަންމާ." ރާހިން އަވަހަށް ބުނެލި އެވެ. ނަމަވެސް އެ ޝުކުރު ބަލައިނުގަންނަކަން ހުމައިރާގެ ޢަމަލުތަކުން ދޭހަވި އެވެ. އޭނާ ރާހިންގެ ކައިރީ މަޑުކުރުމެއްނެތި އެތަނުން ދިޔައީ އެވެ.
* * * * *
އޮފީހުގެ މޭޒު ދޮށުގައި އިޒީކިއަލް އިނެވެ. ފިކުރުތަކަށް ގެއްލިފަ އެވެ. އޭނާއަށް އަމިއްލަ ދިރިއުޅުމާމެދު ވިސްނެމުންދިޔަ އެވެ. ސޫޒަންއާއި އަފްރާހުގެ މައްސަލަ ކުރިޔަށްދާކަން އޭނާ ދެނަހުއްޓެވެ. އެ މައްސަލަ ނިމޭއިރު އެ ދެ މީހުންނަށް އޮތް ތަނަކީ ޖަލުކަން އިޒީކިއަލްއަށް އެނގެ އެވެ.
"ކުޑައިރު ވެސް ހާދަ ދޮގު ހަދައޭ." ސޫޒަންގެ ޚިޔާލުގައި އިނދެ އިޒީކިއަލް ބުނެލެވުނެވެ.
މަންމަގެ ފަރާތުން ސޫޒަންގެ ހަޤީޤަތް އެނގުމާ ހަމައަށް އިޒީކިއަލްއަށް ޤަބޫލުކުރެވިފައި އޮތީ އަފްރާހަކީ ސޫޒަންގެ ބޮޑުބޭބެ ކަމަށެވެ. އިޒީކިއަލްއަށް ފެންނަނީ ސޫޒަން އޭނާގެ ފުރިހަމަ ނަން ލިޔާއިރު އަބަދުވެސް ފަހަތަށް ޒުހައިރު ހިމަނާފައި އޮންނަތަނެވެ. އަނެއްކޮޅުން ޒުހައިރު ބައްޕަގެ ވާހަކަ ސޫޒަން ދައްކަ އެވެ. އިޒީކިއަލްއަށް އަރާފައި އޮތް އޮޅުން ރަނގަޅުކޮށްދޭން ސޫޒަން އެއްފަހަރު ވެސް މަސައްކަތް ކޮށްފައެއް ނުވެ އެވެ. ރަސްމީ ލިޔުމަކަށް ފުރަތަމަ ވެސް އިޒީކިއަލް ދުށީ ސޫޒަންގެ ޕާސްޕޯޓެވެ. އެއީ އިޒީކިއަލްމެން ގެއިން ސޫޒަން ނެރިލީފަހުން އޭނާއާ ބައްދަލުވީއިރު އެވެ. ސޫޒަންގެ އައިޑީކާޑުގައި ވެސް ޒުހައިރުގެ ނަމެއް ނެތެވެ. އެއީ ބޮޑުކަމެއްކަމުގައި އިޒީކިއަލްއަށް ޤަބޫލުކުރެވިފައި ނެތީމާ މާބޮޑު ވިސްނުމެއް އެކަމަށް ނުދެވުނީ އެވެ. ހުރިހާ ހަޤީޤަތެއް މި އެނގުނީ މާ ފަހުންނެވެ.
އިޒީކިއަލްމެން ގެއަށް ސޫޒަން އަންނަން ޖެހުނީ ކީއްވެކަން އޭނާގެ މަންމަ ކިޔާދިނީ އަދިކިރިޔާ އެވެ. ސޫޒަން ބައްޕަ ކިޔަމުން އައި ޒުހައިރަކީ ކާކުތޯ އިޒީކިއަލް ސުވާލު ކުރީމަ އެވެ. ސޫޒަންގެ މަންމަ ފަރާތު މާމަ، ޚަދީޖާއަކީ އިޒީކިއަލްގެ މާމައާ ނުހަނު ގާތް އެކުވެރިއެކެވެ. ސޫޒަންގެ މަންމަ މަރުވިއިރު އިނދެގެން އުޅެނީ ޒުހައިރާ އެވެ. އެއީ ސޫޒަންގެ ދޮންބައްޕަ އެވެ. އޭނާ ދުނިޔެއަށް އުފަންވީ ކިހިނެއްތޯއާއި އެ ދަރިފުޅަށް ކުރާން ޖެހޭ އެއްވެސް ޚަރަދެއް އަފްރާހުކޮށްފައެއް ނެތެވެ. އެ ހުރިހާކަމެއް ކޮށްދިން މީހަކީ ޒުހައިރެވެ. ނަމަވެސް ދަރިފުޅު ބޮޑުވަމުން އައިއިރު އަފްރާހަށް ދަރި ފެނިއްޖެ އެވެ. އެކުއްޖާއަށް ހަދިޔާ ހިފައިގެން އަންނަން ފެށުމުން އެކަން މަނާ ކުރީ ސޫޒަންގެ މަންމަ އެވެ. ސޫޒަންގެ މާމަ އަބަދުވެސް ބިރުގަންނަނީ ސޫޒަންގެ ހުންނަނީ އަފްރާހުގެ ގޮތްކަމުގައި ބުނެ އެކަމާ އެވެ. ނުބައި މަގަކުން ސޫޒަން ހިނގައިދާނޭތީ އެވެ. މަންމަ މަރުވުމުން ދޮންބައްޕައެއްގެ އަތްމައްޗަށް ދޫކޮށްލެވެން ނޯންނާނޭތީވެ ސޫޒަންއާ ހަވާލުވީ ޚަދީޖާ އެވެ. އިޒީކިއަލްގެ މާމަގެ ގާތުން އެ ގޭގައި ސޫޒަން ބަހައްޓާ ދިނުމަށް އެދުނީ ޚަދީޖާ އެވެ. އިޒީކިއަލްއަށް ސޫޒަން ފެނުނީ އެގެއަށް އޭނާ އައުމުންނެވެ.
"ޝީޒް އަ ސްނޭކް." އިޒީކިއަލްއަށް ބުނެލެވުނެވެ. ކިތަންމެ ވަރަކަށް ދުލި ބަދަލުކުރި ނަމަވެސް ހަރުފައެއްވާނީ ހަރުފައަކަށެވެ. އޭގެ ވިހައަކަށް ވެސް ބަދަލެއް ނާންނާނެ އެވެ. ސޫޒަންއަކީ އިޒީކިއަލްގެ ހަޔާތަށް ވިހަލަމުން އައީ ހަރުފައެކެވެ.
"ދުވަހަކުވެސް އެ ބާބު އަލުން ހުޅުވާކަށް ބޭނުމެއްނޫން." އިނގިރޭސި ބަހުން އިޒީކިއަލް ބުނެލީ އަމިއްލަ ނަފްސަށް ޔަޤީންކަން ދެމުންނެވެ.
"މިޔާ..." މޭޒުމަތީ ދެ އުޅަންބޮށިކޮޅު ވިއްދާލުމާއެކު ޖޯޑުކޮށްލެވުނު ދެ އަތްތިލައިގައި އިޒީކިއަލް ނިތްކުރި ޖައްސާލަމުން ދެ ލޯ މަރާލި އެވެ.
"ޕްލީޒް... އައި ބެގް ޔޫ... ޕްލީޒް ކަމް ބެކް." އިޒީކިއަލް ވައި އަޑުން ކިޔާލި އެވެ. އޭނާގެ އަޑުގައި އިންތިހާ ދަރަޖައިގެ އާދޭސްވި އެވެ. ހަޤީޤަތުގައި ވެސް މިޔާއާ މެދު ކަންތައް ކުރެވުނު ގޮތާމެދު އިޒީކިއަލް ދެރަވެ އެވެ. އެ ލޯތްބަށް ފުރުޞަތު ނުދެވުނީތީ އެވެ. މަޢާފު ހައްޤުނުވާވަރަށް މިޔާގެ ހިތް ހަލާކުކޮށްލެވުނު ކަމުގައި އިޒީކިއަލްގެ އަމިއްލަ ޟަމީރު ވެސް ޤަބޫލުކުރެ އެވެ.
* * * * *
ބަދިގެ ތެރޭ މާޔާ ހަރަކާތްތެރިވަމުންދިޔަ އެވެ. ރާހިން ބުނިހެން އޭނާ އެނބުރި އަންނަކަން އެނގި އެ އެޕާޓްމެންޓްގައި ދިރިއުޅޭ މީހަކަށް ބޭނުންވާނޭ ހުރިހާކަމެއް ވަނީ އެންމެ ފުރިހަމައަށް ތައްޔާރުކޮށްދީފަ އެވެ. ދެ ބިހުގެ ބިސްގަނޑަކާއި ކޮފީތަށްޓެއް ހަދައިގެން މާޔާ އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އެ ތަނަވަސް އެޕާޓްމެންޓަށް އޭނާ ނަޒަރު ހިންގާލި އެވެ. މާޒީގެ ހަނދާންތައް އިހަށް ދުވަހުގެ ކަމެއްހެން އިޔާދަވެގެން އައެވެ. އޭނާއާއި ރާހިން އެ އެޕާޓްމެންޓްގައި އަހަރުތަކެއް ވަންދެން އެކުގައި އުޅުނު ދުވަސްތަކެވެ.
"ރާހިން އަހަރެންދެކެ ލޯބިވާކަން އެނގޭ. ވަރަށް ކުރީން އެހެން ހީވާން ފަށައިފި... އެއީ ވަރަށް ވަރަށް ރަނގަޅު އިންސާނެއް. ވަޢުދެއް ކޮށްފިނަމަ އެ ވަޢުދުގެ މަތީ އޭނާ ދެމި ހުންނާނޭކަން ސާބިތު ވެސް ކޮށްދިން. އެކަމަކު..." މާޔާއަށް މަޑުމަޑުން އޭނާގެ ކަނާއަތް ގެނެސް ޖައްސާލެވުނީ މޭގަ އެވެ. އެ މޭގައި ތެޅެމުންދިޔަ ހިތާ ދިމާގައި އޭނާއަށް ފިރުމާލެވުނެވެ. އެ ހިތް މާޔާގެ އެދުމަށް ކިޔަމަން ނުވާ ކަހަލަ އެވެ. އެ ހިތް އެދި ގޮވަނީ މުޅީން އެހެން ކަމަކަށެވެ. އެހެންނަމަވެސް މާޔާ ގަސްދުކުރީ އެ ހިތުގެ އަޑަށް ބީރުކަންފަތެއް ދޭށެވެ.
"ރާހިންއަށް އެނގޭ... ހުރިހާކަމެއް އޭނާއަށް އެނގޭ." އިރުކޮޅަކު ހިމޭނުން އިނދެފައި މާޔާ ބުނެލި އެވެ.
މަޑުމަޑުން އިނދެގެން ބިސްގަނޑު ކާލައި ކޮފީތަށި ވެސް ހުސް ކޮށްލުމަށްފަހު މާޔާ ތެދުވި އެވެ. ތަށިތައް ދޮވެފައި އޭނާ ނުކުމެލީ ބެލްކަންޏަށެވެ. އެ އުސް އިމާރާތުގެ ތިރިއަށް ބަލާލުމުން އޭނާގެ ބޮލަށް އެނބުރުން އަރާގޮތްވި އެވެ. އެހެންވެ އޭނާގެ ނަޒަރު ހުއްޓާލީ ވިލާތަކަށެވެ.
ރާހިން އައިސް އެޕާޓްމެންޓަށް ވަންއިރު އޭނާގެ މޫނުން ފާޅުވާން ހުރި ހިނިތުންވުން އޭނާގެ ހާލަތު ކިޔާދެ އެވެ. އެ ފުޅާ ހިނިތުންވުމާއެކު އޭނާ އައިގޮތަށް ސޯފާގައި އިން މާޔާގެ އަތުގައި ކޮޅަށް ނެގުމާއެކު އުރާލައިފި އެވެ.
"ރާހިން... އަހަރެން ވެއްޓިދާނެ." މާޔާ އުރާލައިގެން އެނބުރިލީ ހިނދު އޭނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ހެމުންހެމުން ރާހިންގެ އަތުގެތެރެއިން ތަޅުންމައްޗަށް މާޔާ ތިރިކޮށްލަ ދީފި އެވެ.
"އެނގޭތަ އަހަރެން ކިހާ އުފާވެފައިކަން މިހުރީ." ރާހިން އަހާލި އެވެ. އޭނާގެ އެ އުފާވެރިކަމުގައި ބައިވެރިވުމުގެ ގޮތުން މާޔާ ހިނިތުންވެ ހުރެ ބޯޖަހާލަމުން ހޫން ލައްވާލި އެވެ.
"މަންމަ ބުނީ ހަވީރު އަންނާށޯ މާޔާ ގޮވައިގެން. ދެރައީ ޔޫކޮށް ނެތީމަ. ބައްޕަ މާކުރިން ވެސް ޔެސްއޭ ބުނެފި." ރާހިންގެ އަޑުން އެކަނި ވެސް އޭނާއަށް ލިބިފައިވާ އުފާވެރިކަން ފާޅުވެ އެވެ.
މާޔާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ހަމައެކަނި ހިނިތުންވުމަކުން ރާހިންގެ އެ އުފާވެރިކަމުގައި އޭނާ ބައިވެރިވި އެވެ. ހަވީރު މަންމަގެ ގާތަށް ދާންވާއިރަށް ރާހިން ކޮންމެވެސް މާޔާ ގޮވައިގެން ބާޒާރު ކުރާން ދާން ބޭނުންވި އެވެ. އެ ޚިޔާލާ ދެކޮޅު ހަދަން މާޔާ ބޭނުންވި އެވެ. ނަމަވެސް ރާހިންގެ އުފާތަކަށް ހުރަސް އަޅާން ނުކެރުނީ އެވެ. ވަގުތުން ތައްޔާރުވެލައިގެން ރާހިންނާއެކު ރަށުތެރެއަށް ނުކުންނަން މާޔާގެ ގާތުން އޭނާ އެދުނެވެ.
އެއް ފިހާރައިން ވިޔަފާރިކޮށްގެން ނުކުމެ އަނެއް ފިހާރަށް މާޔާ ގޮވައިގެން ރާހިން ވަދެ އެވެ. މެންދުރުގެ ކެއުން އެމީހުން ކެއީ ވެސް ބޭރުންނެވެ. މަންމައާ ބައްދަލުކުރާން މާޔާ ގެންދާއިރު ރާހިން ބޭނުންވަނީ މަންމައަށް މާޔާގެ ހުރިހާ ރީތިކަމެއް ފާހަގަވާށެވެ. ރާހިން އުޅޭ ގޮތުން މާޔާގެ ހަނދާނަށް އައީ އޭނާގެ ދިރިއުޅުން އާ ފެށުމަކުން ފަށަން ބޭނުންވާކަން ހާމަކުރި ދުވަހެވެ. މުޅިން އާ މީހެއްގެ ގޮތުގައި ދުނިޔެއަށް މާޔާ ނެރެދޭން ރާހިން މަސައްކަތް ކުރިއިރު އުޅުނީ މިހާރު އޭނާ އެ އުޅޭ ފަދައިންނެވެ. މާޔާގެ ހިތް އެތެރޭން ރޯލި އެވެ. އަމިއްލަ ނަފްސާ މެދު އޮތް ޔަޤީންކަމާމެދު މާޔާގެ ޟަމީރާ ސުވާލު ކުރެވުނެވެ. އޭނާއަށް ރާހިން އެދޭ ހުރިހާ އުފަލެއް ދެވިދާނޭކަމާމެދު ވިސްނެނީ އެވެ.
* * * * *
ނިދާކޮޓަރި ތެރެއިން އިވެމުންދިޔައީ ހުމައިރާގެ ހިތްހަމަނުޖެހިފައިވާ ވާހަކަތަކެވެ. ޒަހީން އެއްޗެއް ނުބުނެ އަނބިމީހާގެ ވާހަކަ އަޑުއަހަން އިނީ އެވެ. އެގޮތް ވެސް ހުމައިރާއަށް ކަމަކު ނުދިޔަ އެވެ. އިނގިރޭސި ބަހުން ފެށި ވާހަކަ ސިންދީ ބަހަށް ބަދަލުވެއްޖެ އެވެ. ޒާހިން ދޭތެރެއަކުން ހިނިތުންވެލަ އެވެ. އަނބިމީހާގެ ރަށު ބަހުން ވާހަކަދައްކަން ފަށާއިރަށް އޭނާގެ ހިތުގައި އޮންނަ ލޯބި އިތުރުވާ ގޮތްވަނީ އެވެ. ކައިވެންޏަށް ޒަމާންތަކެއްވީއިރު ވެސް ޒަހީންގެ އެ ޖަޒުބާތަށް ބަދަލެއް ނާދެ އެވެ. އޭނާ ތެދުވެގެން އައިސް ހުމައިރާގެ ގާތުގައި ހުއްޓިލި އެވެ. ނިކަން ލޯބިން އަނބިމީހާގެ މޫނުގައި ދެ އަތުން ހިފާލުމާއެކު ނިތްކުރީގައި ބޮސްދީފި އެވެ. ފިރިމީހާގެ އެ ލޯބިވެތި ބީހުލުން ހުމައިރާގެ ރުޅި ފިނިކޮށްލަ ދިން ފަދަ އެވެ.
"އަހަރެމެންނަށް ލޯބިވެވުނު ގޮތް ހުމޭ ހަނދާންނެތުނީތަ؟. ހުމޭގެ ބައްޕައާއި ބޮޑުބޭބެގެ ނުރުހުމާ އަހަރެން ކިހާ ދުވަހަކު ކުރިމަތިލީން... ރާހިން އެ އަންހެންކުއްޖާދެކެ ވަނީ ހަޤީޤީ ލޯބިކަން ޔަޤީން. އަހަރެން އެ ދަރިފުޅު ލޯތްބަށް ހުރަސްއަޅާކަށް ނެތިން. ރާހިން ދެއްކި ފޮޓޯ ވެސް. ދަރިއަކު ހުރިއްޔާ ވާނީ ކީއް... ގައިމު ވެސް ވަރަށް ލޯބި ކުއްޖެއް. އަހަރެމެން ރާހިންއަކީ ވިސްނުންތޫނު ކުއްޖެއް. އޭނާއަށް އެނގޭނެ ރަނގަޅު އަންހެނަކާ ދިމާވެއްޖެނަމަ. އޭނާގެ ހޮވުމާމެދު އަހަރެން ސުވާލު ނުކުރީ އެހެންވެ. ދެން ހިނގާ... މިހާރު އެކުދީން އަންނަން އުޅޭނެ. ރާހިން ނާއުންމީދުވާ ވަރުކަމެއް އަހަރެމެންގެ ފަރާތުން ދައްކައިގެން ނުވާނެ." ޒާހިން ވާހަކަދެއްކީ ނިކަން ލޯބިންނެވެ.
"ޒަހީނަށް އެނގޭނެ އަހަރެން ކަންބޮޑުވަނީ ކޮންކަމަކާކަން." މިފަހަރު ހުމައިރާއަށް ވެސް ބުނެވުނީ މަޑުމައިތިރިކޮށެވެ.
"ރާހިން އަމިއްލައަށް ޑީލްކުރާން ދޫކޮށްލަމާ. އަހަރެމެންނަށް އޮތީ އެ ދަރިފުޅަށް އިތުބާރު ކުރުން." ޒަހީން ބުންޏެވެ. ހުމައިރާ އެއްބަސްވާކަމުގައި ބޯޖަހާލި އެވެ. އަދި ފިރިމީހާގެ މޭގައި އޭނާ ލައްވެލި އެވެ.
ރާހިން އައުމުގެ ކުރީން ބައްޕައަށް ގުޅި އެވެ. އެމީހުން ގެއާ ކައިރީގައިކަން ތިބީ ބުންޏެވެ. ގޭގެ ބޮޑުކޮޓަރިއަށް ޒަހީންއާއި ހުމައިރާ ނުކުމެ ތިއްބެވެ. އިންތިޒާރުގައި ގިނައިރަކު ތިބޭކަށް އެ ދެމަފިރިންނަށް ނުޖެހުނެވެ. ރާހިންއާއެކު މާޔާ ވަދެގެން އަންނާތީ އޭގެ ދެމަފިރިން ވެސް ދުށްޓެވެ. ޒާހިންގެ މޫނުން ހިނިތުންވުމެއް ފާޅުވެލީއިރު ހުމައިރާ ބަލަން ހުރީ ފަރުވާތެރި ބެލިމަކުންނެވެ. ކޮނޑާ ހަމައަށް އޮތް ފަންފަން އިސްތަށިކޮޅު ދޫކޮށްލާފައި އޮތްއިރު މާޔާ ލައިގެން ހުރީ ހުދުކުލައިގެ ކުދި މާތަކެއް ޖަހާފައިވާ މަޑުނޫކުލައިގެ ދިގުކޮށް ހުރި މެކްސީ އެކެވެ.
"މާޔާ... މީޓް މައި މަމް." ރާހިން އައިސް މަންމަގެ ގާތުގައި ހުއްޓިލަމުން ބުންޏެވެ. ހުމައިރާގެ މޫނުން ހިނިތުންވުމެއް ފެނިލީ ދެނެވެ. މާޔާ ނިކަން އަވަހަށް ހިނިތުންވުމެއް ބަދަލުކޮށްލި އެވެ.
ހަވީރުގެ ސަޔަށް އިންސާފުކުރުމަށްފަހު ހުމައިރާއާއި މާޔާ ބައްދަލުކުރާން ވަގުތު ދީފައި ރާހިން ގޮވައިގެން ޒަހީން ދިޔައީ ސްޓަޑީއަށެވެ. ރާހިން އެކަމާ ގަޔާނުވިއެއްކަމަކު ބައްޕަ ގޮވާލާފައި ބުނުމުން ނުގޮސް ނުކެރުނީ އެވެ.
"ރާހިން ބުނި މާޔާގެ ދަރިއަކު ހުންނަ ވާހަކަ. ކޮބާ ދަރިފުޅު؟." ހުމައިރާ އަހާލި އެވެ.
"އޭނާގެ ބައްޕަގެ ކައިރީ." މާޔާ މަޑުމަޑުން ބުނެލި އެވެ.
"ދަރިފުޅުގެ ބައްޕައާ ގުޅުން ރަނގަޅުތަ؟." ހުމައިރާގެ ސުވާލުން މިފަހަރު މާޔާގެ މޫނުން ފާޅުވެލީ ހާސްކަމެވެ. އިޒީކިއަލްއާ ބެހޭ ގޮތުން ވާހަކަދައްކަން އޭނާ ބޭނުމެއްނޫނެވެ.
"މަންމަ މިހެން މި އަހާލީ... ރާހިންގެ ވިސްނުން ހުރި ގޮތުން ތި ދެކުދީން ކައިވެނިކޮށްގެން ދިރިއުޅޭން ގަސްދުކޮށްފައި އޮތީ މިކޮޅުގައި. މާޔާގެ ކައިރީ ދަރިފުޅު ހުރުމާމެދު ދަރިފުޅުގެ ބައްޕަގެ ޚިޔާލަކީ ކޮބާ؟. ދަރިފުޅާ ބައްދަލުކުރާން މިކޮޅަށް އަންނަނީތަ؟." ހުމައިރާ އަހާލި އެވެ.
"ދަރިފުޅު... ހުންނާނީ... އަހަރެންގެ ކައިރީ." އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު މާޔާ ބުންޏެވެ.
"ކީއްވެ ވަރިވާންޖެހުނީ." ހުމައިރާ އިތުރު ސުވާލެއް ކުރި އެވެ.
"އޭނާ ވެރިވާން ބޭނުންވީ." ހިންދިރުވާލުމާއެކު މާޔާއަށް ޖަވާބުދޭން އުނދަގޫވި އެވެ.
"ރާހިންދެކެ ލޯބިވޭތަ؟." ހުމައިރާގެ ސުވާލުން މާޔާއަށް ކުއްލިއަކަށް ބަލާލެވުނެވެ.
(ނުނިމޭ)