ޖަޕާންގެ މިޔަޒަކީ އެއާޕޯޓުގެ ޓެކްސީވޭ އަޑީގައި ވަޅުލާފައި އޮތް -- ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ވައްޓާލާފައި އޮތް ބޮޑު ބޮމެއް ގޮވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮން ގޮވި ވަގުތަކީ މި އެއާޕޯޓްގައި ޓްރެފިކް ނެތް ވަގުތެކެވެ. އެހެންކަމުން މަތިންދާބޯޓަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
އެއާޕޯޓެއްގައި ޓެކްސީވޭ އަކީ ރަންވޭއަށް މަތިންދާބޯޓު ޖެއްސުމަށްފަހު މީހުން ބޭލުމަށް ދުވެލި މަޑުކުރަމުން ދުއްވާފައި އަންނަ މަގެވެ. މިއީ ރަންވޭގެ ބައެކެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން ބޮން ގޮވި ވަގުތު ފެންއަރާވަޑާމަކުން ފެންގަނޑު މައްޗަށް ބުރުވާލާ ގޮތަށް ވެލިގަނޑު އަރައިގެން ދިޔަ އެވެ. އަދި އެތަނުގައި ބޮޑު ވަޅުގަނޑެއް މިހާރު ހުރީ ހެދިފަ އެވެ.
މިއީ ޓެކްސީވޭގެ ވަރަށް އަޑީގައި ވަޅުލާފައި އޮތް ބޮމެއް ކަމަށް ބުނެވެ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މި ބޮން ވަޅުލި ބަޔަކު ހީކުރީ، އެހާ އަޑީގައި ވަޅުލުމުން -- އެ ތަނުގައި ބޮން ގޮވި ނަމަވެސް ބިމުން މައްޗަށް އިޝާރާތެއް ނުވާނެ ކަމަށެވެ.
ބޮން ގޮވި ސީސީޓީވީ ވީޑީއޯތައް އިންޓަނެޓްގައި މިހާރު ފެންނަން އެބަ ހުއްޓެވެ. ވީޑިއޯތަކުން ފެންނަނީ ފަސްގަނޑު އުދުހިފައި މައްޗަށް އަރައިގެންދާ މަންޒަރެވެ.
މި ބޮން ގޮވި ވަގުތު ޓެކްސީވޭގައި މަތިންދާބޯޓެއް އޮތް ނަމަ، ވެލިގަނޑާ އެކު ބޯޓުވެސް ބުރުވާލާނެ ކަމަށް އަސްކަރީ މާހިރުން ވިދާޅުވި އެވެ.
ޓެކްސީވޭ މަރާމާތުކުރުމަށްޓަކައި އެއާޕޯޓް މިހާރު އޮތީ ބަންދުކޮށްފަ އެވެ. ހަބަރުތައް ބުނާ ގޮތުން މިއީ ދުވާލަކު 70 އަށް ވުރެ ގިނަ މަތިންދާބޯޓު ދަތުރުކުރާ އެއާޕޯޓެކެވެ.
ޖަޕާންގެ ސިވިލްއޭވިޝަނާ ހަވާލާދީފައި ހުރި ރިޕޯޓްްތައް ބުނާ ގޮތުން އެއާޕޯޓް ބަންދުކޮށްފައި ނުބާއްވާނެ އެވެ. ޓެކްސީވޭ މަރާމާތުކުރެވުނުހާ އަވަހަށް އެއާޕޯޓް ހުޅުވާނެ އެވެ.
ޖަޕާންގެ ސެލްފް ޑިވެންސް ފޯސަސް އިން ބުނާ ގޮތުން ގޮވި ބޮމުގެ ބަރުދަނީ 226 ކިލޯ އެވެ. މި ބޮން ކުއްލި ގޮތަކަށް ގޮވަން ޖެހުނު ސަބަބު އަދި ނޭނގޭ ކަމަށް ޖަޕާންގެ އިދާރާތަކުން ބުންޏެވެ.
މިޔަޒަކީ އެއާޕޯޓަކީ އަސްކަރީ ބޭނުންތަކަށް 1943 ގައި ހެދި އެއާޕޯޓެކެވެ. މި އެއާޕޯޓުން އާންމު ގޮތެއްގައި އުދުއްސާފައިވަނީ ތަންތަނަށް ބޮންއަޅަން ދިޔަ ބޯޓުތަކެވެ. މި ބޯޓުތަކުގެ ތެރޭގައި ޕައިލެޓް އަމިއްލައަށް މަރުވެގެން ހަމަލާދޭން ފޮނުވި ބޯޓުތައްވެސް ހިމެނެ އެވެ.