އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގަ އެވެ.
މި ދެބޭފުޅުންގެ ބައްދަލު ކުރެއްވުމަކީ -- ދުނިޔޭގެ ނޫސްތަކުން ބުނާ ގޮތުން -- ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒާ ދެކޮޅަށް އަސްކަރީ ގޮތުން އެއްބާރު ލެއްވުމަށް ބޭއްވި މަޝްވަރާ ބައްދަލު ވުމެކެވެ.
ޗައިނާގެ މައްޗަށް ބާރުގަދަ ކުރުމަކީ ޖަޕާނަށާއި އެމެރިކާއަށް ވަރަށް ފަސޭހަކަމާ އެކު އެއްގަލަކަށް އެރޭ މައުލޫއެކެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ވެސް ވަނީ މި މައުލޫ ތަފުސީލުކުރައްވައި -- އެމެރިކާއަށް އޮތް އެންމެ ބޮޑު ވާދަވެރި ކަމަކީ ޗައިނާ ކަމަށް ވިދާޅުވެފަ އެވެ.
ޖަޕާންގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި އޯވަލް އޮފީހުގައި ކުރެއްވި މަޝްވަރާތަކުގައި ޗައިނާގެ ނަންގަނެ ބައިޑަން އެއްވެސް ވާހަކައެއް ވިދާޅެއް ނުވެ އެވެ. ވިދާޅުވިހާ ވެސް އެއްޗަކީ އެމެރިކާ އާއި ޖަޕާން ދުވަހަކު ވެސް މިހާ ގާތް ނުވާ ކަމަށެވެ. މަޝްވަރާގެ ބޮޑުބައި އޮތީ ދޮންރު ބަންދު ކޮޓަރިއެއްގަ އެވެ.
ޖަޕާންގެ އަސްކަރިއްޔާ ފުޅާކުރަން އެ ގައުމުން ވިސްނާ ވިސްނުމުގައި އެމެރިކާގެ އެހީތެރިކަން އޮންނާނެ ކަމަށް ކުރިންވެސް އޮތީ ބުނެފަ އެވެ. އަދި ޖަޕާންގެ އަސްކަރިއްޔާއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމަށް އެމެރިކާއިން ވަނީ ޖަޕާނާ އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
ފުމިއޯ ކިޝިދާ އެމެރިކާއަށް ވަޑައިގެންނެވި މައިގަނޑު ބޭނުމަކީ ވެސް އަސްކަރިއްޔާ ބާރުގަދަކުރުމަށް އެމެރިކާގެ އެއްބާލުން ހޯއްދެވުމެވެ. އަސްކަރިއްޔާއަށް ކުރާ ހޭދަ މިއިން ޒަމާނަކު ވެސް އިތުރުނުކުރާ ވަރަށް ޖަޕާނުން މިހާރު ވަނީ އިތުރުކުރަން ނިންމާފަ އެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާންގެ އަސްކަރިއްޔާ މުއްސަނދި ކުރުމަކީ އެ ގައުމުން މިހާތަށް ގެންގުޅުނު ސިޔާސަތެއް ނޫނެވެ. ޖަޕާން ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަނީ އެމެރިކާއާ އެކު ވެފައި އޮންނަ އެއްބަސްވުމަކުންނެވެ.
މި އެއްބަސްވުން މިހާރު ވެސް ދެގައުމުގެ ދެމެދުގައި އޮވެ އެވެ.
އެމެރިކާ ބުނާ ގޮތުން ޖަޕާނުން އަސްކަރިއްޔާއަށް ހޭދަކުރި ނަމަވެސް ޖަޕާންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމެރިކާއަށް އޮތް ޒިންމާ އެކެވެ.